ވީޑިއޯ މެދުވެރިކޮށް ޓީއާރުސީ ކޮންފަރެންސް ބާއްވައިފި

ޓީއާރުސީތަކުގެ ވީޑިއޯ ކޮންފަރެންސްގެ ތެރެއިން—ފޮޓޯ / ބ. ޓީއާރުސީ
ޓީއާރުސީތަކުގެ ވީޑިއޯ ކޮންފަރެންސްގެ ތެރެއިން—ފޮޓޯ / ބ. ޓީއާރުސީ

ވީޑިއޯ ކޮންފަރެންސިން ސިސްޓަމް ބޭނުންކޮށްގެން އެޑިއުކޭޝަން މިނިސްޓްރީން ފުރަތަމަ ފަހަރަށް ޓީއާރުސީ ކޮންފަރެންސް ބާއްވައިފި އެވެ.

ރާއްޖޭގެ އެކި އަތޮޅުތަކުގެ 20 ޓީޗާސް ރިސޯސް ސެންޓަރު، ޓެކްނޮލޮޖީގެ ވިއުގައަކުން ގުޅާލައިގެން ބޭއްވި މި ކޮންފަރެންސްގައި ޓީޗަރުން ވަނީ މިދިޔަ އަހަރު ތައާރަފްކުރި އާ މަންހަޖާ ގުޅޭގޮތުން ސްކޫލުތަކުގެ ތަޖުރިބާއާ ގުޅޭގޮތުން ވާހަކަ ދައްކާފަ އެވެ.

މި ކޮންފަރެންސް ފައްޓަވައިދެއްވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ އާ މަންހަޖު ތަންފީޒު ކުރުމުގެ މަސައްކަތް ކާމިޔާބުކަމާ އެކީ ކުރިއަށް ގެންދިޔުމަށް، ޓީޗަރުންނަށް ފަންނީ ތަމްރީނު ދިނުމަކީ މި އަހަރުގެ ބޮޑު އަމާޒެއް ކަމަށެވެ. އަދި މިކަންތައް ހާސިލް ކުރުމަށް މި އަހަރު ތެރޭ އިތުރު 10 އަތޮޅެއްގައި ވީޑިއޯ ކޮންފަރެންސް ސިސްޓަމް ގާއިމުކޮށް، މުޅި ރާއްޖޭގެ ހުރިހާ އަތޮޅެއް މި ނިޒާމުގެ ތެރޭން ގުޅުވާލެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޓީއާރުސީތަކުގެ ވީޑިއޯ ކޮންފަރެންސް ފެށުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވާހަކަ ދައްކަވަނީ-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
ޓީއާރުސީތަކުގެ ވީޑިއޯ ކޮންފަރެންސް ފެށުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވާހަކަ ދައްކަވަނީ– ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

މިދިޔަ އަހަރު ވެސް 10 އަތޮޅެއްގައި ވީޑިއޯ ކޮންފަރެންސް ސިސްޓަމް ގާއިމުކޮށްފައިވެ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ތައުލީމީ ދާއިރާގެ ނިންމުންތައް އަދި ކުރެވޭ މަސައްކަތްތައް ބިނާވާން ޖެހޭނީ ދިރާސާ ހޯދުންތަކުގެ މައްޗަށެވެ. އަދި ދަރިވަރުންނަށް އެންމެ ފައިދާ ހުރި ގޮތްތަކަކީ ކޮބައިތޯ ބަލަން ޖެހެނީ ވެސް އެ ހޯދުންތަކަށް ބަލައިގެން ކަމަށް ވިދާޅުވި އެވެ.

ޓީއާރުސީތަކަކީ ތައުލީމީ ވަރަށް މުހިއްމު ބިނާތަކެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ސްކޫލުތަކުގެ ތައުލީމީ ފެންވަރު ރަނގަޅު ކުރުމަށް އެތަންތަނުގެ ދައުރު ބޮޑު ކަމާއި އެއީ އަތޮޅު ފެންވަރުގައި ފަސޭހަކަމާއެކު ކައިރިން އެހީތެރިކަން ފޯރުކޮށްދެވޭނެ ތަންތަން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.