ސެންޓޭ: ފޯވަޑު ލައިނުގައިވެސް އެއް ވަނަ! މިޑްފީލްޑްގައިވެސް އެވަރެއް ނެތް!

އަލީ ފާސިރު ސެންޓޭ-- ފޮޓޯ / މޯލްޑިވްސް ސޮކަ.ކޮމް
އަލީ ފާސިރު ސެންޓޭ– ފޮޓޯ / މޯލްޑިވްސް ސޮކަ.ކޮމް

 

[ނޯޓް: މިއީ މިހާރު ކުރިއަށްދާ ސާފް ސުޒުކީ ކަޕުގައި ރާއްޖޭގެ ގައުމީ ޓީމަށް ކުޅޭ އޭދަފުއްޓަށް އުފަން ހުނަރުވެރި ޒުވާން ކުޅުންތެރިޔާ އަލީ ފާސިރު (ސެންޓޭ)އާ ބެހޭގޮތުން ސަން އޮންލައިނުގައި ލިޔެފައިވާ ލިޔުމެކެވެ.]

އެއީ ފުޓްބޯޅައިގެ ރަށެއް ކަމަށްވާ ބ. އޭދަފުއްޓަށް އުފަން ކުޅުންތެރިޔެކެވެ. ޕްރޮފެޝަނަލް ފުޓްބޯޅައިގެ ތެރެއަށް އޭނާ ނިކުތީ ކުލަބު އީގަލްސްގެ ދޮރުންނެވެ. އެއަށްފަހު އޯލް ޔޫތު ލިންކޭޖު (އޭވައިއެލް) އަށާއި ވެލެންސީއާއަށް ކުޅުމަފަހު އޭނާ ފެނުނީ ވިކްޓަރީއިންނާއި ނިއުއިންނެވެ. މިދިޔަ ސީޒަންގެ ދިވެހި ޕްރިމިއާ ލީގް ޗެމްޕިއަންކަން ނިއު ހޯދިއިރު އޭނާއަކީ އެކާމިޔާބުގެ އެންމެ މުހިންމު އެއް ހިއްސާދާރެވެ. ޓީމުގެ ވައިސް ކެޕްޓަނެވެ.

އުމުރުން މިހާރު 27 އަހަރުގެ ޢަލީ ފާސިރު (ސެންޓޭ) އަކީ މިއަދު ދިވެހި ފުޓްބޯޅައިގެ އެންމެ އުހުގައި ރަސްކަން ކުރަމުންދާ ކުޅުންތެރިންގެ ތެރެއިން ހުނަރުވެރި ފޯވާޑެވެ. ގައުމީ ޓީމުން ޖާގަ ހޯދަން ފެށިފަހުން ކޮންމެ ކޯޗެއް ގައުމީ ޓީމުގައި ހުރި ކަމުގައި ވީނަމަވެސް އެކޯޗުންގެ ލިސްޓަށް އޭނާގެ ނަން އަރަައެވެ.

މިފަހަރު ސާފް ސުޒުކީ ކަޕަށް ނެގި 29 ކުޅުންތެރިންގެ ސްކޮޑް ފުރާނާ ލުމަށްފަހު މުބާރާތަށް ގެނައި 20 ކުޅުންތެރިންގެ ފައިނަލް ސްކޮޑުގައި ކޯޗް ރިކީ ހާބަޓް ސެންޓޭއަށް ޖާގަދިނީ ސަބެއް ނެތިއެއް ނޫނެވެ.

ސާފް ސުޒުކީ ކަޕުގައި ރާއްޖެ އާއި އަފްގާނިސްތާން ކުޅުނު މެޗު: ފޮޓޯ/ އެފްއޭއެމް (އިބްރާހިމް ފާއިދު)
ސާފް ސުޒުކީ ކަޕުގައި ރާއްޖެ އާއި އަފްގާނިސްތާން ކުޅުނު މެޗު: ފޮޓޯ/ އެފްއޭއެމް (އިބްރާހިމް ފާއިދު)

 

އޭނާވަނީ އެކަން މުބާރާތުގައި ސާބިތުކޮށްދީފައެވެ. ކްލަބުގައި އެއީ ރާއްޖޭގެ އެއްވަނަ ފޯވަޑުންގެ ތެރޭގައި ހިމެނޭ ކުޅުންތެރިޔެކެވެ.

ނަމަވެސް ސާފް ސުޒުކީ ކަޕްގައި އޭނާއަކީ ފޯވާޑެއް ނޫނެވެ. ކޯޗް ހާބަޓް އޭނާއަށް ދީފައިވަނީ އެޓޭކިން މިޑްފީލްޑަރެއްގެ ރޯލެވެ. ނަމަވެސް ތަފާތު ޑިޕާޓުމެންޓަކަށް ކުޅުނަސް ސެންޓޭ ކުޅުން ފަނޑެއް ނުވެއެވެ.

އޭނާގެ ބަހަކީ “ކޯޗް ކުޅުވާ ތަނަކަށް ކުޅެން ތައްޔާރު” ކަމަށެވެ. މުބާރާތުގައި ފުލްކޮށް ކުޅުނު ދެމެޗުގައިވެސް ސެންޓޭ ވަނީ ތަފާތު ދައްކާފަައެވެ. އޭނާ ބުނީ ގައުމީ ޖޯޒީގައި ކޮންމެ ތަނަކަށް ކުޅެން ޖެހުމަކީ ވެސް ޝަރަފެއް ކަމަށާއި ކޮންމެ ތާކަށް ކުޅުނު ކަމުގައިވިޔަސް ގައުމީ ޚިދުމަތުގައި ތައްޔާރު ކަމަށެވެ. މިއީ ކުޅުންތެރިޔެއްގެ ކިބައިގައި ހުންނަންޖެހޭ އެންމެ މުހިންމު އެއް ކޮލިޓީއެވެ. ކޮންމެ ތާކަށް ކުޅުނު ކަމުގައިވިޔަސް އެއްވަރެއްގައި ހުނަރުވެރިކަން ހިފެހެއްޓުމެވެ.

ސާފް ސުޒުކީ ކަޕްގައި ސެންޓޭގެ ވާހަކަ ދައްކަން ޖެހޭ އަނެއް ސަބަބަކީ އަފުޣާނިސްތާންގެ ރެކޯޑު ނިމުމަކަށް ގެނައި ކުޅުންތެރިޔާއަށް ސެންޓޭވުމެވެ.

އަފުޣާނިސްތާންގެ ކޯޗް ޕީޓާ ސާގެޓް، މުބާރާތުގެ ފުރަތަމަ ދެ މެޗު ނިންމުމަށްފަހު ބުނީ އެޓީމު އެންމެ ފަހުން ކުޅުނު ހަތަރު މެޗްގައި ގޯލަށް ލަނޑެއް ވަދެފައި ނުވާ ވާހަކައެވެ. އެއީ ވޯލްޑްކަޕް ކޮލިފައިންގެ ދެ މެޗާއި ސާފް ސުޒުކީ ކަޕްގެ ދެމެޗެވެ.

ނަމަވެސް ސެންޓޭ ވަނީ އަފުޣާނިސްތާން ޓީމަށް ދެ ވަނަ ފަހަރަށްވެސް އޭނާގެ ފެންވަރު ދައްކާލައި އެޓީމުން ދަމަހައްޓަމުން އައި ރެކޯޑަށް ނިމުން ގެނެސްފައެެވެ.

ސެންޓޭ ވަނީ މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި އޭއެފްސީ ޗެލެންޖު ކަޕްގައިވެސް އަފުގާން ކޮޅަށް ލަނޑު ޖާހާފައެވެ. އެހެންވެ ސެންޓޭއަކީ ދިވެހި ކުޅުންތެރިންގެ ތެރެއިން އަފުޣާނިސްތާން ކޮޅަށް ލަނޑުޖަހަން އެންގޭ ކުޅުންތެރިޔެކެވެ.
ނަމަވެސް ސެންޓޭއަށް މުހިންމުވީ ޖެހިޖެހިގެން އަފުޣާނިސްތާން ކޮޅަށް ގޯލް ޖެހުމެއް ނޫނެވެ. އޭނާ ބުނީ “އެއަށްވުރެ އުފާވަނީ ގައުމީ ޓީީމަށް ލަނޑެއް ޖެހުމުން” ކަމަށެވެ. މިއީ ކޮންމެ ކުޅުންތެރިޔަކުވެސް އޭނާގެ ފުޓްބޯޅައިގެ ކެރިއަރުގައި ހާސިލު ކުރަން ބޭނުންވާނެ އެންމެ މުހިންމު މަގުސަދެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.