ބ. އަތޮޅު ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ކަށީގެ ކުޑަ އޮޕަރޭޝަނެއް ކޮށްފި

ޑޮކްޓަރަށް ދެއްކުމަށް ބ. އަތޮޅު ހޮސްޕިޓަލަށް ގޮސްތިބި ބަޔަކު މަޑުކޮށްލައިގެން—ފިޓޯ / އަތޮޅު ހޮސްޕިޓަލް
ޑޮކްޓަރަށް ދެއްކުމަށް ބ. އަތޮޅު ހޮސްޕިޓަލަށް ގޮސްތިބި ބަޔަކު މަޑުކޮށްލައިގެން—ފިޓޯ / އަތޮޅު ހޮސްޕިޓަލް

 

ބ. އަތޮޅު ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ކަށީގެ ކުޑަ އޮޕަރޭޝަނެއް ކޮށްފި އެވެ.

ބ. އަތޮޅު ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ޑިސެމްބަރު 19 ގައި އެ އޮޕަރޭޝަން ކޮށްފައިވަނީ 53 އަހަރުގެ އޭދަފުށީ އަންހެނެއްގެ އެވެ. އެ އޮޕަރޭޝަން ކުރީ އެ މީހާގެ އަތްތިލައިގެ އިނގިއްޔެއް ހުޅުން ނެއްޓި ކަށިކޮޅު ފިތިފައިވުމުގެ ސަބަބުންނެވެ.

އޭނާ ވިދާޅުވި ގޮތުގައި އައިޖީއެމްއެޗުގެ ކަށީގެ ޑިޕާޓްމަންޓުގެ އިސްވެރިޔާ ޑރ. ޔޫސުފް ޝާން ކުރި އެ އޮޕަރޭޝަން ދިޔައީ ވަރަށް ކާމިޔާބުކޮށް ކަމަށާއި އޮޕަރޭޝަނުގައި އެއްވެސް ވަރެއްގެ ދައްޗަކާ ކުރިމަތިވެފައި ނުވާ ކަމަށެވެ.

“އެއީ މިދިޔަ ހަފްތާގައި އޭދަފުށީ މެޑިކަލް ސެންޓަރުން ހިންގި މެޑިކަލް ކޭމްޕްގައި ޑރ. ޝާން އަށް ދައްކައި ފަރުވާ ހޯދަން އައި މީހެއް. ހޮސްޕިޓަލުގައި އެ އޮޕަރޭޝަން ކުރެވޭނެ އިންތިޒާމް ހަމަޖެހުމުން އެ އޮޕަރޭޝަން ކުރީ. އޮޕަރޭޝަން ވަރަށް ކާމިޔާބު،”

އޭދަފުށީ މެޑީކަލް މެޑިކަލް ސެންޓަރު (އީއެމްސީ) އިން ބުނީ ކުރިއަށް އޮތް ތަނުގައި ވެސް އެ ކްލިނިކުން ހިންގާ މެޑިކަލް ކޭމްޕްތަކުގައި ކުދިކުދި އޮޕަރޭޝަންތައް ކުރަންޖެހޭ ފަރާތްތަކަށް އަތޮޅު ހޮސްޕިޓަލާއި ގުޅިގެން މިފަދަ އޮޕަރޭޝަންތައް ކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

“އަމިއްލަ ރަށުގައިތިބެ މި އޮޕަރޭޝަން ކުރުމުން ވަރަށް ބޮޑު ލުއި ކަމެއް ލިބިގެންދިޔަ ކަމަށް އެ އާއިލާގެ ފަރާތުން ވެސް އަޅުގަނޑުމެންނަށް ވަނީ އެނގިފައި، ކުރިއަށް އޮތް ތަނުގައިވެސް މިފަދަ ކުދިކުދި އޮޕަރޭޝަންތައް ކުރުމުގެ ފުރުސަތު އެބައޮތް،”

އީއެމްސީން ބުނީ ކޮންމެ ދެމަހުން އެއްމަހު ޑރ. ޝާން އޭދަފުށްޓަށް ވަޑައިގެން އެ ސެންޓަރުގައި ބަލި މީހުން ބެލުމަށް ޝެޑިއުލް ކުރެވިފައިވާ ކަމަށެވެ.

އައިޖީއެމްއެޗުގެ ކަށީގެ ޑިޕާޓްމަންޓުގެ ހެޑް ޝާން:
އައިޖީއެމްއެޗުގެ ކަށީގެ ޑިޕާޓްމަންޓުގެ ހެޑް ޝާން:

 

“ވަރަށް ބޮޑު ތަރުހީބެއް ލިބޭ، މިދިޔަ ހަފްތާ ބޭއްވި ކޭމްޕަށްވެސް މާލޭގައި ޑރ ޝާން އަށް ދެއްކުމަށް އެޕޮއިންޓްމެންޓް ނަގާފައިތިބި ބައެއް އެހެން ރަށްރަށުގެ މީހުންވެސް މިކޮށްޅަށް އައިސް ދައްކާފައި އެބަހުރި، މިއީ އަތޮޅުގެ ރައްޔިތުންނަވެސް ލިބޭނެ ވަރަށް ބޮޑު ލުޔަކަށް ވެގެންދާނެ،”

ޑރ ޝާން އަށް ދެއްކުމަށްޓަކައި މާލެގޮސް އެޕޮއިންޓްމަންޓް ހެއްދިމީހަކު ބުނީ އެމީހާއަށް އެޕޮއިންޓްމަންޓް ލިބުނީ 1728 ވަނައަށް ކަމަށެވެ. އެހެންކަމުން އެމީހާއަށް ޑޮކްޓަރަށް ދެއްކެން އަންނަނީ މިހިނގާ ބޮޑުޗުއްޓީވެސް ނިމި އެތައް މަހެއްފަހުންނެވެ.

“އަޅުގަނޑަށް އެޕޮއިންޓްމަންޓް ލިބުނީ 1728 ވަނައަށް، ލައްވާލާނެ ދުވަހެއްވެސް ނޭނގޭ، މާލޭގައި އެތައް މަސްދުވަހެއްނަގާނެ ޑރ އަށް ދައްކަން، ﷲގެ އިރާދަފުޅުން މި ލިބުނީ ވަރަށްބޮޑު ލުއެއް،” އޭދަފުށިން ވާހަކަ ދެއްކި މީހަކު ކިޔައިދިނެވެ.

އޭދަފުށީ މެޑިކަލް ސެންޓަރަކީ މިއަހަރުގެ ޖޫން މަހުން ފެށިގެން ހިންގަމުން އަންނަ ކްލިނިކެކެވެ. އާއްމުގޮތެއްގައި އެ ކްލިނިކަށް ޒިޔާރަތް ކުރަނީ ރާއްޖޭގެ މަޝްހޫރު ދިވެހި ސްޕެސަލިސްޓުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.