ހަނިފަރު ސަރަހައްދުގައި އެންދަމަން އުޅުނު ބަޔަކު އަތުލައިގެންފި

ހަނިފަރު  ސަރަހައްދުން ގަވައިދާ ޚިލާފަށް އެން ދަމަމުންދިޔަ ދޯނި -- ފޮޓޯ: ބަޔޮސްފިޔާ ރިޒާވް
ހަނިފަރު ސަރަހައްދުން ގަވައިދާ ޚިލާފަށް އެން ދަމަމުންދިޔަ ދޯނި — ފޮޓޯ: ބަޔޮސްފިޔާ ރިޒާވް

ބަޔޯސްފިއާ ރިޒާވްގެ ގޮތުގައި ހިމާޔަތްކޮށްފައިވާ ބ. އަތޮޅު ހަނިފަރުން ސަރަހައްދުގައި އެންދަމަން އުޅުނު ބަޔަކު އަތުލައިގެންފި އެވެ.

ބ. އަތޮޅު ބަޔޮސްފިއާ ރިޒާވް އޮފީހުން ބުނިގޮތުގައި އެމީހުން އަތުލައިގެންފައިވަނީ މިއަދު މެންދުރު އެ ސަރަހައްދު މޮނީޓާ ކުރުމުންދަނިކޮށް ހަނިފަރު ސަރަހައްދުގެ ކޯ އޭރިއާގައި ނަގިލި ލައިގެން އެންދެމުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ. އެ މައްސަލަ އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އަށް ފޮނުވުމަށްޓަކައި ރިޕޯޓް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ބަޔޮސްފިއާ ރިޒާވު އޮފީހުން ބުންޏެވެ.

“އަޅުގަނޑުމެން އެ ސަރަހައްދަށް ދިޔައިރު އޭދަފުށީ ދޯންޏަކުން އެން ދެމުމުގެ މަސައްކަތް ދިޔައީ ކުރަމުން، އަހާލީމަ ބުނީ މަނާކަމެއް ކަން ނޭނގެއޭ، މީގެ ކުރިން އެތައް ބަޔަކަށް ނަސޭހަތް ދެވިއްޖެ، އެކަމަކު މި އަހަރު ނިންމާފައިވާނީ މިފަދަ ކަންކަން އީޕީއޭއަށް ރިޕޯޓް ކުރަން،” ބަޔޮސްފިޔާ ރިޒާވްގެ އޮފިޝަލް ވިދާޅުވި އެވެ.

ހަނިފަރު ބަލަހައްޓަމުން އަންނަނީ ވަކި މެނޭޖްމަންޓް ޕްލޭނެއްގެ ދަށުން ބަޔޯސްފިޔާ ރިޒާވްގެ އޮފީހުންނެވެ. އަދި ހާއްސަ ހުއްދައެއްގެ ދަށުން ނޫނީ ހަނިފަރު ސަރަހައްދަށް ވަދެ ވެސް ނޫޅެވެ އެވެ.

ބަޔޯސްފިއާ ރިޒާވްގެ ގޮތުގައި ހިމާޔަތްކޮށްފައިވާ ދެ ފަރަކަށް މިދިޔަ އަހަރު ފަހުުކޮޅު ދެ އުޅަނދެއް އަރައި ގެއްލުން ލިބުނު މައްސަލައެއްވެސް އީޕީއޭ އިން މިހާރުވެސް ދަނީ ތަހުޤީގު ކުރަމުންނެވެ.

ހަނިފަރަކީ ގުދުރަތީ ވަސީލަތްތަކާއި ދިރޭތަކެތީގެ މުއްސަނދިކަން ލިބިފައިވާ އަދި ފީނުމަށް ރާއްޖެ އަންނަ ޓޫރިސްޓުންގެ މުހިއްމު މަންޒިލެކެވެ.

ގާނޫނާ ހިލާފުވުމާއި ތިމާވެއްޓަށް ގެއްލުން ދިނުމުގެ ގަވާއިދު

    • (ހ) މި ގާނޫނާ ނުވަތަ މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދާ ހިލާފަށް ކުރާ ކަންތައްތަކުގެ ތެރެއިން އާއްމު ދިރިއުޅުމުގައި ދިމާވާ އާދައިގެ ކަންތައްތަކަށް ދެވޭ އަދަބީ އެކަމެއްގެ ކުޑަ ބޮޑުމިނަށް ބަލައި ފަސް ރުފިޔާއިން ފެށިގެން 500 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން
    • މި މާއްދާގެ (ހ)ގައި ބުނެފައިވާފަދަ ކަންތައްތައް ފިޔަވައި މި ގާނޫނާ ހިލާފަށް ކުރާ ބޮޑެތި ކަންތައްތަކަށް ދެވޭ އަދަބަކީ، އެކަމެއްގެ ކުޑަ ބޮޑު މިނަަށް ބަލައި 100 މިލިއަން ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުުރުން

ބ. އަތޮޅުން ބަޔޮސްފިއާ ރިޒާވްގެ ގޮތުގައި ކަނޑައަޅާފައިވަނީ ގާތްގަނޑަކަށް 174،000 ހެކްޓަރުގެ ބޮޑު ސަރަހައްދެކެވެ. މިއީ އެންމެ ގިނައިން އެންމަޑި އާއި ފެހިރިހި ދިރިއުޅެ އާލާވަމުންދާ ސަރަހައްދެވެ. މީގެ އިތުރުން ވަރަށް ނާދިރު ބާވަތްތަކުގެ މުރަކަ އާއި އެ ނޫން ދިރޭ ތަކެތި ވެސް މި ސަރަހައްދުގައި ހިމެނެ އެވެ.

ބ. އަތޮޅުން ބަޔޯސްފިއާ ރިޒާވްގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދު

    • އެއީ 174،000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް
    • އެއީ އެންމެ ގިނައިން ފެހިރިހި އަދި އެންމަޑި ދިރިއުޅޭ ސަރަހައްދު
    • ވަރަށް ނާދިރު ބާވަތްތަކުގެ މުރަކަ އާއި އެ ނޫން ދިރޭ ތަކެތި ވެސް މި ސަރަހައްދުގައި ހިމެނޭ
    • ބަޔޯސްފިއާ ރިޒާވްގެ ސަރަހެއްގެ ގޮތުގައި އެ ސަރަހައްދު ހަމަޖައްސާފައިވަނީ 2012 ވަނަ އަހަރު

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.