ޓީމަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ފިޓްނަސް ނެތުން: ބައްޓޭ

ޓީމާއެކު ރަށަށް އައިސް ބައްޓޭ ރޭ އީޓީ އަށް އިންޓަވިއުދެނީ -- އީޓީ ފޮޓޯ / ރާއިފް
ޓީމާއެކު ރަށަށް އައިސް ބައްޓޭ ރޭ އީޓީ އަށް އިންޓަވިއުދެނީ — އީޓީ ފޮޓޯ / ރާއިފް

މިނިވަން ފަންސާސް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން ބަލިވެ މުބާރާތުން ކެޓުމުގައި އޭދަފުށީ ޓީމަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ފިޓްނަސް ނެތުންކަމަށް ޓީމުގެ ކޯޗު އަޙްމަދު ޒާހިދު (ބައްޓޭ) ބުނެފި އެވެ.

މުބާރާތަށްފަހު ރޭ ޓީމު އޭދަފުއްޓަށް އައިސްފައިވާއިރު ބައްޓޭ ވަނީ އޭނާގެ މިފަހަފަރުގެ ތަޖުރިބާ “އީޓީ” އާ ހިއްސާކޮށްފައެވެ.

“ޓީމަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ފިޓްނަސް ނެތުން. ވޭތުވެދިޔަ ތިންމަސްތެރޭގައި މުބާރާތް ކުރިއަށް ދިޔަގޮތުން ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހުން. ޓީމު ބޮޑަށް ބަރޯސާވީ ރިސޯޓުތަކުގައި އުޅޭ ކުދިންނަށް. ޓީމު އެއްކޮށް އެއްވެސް ޕްރެކްޓިސް އެއް ނެތި މުބާރާތަށް ނިކުންނަން ޖެހުނީ. މެޗު ފަށާއިރު އޭދަފުށީ ޓީމުގެ އަސްލު ކުޅުން ފެނިގެންދޭ. ޓީމުގެ ފިޓްނަސް ލެވަލް ދަށްވުމުން މެޗުގެ ފަހުކޮޅަށް ދާއިރު އެންމެ ރަގަޅު ފޯމުގައި ނުކުޅެވޭ”

މީގެ އިތުރުން ބައްޓޭ ބުނީ ގިނަ ދަތުރުތަކެއް ކޮށް ރާއްޖޭގެ އުތުރުން ދެކުނަށް ގޮސް އެ ޓީމުތަކާއި ވާދަކުރުމުގައި ގޮންޖެހުންތަކެއް ދިމާވިކަމަށެވެ. އެގޮތުން ޓީމު އައްޑޫއަށް ގޮސް އޭގެ އަނެއް ދުވަހު މެޗު ކުޅެން ޖެހުމާއި، ދެކުނުން ސެމީ ފައިނަލަށް ހޮވުނު ދެޓީމު އައްޑޫގައި އެތައް ދުވަހެއް ވަންދެން ކޭމްޕުކޮށް އެ ދަނޑަށް ވަރަށް ބޮޑަށް ހޭނުމަކީވެސް އޭދަފުށީ ޓީމަށް ކުރިމަތިވި މައްސަލައެއްކަމަށް ބައްޓޭ ބުންޏެވެ.

މީގެ އިތުރުން ބައްޓޭ ބުނީ އެންމެ ރަގަޅަށް ޕްރެކްޓިސް ނުކުރެވި މުބާރާތުގައި ވާދަކޮށް ތިންވަނަ ލިބުމަކީ ބޮޑު ކާމިޔާބީއެއް ކަމަށެވެ. މި ކާމިޔާބީ ލިބުމުގައި ޓީމުގެ ކުޅުންތެރިންވީ ޤުރުބާނީ ފާހަގަކޮށް ބައްޓޭ ވަނީ އެ ކުޅުންތެރިންނަށް ޝުކުރު އަދާކޮށްފައެވެ. ހާއްސަގޮތެއްގައި ރަށުން ބޭރު ކުޅުންތެރިން ޓީމަށް ދިން ވަގުތު ބައްޓޭ ފާހަގަކުރިއެވެ.

އޭދަފުށީ ޓީމު ރަށަށް އައުމުން މަރުހަބާ ކިޔަނީ
އޭދަފުށީ ޓީމު ރަށަށް އައުމުން މަރުހަބާ ކިޔަނީ

” ފޭދޫ އަދި ފަރެސްމާތޮޑާ ޓީމު އައީ މުބާރާތަށް ވަރަށް ބޮޑަށް ތައްޔާރުވަމުން. އެތައް ދުވަހެއް ވަންދެން ޕްރެކްޓިސްކޮށް ރާއްޖޭން ބޭރު ކުޅުންތެރިންވެސް ހިމަނައިގެން. އެޓީމުތަކުން މާބޮޑަށްވެސް ތައްޔާރުވި. އޭދަފުށީ ޓީމަށް އެވަރަށް މަސައްކަތް ކުރެވުނު ނަމަ ތަށިވެސް ލިބޭނެ. އޭދަފުއްޓަށް ވީމަ ވަކި ތަށި ލިބޭކަށް ނުޖެހޭ. އެކަމުވެސް ކުޅުންތެރިން ވަރަށް ހިތްވަރުކޮށް މި ނަތީޖާ ލިބުނީ. ރަށުން ބޭރުން އައި ކުޅުންތެރިންގެ ތެރެއިން މި މުބާރާތުގައި ކިތުނާ 11 ގޯލް ޖެހި. މުބާރާތް ކުރިއަށް ދިޔައިރު ކިތުނާ ހުރީ ބޮޑު އިންޖަރީއެއްގަ. އޭގެ އިތުރުން މާޖިދުގެ ފަރާތުންވެސް ރަގަޅު ކުޅުމެއް ފެނުނު. އަރިއްޕެ އަށްވެސް ދިމާވީ އިންޖަރީގެ މައްސަލަ. ހުރިހާ ކުޅުންތެރިވެސް އައީ އާއިލާ އަދި ވަޒީފާވެސް އެއްފަރާތަށް ޖައްސާލާފަ. އެ ހުރިހާ ކަމަކާއެކުވެސް ކުޅުންތެރިންވީ ގުރުބާނީއަށް ޝުކުރު އަދާކުރަން،” ތައްޓަށް އުއްމީދު ކުރީ އޭދަފުށީ ޓީމުގެ ކޯޗު ބުންޏެވެ.

މިނިވަން ފަންސާސް ފުޓްބޯޅަ މުބާރާތުން އޭދަފުއްޓަށް ރާއްޖޭގެ ތިންވަނަ ލިބުނު އިރު ޖުމްލަ 76 ރަށަކުން މި މުބާރާތުގައި ވާދަކޮށްފައިވެއެވެ. މުބާރާތުގައި ކުޅުނު 10 މެޗުގައި އޭދަފުށި ޓީމުން 42 ގޯލް ޖަހާފައިވާއިރު ބައިކޮޅަށް ވަނީ 17 ގޯލް ވަދެފައެވެ. މުޅި މުބާރާތުގައިވެސް އޭދަފުށި ބަލިވެފައިވަނީ ހަމައެކަނި ފަރެސްމާތޮޑާ އަތުންނެވެ. އޭދަފުއްޓަށް ނިސްބަތްވާ ގިނަ ކުޅުންތެރިންތަކެއް މިހާރުވެސް އެއްވަނަ ޑިވިޝަންގައި އަދި ގައުމީ ޓީމުގައިވެސް ހިމެނޭއިރު ރަށުގައި ތިބި ކުޅުންތެރިންނާއިއެކު އެކުލަވާލި ޓީމުން މިފަހަރުގެ މުބާރާތުގައި ހޯދި ކާމިޔާބީއަށް “އީޓީ” ގެ ފަރާތުން މަރުހަބާ ކިޔަމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.