ހިމާޔަތްކޮށްފައިވާ ސަރަހައްދުގެ ރަށްތަކެއް ވަރުވާއަށް ދޫކުރާތީ އަތޮޅު ކައުންސިލުންވެސް ކަންބޮޑުވުން ފާޅުކޮށްފި

OLYMPUS DIGITAL CAMERA

ބ. އަތޮޅުގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުގައި ހިމެނޭ ރަށްތަކަކާ އެކު މި އަތޮޅުން 20 ރަށެއް ވަރުވާ އަށް ދޫކުރަން ފިޝަރީޒް މިނިސްޓްރީން އިއުލާންކުރުމާ ގުޅިގެން ބ. އަތޮޅު ކައުންސިލުންވެސް ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މިރަށްތައް ބީލަން އުސޫލުން ވަރުވާއަށް ދޫކުރަން ނިންމުމާ ގުޅިގެން ގިނަ ބަޔަކު ސޯސަލް މީޑިއާގައިވެސް ދަނީ ނުރުހުން ފާޅުކޮށް އެ ނިންމުން ބާތިލުކުރުމަށް ސަރުކާރަށް ގޮވާލަމުންނެވެ.

މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އަތޮޅު ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ކައުންސިލާ އެއްވެސް މަޝްވަރާކުރުމެއްނެތި، މިރަށްތައް ބިޑަށް ހުޅުވާލުމަކީ އެ ކައުންސިލާއި މިއަތޮޅުގެ ރައްޔިތުންގެ ވަރަށްބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

“މިގޮތުން ބީލަމުގެ އުޞޫލުން 20 ރަށެއް ވަރުވާއަށް ދޫކުރަން އިޢްލާން ކޮށްފައިވާއިރު، 2011 ވަނަ އަހަރުން ފެށިގެން ޔުނެސްކޯ ބަޔޯސްފިއާ ރިޒާވްގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަޙައްދުގެ ކޯ އޭރިއާގެ ތެރޭގައި ހިމެނޭ 04 ތަނެއްކަމުގައިވާ ބަތަލާހުރާ، ވަންދުއްމާފަރު ފިނޮޅު، ދޮރުކަނޑު އުތުރުހުރާ އަދި ދޮރުކަނޑު ދެކުނުހުރާ ހިމެނުން ވެގެން ދިއުމަކީ މިކަމުގެ ކަންބޮޑުވުން އިތުރުވެގެންދިޔަ ކަމެއް ކަމުގައެވެ. މި ދެންނެވި ތަންތަނަކީ 2004 ވަނަ އަހަރުން ފެށިގެން ކަމާބެހޭ ވުޒާރާތަކާއެކު މަޝްވަރާކުރެވި ޕްލޭތަކެއްހެދި، އަތޮޅުގެ ރައްޔިތުން ނަފާވެރިކަން ހޯދަމުންދިޔަ ޞަރަޙައްދުތަކެއް ޤުރުބާން ކުރުމަށްފަހު، އަތޮޅުގެ ލާބައާއި މަންފާއަށްޓަކައި ހިމާޔައް ކުރެވިފައިވާ ތަންތަން ކަމުގައި ދަންނަވަމެވެ. އެހެންނަމަވެސް އަތޮޅު ކައުންސިލާއި އަތޮޅު ރައްޔިތުންގެ އެއްވެސް ބަހެއް ނުހޯދާ އަދި ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމާ ބެހޭ ޤާނޫނާ ޚިލާފަށް، ފިޝަރިޒް މިނިސްޓްރީއިން މިފަދަ ކަމެއް ބަލަންވާ ވަރަށް ނުބަލާ ކުރިއަށް ގެންދެވީތީ ހިތާމަކުރަމެވެ،” ރަށްތައް ބިޑަށް ހުޅުވާލިތާ ދެ ދުވަސްފަހުން އަތޮޅު ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނުގައިވެ އެވެ.

އެ ނޫސް ބަޔާނުގައިވާ ވާގޮތުގައި ބަޔޯސްފިއާ ރިޒާވް ހިމެނޭ ސަރަޙައްދުގެ ތެރޭގައިހުރި ތަންތަން ބީލަމުގެ އުޞޫލުން ހުޅުވާލާފައިވާއިރު މިނިސްޓްރީ އޮފް އެންވަޔަރަމަންޓާއި، އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީ.ޕީ.އޭ) އަދި ބ. އަތޮޅުގެ ބަޔޯސްފިއަރ ރިޒަރވް އޮފީސް ހިމޭނުން އޮތުމަކީވެސް އަތޮޅުކައުންސިލްގެ ކަންބޮޑުވުން އިތުރުވެގެންދިޔަ ކަމެކެވެ.

އަތޮޅު ކައުންސިލުން ބުނި ގޮތުގައި ހިމާޔަތްކުރެވިފައިވާ ސަރަޙައްދެއްގައި ހުރި ގިނަ ރަށްތަކެއް އެއްފަހަރާ ބަޔަކަށް ދޫކޮށްލުން ވެގެންދާނީ މިއަތޮޅުގެ މުސްތަޤުބަލްގެ ޖީލަށް ލިބިގެންދާނެ ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމަކަށެވެ. އަދި އަތޮޅުގެ ރައްޔިތުންނަށް ދަތުރު ގޮސް ހިތްއުފާ ކޮށްލާނޭ ޕިކްނިކް ރަށެއްވެސް މިއަދު ނެތްއިރު، މިގޮތަށް އެއްފަހަރާ ވަރުވާއަށް 20 ރަށެއް ދޫކޮށްލުމަކީ ބަލައިގަންނަން ދަތި ކަމެއްކަމުގައިވެސް އެ ނޫސް ބަޔާނުގައި ވެ އެވެ.

“ވަކިން ޚާއްޞަކޮށް ބ. އަތޮޅަކީ ޤުދުރަތީ ގޮތުން މުއްސަނދި އަތޮޅަކަށްވެފައި މުޅި ރާއްޖޭގެ ނިސްބަތުންވެސް ޓޫރިޒަމް އެންމެ ފުޅާދާއިރާއެއްގައި ފެތުރެމުންދާ އަދި ގެސްޓްހައުސް ވިޔަފާރިކުރާ ފަރާތްތަކަށްވެސް އެކަމުގެ ނަފާވެރިކަން އެންމެ އެދެވޭ ގޮތުގައި ލިބިގެންދާއިރު، ފަތުރުވެރިންގެ މެދުގައިވެސް މުޅި ދުނިޔޭގެ ނިސްބަތުން އެންމެ ފާހަގަކޮށްލެވޭ ސަރަޙައްދުތައް އޮތީ ބ. އަތޮޅުގައި ކަމަށްވާތީ މިކަމުގެ ސަބަބުން މިއަތޮޅަށާއި ރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށް ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާން ޖެހިދާނެ ކަމުގެ ބިރު އޮތްކަމެއްކަމުގައި ދެކޭވާހަކަ ދަންނަވަމެވެ.”

މިކަމުގައި ބ.އަތޮޅުގެ ހެވާ ލާބައަށްޓަކައި އަދި އަތޮޅުގެ ރައްޔިތުންގެ ޙައްޤުތައް ހިމާޔަތްކުރުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް ބ.އަތޮޅު ކައުންސިލުން އަޅާނެކަމުގެ ފުރިހަމަ ޔަޤީންކަން ރައްޔިތުންނަށް އަރުވާ ކަމަށްވެސް އަތޮޅު ކައުންސިލުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.