
ބ. އަތޮޅު ހޮސްޕިޓަލުގައި ކުރިން ހުރި އަންހެނުންގެ ހާއްސަ ޑޮކްޓަރު އާންމުންގެ ވަރަށް ގިނަ ޝަކުވާތަކަކާ ގުޅިގެން ބަދަލު ކުރުމަށްފަހު އާ ޑޮކްޓަރަކު ގެނެސް ހިދުމަތް ދޭން ފަށައިފި އެވެ.
ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ ކުރިން އެތަނުގައި ހުރި އަންހެނުންގެ ޑޮކްޓަރުގެ ބަދަލުގައި ގެނައި ޑޮކްޓަރު މި ރަށަށް އައިސްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. އަދި އަލަށް ގެނެއި ޑޮކްޓަރު ރަސްމީކޮށް ހޮސްޕިޓަލަށް މިދިޔަ ހޮނިހިރު ދުވަހު ނިކުމެ ބަލި މީހުންނަށް ފަރުވާ ދޭން ފަށާފައިވާ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.
ހޮސްޕިޓަލްގައި ކުރިން ހުރި ބަނގްލަދޭޝްގެ އަންހެނުންގެ ހާއްސަ ފިރިހެން ޑޮކްޓަރުގެ ބަދަލުގައި މި ފަހަރު ގެނެސްފައި ވަނީ މިސްރުގެ ފިރިހެން ޑޮކްޓަރެކެވެ.
އޮފިޝަލް ވިދާޅުވީ ހޮސްޕިޓަލާ އަލަށް ގުޅުނު ޑޮކްޓަރަކީ މުޅިން އަލަށް ރާއްޖެ އައި ޑޮކްޓަރެއް ކަމަށެވެ.