އޭދަފުއްޓާއި ދެކޮޅަށް ނިކުންނާނީ ފުރިހަމަ އިހްތިރާމާއެކު: ފަރެސްމާތޮޑާ ކޯޗު

އޭދަފުށީ ޓީމު އިއްޔެ އައްޑޫގައި ޕްރެކްޓިސް ކުރަނީ-- ފޮޓޯ / އައްޑޫ ލައިވް
އޭދަފުށީ ޓީމު އިއްޔެ އައްޑޫގައި ޕްރެކްޓިސް ކުރަނީ– ފޮޓޯ / އައްޑޫ ލައިވް

މިއަދު ހަވީރު އޭދަފުއްޓާއި ދެކޮޅަށް ކުޅޭ މެޗަށް ނިކުންނާނީ ފުރިހަމަ އިހްތިރާމާއެކު ކަމަށާއި، މިއަދުގެ މެޗަކީ ވަރަށް ހާއްޞަ މެޗެއްކަމަށް ފަރެސްމާތޮޑާ ޓީމުގެ ކޯޗު ފަޒީން މުޙައްމަދު ބުނެފި އެވެ.

މެޗުގެ ކުރިން “އީޓީ” އާއި ވާހަކަދައްކަމުން ކޯޗު ބުނީ ފުޓްބޯޅައިގެ ނަމަށް ބަލާއިރު އޭދަފުއްޓަކީ ރަންއަކުރުން ލިޔެވިފައިވާ ރަށެއްކަމަށެވެ.

” އަޅުގަނޑުމެން މި ނިކުންނަނީ ދިވެހިރާއްޖޭގެ ތާރީޚުގައި ރަން އަކުރުން ލިޔެވިފައި އޮތް ރަށަކާ ދެކޮޅަށް. މެޗަށް ނިކުންނާނީ އެވަރު ދަނެގެން. ކޯޗެއްގެ ހައިސިއްޔަތުން އޭދަފުއްޓަށް ފުރިހަމަ އިހްތިރާމް ކުރާނަން. ފައިނަލުގެ ޖާގައެއް ހޯދަން ޓީމު އޮތީ ތައްޔާރަށް”

މީގެ އިތުރުން ފަޒީން ބުނީ މިއަދުގެ މެޗަށް ނިކުންނައިރު އޭދަފުއްޓަކީ ހުރިހާގޮތަކުން ވެސް ފަރެސްމާތޮޑާއަށްވުރެ ކުރީގައި އުޅޭ ޓީމެއްކަމަށާއި، މި މުބާރާތުގެ ގަދަ ހަތަރު ރަށުގެ ތެރޭގައި ހިމެނުމަކީ ފަރެސްމާތޮޑާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

“ނަމަށް ބެލިޔަސް، ތަޖުރިބާއަށް ބެލިޔަސް، އޭދަފުށި އޮތީ ކުރީގަ. އެކަމު އަޅުގަނޑުމެންވެސް މިހާރު މި ހިމެނެނީ ދިވެހިރާއްޖޭގެ ގަދަ ހަތަރު ރަށުގެ ތެރޭގައި. މިއީ ފަރެސްމާތޮޑާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް. އަދި މިއީ ރަށުގެ ތާރީޚުގައި ވެސް މިހާތަނަށް ނުލިބޭ ކާމިޔާބީއެއް. މި ބުރަ މަސައްކަތަށް ރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން ”

މިއަދުގެ މެޗުގައިވެސް ކުޅޭނީ އެ ޓީމުގެ އަމިއްލަ ގޭމުކަމަށާއި، އޭދަފުއްޓާއި ދެކޮޅަށް ވީތީ ވަކި ބަދަލެއް ނުގެންނާނެކަމަށް ކޯޗު ބުންޏެވެ. މެޗަށް ނިކުންނައިރު ފަރެސްމާތޮޑާ ޓީމުގައި މުހިއްމު ދައުރެއް އަދާކުރާ ބިދޭސީ އެއް ކުޅުންތެރިއަކަށް ވަނީ ދެކާޑު ހަމަވެގެން ސަސްޕެންޑް ވެފައެވެ.

މިއަދުގެ މެޗަށް ނިކުންނައިރު މިދެޓީމު މީގެ ކުރިން ބައްދަލުކޮށްފައެއް ނުވެއެވެ. މުބާރާތުގެ ސެމީ ފައިނަލުން ފަރެސްމާތޮޑާ ޖާގަ ހޯދީ އައްޑޫގައި ކުރިއަށްދިޔަ ގްރޫޕް ސްޓޭޖްގެ ދެވަނަ ހޯދައިގެންނެވެ. އޭދަފުއްޓަށް ސެމީގެ ޖާގައެއް ލިބުނީ ކުޅުދުއްފުށީގައި ކުޅުނު ގްރޫޕުން އެއްވަނަ ހޯދައިގެންނެވެ. މިއަދުގެ މެޗް ފަށާނީ ހަވީރު 15:45 ގައެވެ. މި މެޗު ޓީވީއެމް އިން ވަގުތުން ދައްކާނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.