
މިނިވަން ފަންސާސް ޗެމްޕިއަންޝިޕް ޒޯން 3 ގައި ހިމެނޭ ދުވާފަރާއި އޭދަފުށި މިއަދު ހަވީރު މާލޭގައި ކުޅުމަށް ހަމަޖެހިފައިވާ ދެވަނަ މެޗަށް ދުވާފަރު ޓީމު އަދިވެސް މާލެ ނުދެއެވެ.
އެކަން އެޓީމުގެ ކޯޗު އަހްމަދު އަލިފުޅުވެސްވަނީ އީޓީއަށް ޔަގީން ކޮށްދީފަ އެވެ.
މީގެ ކުރިން ތިންފަހަރެއްގެ މަތީން ފަސްކުރި މިމެޗު އެފްއޭއެމުން މާލޭގައި ކުޅޭގޮތަށް ހަމަޖެއްސީ މިދިޔަ މަހުގެ 15 ވަނަ ދުވަހު އޭދަފުއްޓާއި ދުވާފަރު ބައްދަލުކުރި މެޗު ނިމުމުން ހިނގާދިޔަ ހަމަނުޖެހުންތަކާއި ގުޅިގެންނެވެ. އެ މެޗު ނިމުމުން ދުވާފަރު ޓީމުގެ ބައެއް ކުޅުންތެރިންނާއި ފުލުހުންނާއި ދެމެދު ވަނީ ހަމަނުޖެހުން ހިނގާފައެވެ. އަދި މެޗު ނިމުމުން ދުވާފަރު ޓީމުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ދަނޑަށް އަރާފަ އެވެ.
ދުވާފަރު ޓީމުގެ ކޯޗު ބުނީ މިއަދުގެ އެ މެޗަށް ޓީމު މާލެ ނުދާ ކަމަށާއި އެ ޓީމުން އެދުނު އެއްވެސް ކަމެއް އެފްއޭއެމުން ތަނަވަސްކޮށްދީފައި ނުވާކަމަށެވެ.
“އަޅުގަޑުމެން މިތިބީ މި މެޗު ނުކުޅޭކަން ނޫން، މެޗު ކުޅެން އަޅުގަނޑުމެންވެސް ތައްޔާރު. އެކަމަކު އަޅުގަނޑުމެން މި އެދެނީ އަޅުގަނޑުމެންގެ ހޯމް މެޗުގެ އެޑްވާންޓޭޖާއެކު ރަށުގައި ކުޅުމަށް ތަނަވަސްކޮށްދެއްވާށޭ. އެބޭފުޅުން [އެފްއޭއެމް] ވިދާޅުވަނީ ސެކިއުރިޓީ އިޝޫސްތަކެއް ހުރީމަ ނިއުޓްރަލް ދަނޑެއްގައި ކުޅެންޖެހެނީ. އަޅުގަޑުމެން ޔަގީންކަން އެބަދެން ރައްކާތެރިކަން ކަށަވަރުކޮށްދޭނެކަމުގެ. އެކަކަމު އެބޭފުޅުން އެކަމެއް ގަބޫލެެއް ނުކުރޭ،”
މުބާރާތުގައި ކުޅުމަށް އޭދަފުށީ ޓީމު ރޭ ވަނީ މާލެ ފުރައިފަ އެވެ. އަދި މި މެޗު ޗެނަލް13 އިން ލައިވްކުރަންވެސް ވަނީ ނިންމާފައެވެ.
އެފްއޭއެމް އިން ބުނީ ދުވާފަރު ޓީމު މެޗު ނުކުޅޭނެކަން އަންގާފައިނުވާ ކަމަށާއި އެ ޓީމު މިއަދުގެ މެޗަށް ހާޒިރު ނުވެއްޖެނަމަ، ގަވާއިދުގައިވާގޮތުގެ މަތިން އަމަލު ކުރާނެ ކަމަށެވެ.

Kashavaru koh dheynamey bunyas hama Bali vaa irah araigannaane
Thi Dhuvaafaru meehun thee kon Kahala baehkan ingeyne emmenahvs
Thee football Kulhen heyo vaavaru rasheh nun…