މަރުހޫމް ޝާހީން ފުޓްސަލް ޗެލެންޖް އޭޕްރިލް މަހު ފަށަނީ

މިދިޔަ އަހަރުގެ މުބާރާތުގެ ތެރެއިން - ފައިލް ފޮޓޯ
މިދިޔަ އަހަރުގެ މުބާރާތުގެ ތެރެއިން – ފައިލް ފޮޓޯ

އަލް މަރްހޫމް އަހްމަދު ޝާހީންގެ ހަނދާނުގައި ބާއްވާ ތިންވަނަ ފުޓްސަލް މުބާރާތް އަންނަ އޭޕްރިލް މަހުގެ 7 ވަނަ ދުވަހު ފަށާނެ ކަމަށް މުބާރާތް އިންތިޒާމު ކުރާ ކްލަބް ދަ ބިގިނާސް އިން ބުނެފި އެވެ.

މުބާރާތް އިންތިޒާމުކުރާ ފަރާތުން ދައުވަތުދީގެން ބައިވެރިކުރާ ޓީމުތަކާއެކު މި އަހަރުވެސް ޖުމްލަ 12 ޓީމު ބައިވެރިކުރުމަށް ހަމަޖެހިފައިވާ ކަމަށް ދަ ބިގިނާސް އިން ބުންޏެވެ. މުބާރާތަށް ދައުވަތުދެނީ އޭދަފުށީގެ ޓިމުތަކަށާއި މިއަތޮޅުގެ ރިސޯޓް ތަކަށެވެ.

މި މުބާރާތަކީ އަލްމަރުޙޫމް އަޙުމަދު ޝާހީންގެ ހަނދާން އާކޮށް، ބ. އަތޮޅުގެ ރިސޯޓްތަކާއި، އޭދަފުށީ ފުޓްސަލް ޓީމުތަކާއި ދައުވަތު ދެވޭ ހާއްސަ ފަރާތްތަކުގެ މެދުގައި އެކުވެރިކަން ބަދަހިކޮށް، އިޖުތިމާއީ ރޫޙާއި ކުޅިވަރުގެ ރޫހު އާލާކުރުމުގެ މަގުސަދުގައި ބާއްވާ މުބާރާތެކެވެ. އަދި އެކުވެރިކަމާއި އެކު މަސައްކަތް ކުރުމުގެ ރޫޙް އާލާ ކުރުމާއި ރާއްޖޭގައި ފުޓްސަލް ކުރިއެރުވުމާއި މުބާރާތްތަކުގައި ވާދަ ކުރުމުގެ ފުރުސަތު ލިބިފައި ނުވާ ފަރާތްތަކަށް އެފުރުސަތު ހޯދައި ދިނުންވެސް މި މުބާރާޓް ބާއްވާ މަގުސަދުތަކުގެ ތެރޭގައި ހިމެނެ އެވެ.

ބ. އޭދަފުށީ ހަލީމާމަންޒިލް، މަރުހޫމް އަހްމަދު ޝާހީން (ޖޯއީ)، 31، ނިޔާވީ 23 އޮކްޓޯބަރ 2012 ވަނަ ދުވަހު އަޟްހާ އީދުގައި އޭދަފުށީގައި އޮންނަ ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އެ ދުވަހު ހަވީރު ޕްރެކްޓިސް ކުރަމުން ދަނިކޮށް 6:15 ހާއިރު ދަނޑު މަތީގައި މަޑުކޮށްގެން ހުއްޓަ އެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޭނާ އޮތީ ނިޔާވެފައި ކަމަށާއި ނިޔާވީ ހާޓް އެޓޭކެއް ޖެހިގެންކަމަށް ޑޮކްޓަރުން ބުންޏެވެ.

މަރުހޫމް އަހްމަދު ޝާހީން (ޖޯއީ)، އަކީ ކުރިން ކްލަބް އީގަލްސް އަށާއި، އޭނާގެ އަންހެނުން ރަށް ކ. ހުރާގެ ހުއްރިޔާ ސްޕޯޓްސް ކްލަބަށްވެސް މޮޅު ކުޅުމެއް ދައްކާދީފައިވާ ކުޅުންތެރި އެކެވެ. އޭނާ އަކީ ފޯ ސީޒަންސް ކުޑަ ހުރާ ރިސޯޓްގައި ހައުސްކީޕިން ސުޕަވައިޒަރެއްގެ ވަޒީފާ އަދާކުރަމުން ދިޔަ ހީވާގި މުވައްޒިފެކެވެ. އަދި އޭގެ ކުރިން ޝާހީން ވަނީ ވެލިގަނޑު އައިލެންޑް ރިސޯޓްގައިވެސް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކޮށްފަ އެވެ.

މުބާރާތުގެ ގަވައިދު ޑައުންލޯޑް ކުރައްވާ

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.