ރަށްރަށަށް ބޭނުންވާ ނަގުދު ފައިސާ އުފުލުމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސިއީއޯ ޓިމް ސޯޔާ ބައިވެރިވެވަޑައިގެންފި އެވެ.
ބީއެމްއެލްއިން ބުނީ އަތޮޅުތެރެއަށް ބޭނުންވާ ފައިސާ ގެންދިއުމަށް ރާއްޖޭގެ ނުވަ އެއާޕޯޓަކަށް އިއްޔެ މޯލްޑިވިއަންގެ ޗާޓާޑް ދަތުރުތަކެއް ކޮށްފައިވާ ކަމަށާއި މި ދަތުރުތަކުގައި އެ ކުންފުނީގެ ސީއީއޯ އަމަލީގޮތުން ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.
މި ދަތުރުތަކުގައި ބޭންކުގެ ބްރާންޗްތަކަށާއި އޭޓީއެމްތަކަށް ބޭނުންވާ ފައިސާގެ އިތުރުން ކޭޝް ކާޑާއި ޕީއޯއެސް ޓާމިނަލްތައް ވެސް 23 ބްރާންޗަކަށް ފޮނުވި އެވެ. ކޯވިޑް-19 އާއި ގުޅިގެން މުޅި ރާއްޖެ ރަށު ބަންދަށް ގޮސްފައިވާތީ ބީއެމްއެލްގެ ހިދުމަތް ހޯދުމުގައި ދިމާވަމުންދާ ދަތިތަކަށް މައާފަށް އެދޭ ކަމަށް އެ ކުންފުނިން ބުނެ އެވެ. މިފަދަ ހާލަތެއްގައި ރައްޔިތުންނަށް ދަތި ނުވާނެ ގޮތަށް ހިދުމަތް ފޯރުކޮށްދެވޭނެ ގޮތްތަކެއް ހޯދުމުގެ މަސައްކައް ކުރަމުންދާ ކަމަށް ބީއެމްއެލްއިން ބުނެ އެވެ.