ހަމްޕު – ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށް ވުމުގެ އުއްމީދުގައި

އޭއެފްސީ ކަޕް މެޗެއްގައި ހަމްޕު މާލޭގައި ކުޅެނީ
އޭއެފްސީ ކަޕް މެޗެއްގައި ހަމްޕު މާލޭގައި ކުޅެނީ

އޭނާގެ ނަމަކީ، ފުޓުބޯޅަ ދަނޑުގައި މީގެ ދެ އަހަރެއްހާ ދުވަސްކުރިން ވެސް މީހަކު ދަންނާނެ ނަމެއް ނޫނެވެ. އޭރު އޭނާގެ ހުނަރުވެރިކަން ދެކެފައި ވަނީ ހަމައެކަނި އޭނާ ނިސްބަތްވާ މި ރަށާއި އަތޮޅުގެ މީހުން ފިޔަވައި މަދު ބަޔެކެވެ. ނަމަވެސް މިއަދު އޭނާއަކީ ރާއްޖޭގެ އެންމެ ބޮޑު ފުޓްބޯޅަ ކުލަބްގައި ތިބި މަޝްހޫރު ކުޅުންތެރިންނާ އެއްހަމައެއްގައި ފައިތިލަ ސާބިތު ކުރަމުން އަންނަ ހުނަރުވެރި ކުޅުންތެރިއެކެވެ.

އުމުރުން 21 އަހަރުގެ ހަމްޒާ މުހައްމަދު (ހަމްޕު) އަކީ އޭދަފުށިން ގަލޮޅު ދަނޑަށް ނުކުތް ޖަމްބޭ އާއި ކުޑައްޓޭ އަދި ސެންޓޭ އާއި ޝާފިއު ފަދަ މަޝްހޫރު ކުޅުންތެރިންގެ ލިސްޓަށް އިތުރުވެގެންދިޔަ ކުޅުންތެރިއެކެވެ.

ހަމްޕުގެ ހުނަރުވެރިކަން ގިނަ ބައެއްގެ ލޮލުގައި އެންމެ ފުރަތަމަ އަޅައިގަތީ 2012 ވަނަ އަހަރު މާލޭގައި ބޭއްވި އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުންނެވެ. އޭގެ ފަހުން ޖެހިގެން އައި އަހަރުގެ އެފް.އޭ.އެމް ޔޫތު ޗެމްޕިއަންޝިޕްގައި ބައިވެރިވި އޭދަފުށި ޓީމުގައި ވެސް މުހިންމު ދައުރެއް އޭނާ އަދާކުރި އެވެ. މީގެ އިތުރުން ބ.އަތޮޅަށް ހުޅުވާލައިގެން ބޭއްވި ފުޓްބޯޅަ މުބާރާތުގެ ތަށި އޭދަފުޓަށް ހޯދައިދިނުމުގައި އެ ކުޅުންތެރިޔާގެ ބޮޑު ރޯލެއް އޮތެވެ.

ބ އަތޮޅު ފުޓްބޯޅަ މުބާރާތުގައި ހަމްޕު އޭދަފުށި ޓީމަށް ކުޅެނީ
ބ އަތޮޅު ފުޓްބޯޅަ މުބާރާތުގައި ހަމްޕު އޭދަފުށި ޓީމަށް ކުޅެނީ

ހަމްޕު އަކީ ވަރަށް ކުޑައިރުއްސުރެ ފެށިގެން ޝައުގުވެރިކަން ބަހައްޓައިގެން ފުޓްބޯޅަ ކުޅެމުން އައި ކުއްޖެކެވެ. އޭނާ ބުނި ގޮތުގައި ފުޓްބޯޅައިގައި އޭނާގެ އެންމެ ދުރު ހަނދާނަކީ ރަށުގެ އިރުމަތީކޮޅުގައި އޮންނަ ރުއްގަނޑު ތެރޭގައި ކުޑަގޯލް ޖަހައިގެން ރައްޓެހިންނާ އެކު ކުޅެން އުޅުނު ހަނދާނެވެ. އޭރު އޭނާގެ ހުސްވަގުތުތަކުގެ އެކުވެރިއަކަށްވީ އޭނާ ކުޅެން ގެންގުޅޭ ބޯޅަ އެވެ. މާ ގިނައިން ބޯޅަ ކުޅެން އުޅޭތީ މައިންބަފައިން އޭރު ވަރަށް ޝަކުވާކުރާ ކަމަށް ވެސް ހަމްޕު ބުންޏެވެ. އެކަމަކު އޭރު މާ ބޮޑު މިސްރާބެއް، މާ ބޮޑު “ގޯލެއް” ނެތި ފުޓުބޯޅަ ކުޅެމުން ދިޔަ ނަމަވެސް، މިހާރު އޭނާގެ އަޒުމް ހުރީ ވަކި ދިމާއަކަށެވެ. އޭނާގެ ވިސްނުން ބަދަލުވީ މީގެ ދިހަވަރަކަށް އަހަރު ކުރިން އޭނާގެ ބޭބެ މުހައްމަދު ޝިފާން (ކުޑައްޓޭ) ރާއްޖޭގެ ބޮޑު ކުލަބަކާ ގުޅުނު ހިސާބުން ފެށިގެންނެވެ. އޭރުއްސުރެ ފެށިގެން ރާއްޖޭގެ ފެންވަރުގައި މޮޅު ކުޅުންތެރިއަކަށްވުމުގެ ހުވަފެން އޭނާ އައީ ދެކެމުންނެވެ. މިހާރު ހަމްޕު އަކީ ރާއްޖޭގައި ހުރި ފެންވަރު ރަގަޅު މޮޅު ކުޅުންތެރިއެކެވެ. ޤައުމީ ޓީމު ކުޅޭ ގިނަ މެޗް ތަކުގައި ފުރަތަމަ 11 އިން ޖާގަ ހޯދަމުން އަންނަ ޒުވާން ހަލުވި ކުޅުންތެރިއެކެވެ.

މިދިޔަ އަހަރު އިންޑީޔާގައި އޮތް ސާފް ސުޒުކީ ކަޕް ގައި ހަމްޕު ކުޅެނީ ގައި ހަމްޕު ކުޅެނީ
މިދިޔަ އަހަރު އިންޑީޔާގައި އޮތް ސާފް ސުޒުކީ ކަޕް ގައި ހަމްޕު ކުޅެނީ

ހަމްޕުގެ މޮޅު ކުޅުމަށް ތައުރީފްކޮށް މީގެ ކުރިން ގައުމީ ޓީމުގެ ކުރީގެ ކޯޗު ވެލިޒާ ޕޮޮޕޯފް އާއި ނިއު ރޭޑިއަންޓަށް ކޯޗުކޮށްދިން މިކާ ލޮންސްޓްރޯމް ވެސް ވަނީ ވާހަކަ ދައްކައިފަ އެވެ. އެ ދެ ކޯޗުން ވެސް ބުނީ މިއީ ރާއްޖޭގެ ފުޓްބޯޅައިގެ މުސްތަގުބަލުކަމަށެވެ. ހަންޕުގެ މޮޅު ވާހަކަ އިންޑިޔާގެ ނޫސްވެރިންވެސް ވަނީ މިދިޔަ އަހަރު އޮތް ސާފް ސުޒުކީ ކަޕްގެ ޕްރެސް ކޮންފަރެސް އެއްގައިވެސް ދައްކާފައެވެ.

“އެއީ ތަފާތު ކުޅުންތެރިއެއް. އެއީ ހަމަ އަޝްފާގް ފަދަ ހުނަރުވެރި މޮޅު ކުޅުންތެރިއެއް. ތިން ހަތަރު ކުޅުންތެރިން ބީޓް ކޮށްފައި އެދަނީ ވަރުބަލި ކަމެއް ނެތި. އޭނާ އަކީ މުސްތަގުބަލު އުޖާލާ ކުޅުންތެރިއެއް،” އިންޑިއާގެ ސީނިއާ ނޫސްވެރިޔަކު ބުންޏެެވެ.

ފުޓްބޯޅަ ކުޅުންތެރިއެއްގެ ކެރިއަރުގައި އަންނާނެ އެންމެ އުފާވެރި އެއް ދުވަހެއް ކަމުގައި ގަބޫލުކުރެވެނީ އެ ކުޅުންތެރިއަކަށް ތައްޓެއް ނުވަތަ އެވޯޑެއް ލިބޭ ދުވަހެވެ. މިފަދަ ކިތަންމެ ދުވަހެއް ހަމްޕުގެ ވޭތުވެގެންގޮސްފައިވާ ކުރު މާޒީގައި ވެސް ވަނީ ތަޖްރިބާކޮށްފަ އެވެ. ރަށުގައި ބާއްވާ ވަރަށް ގިނަ މުބާރާތްތަކުން އޭނާ ވަނީ ރަންވަނަތަކެއް ހާސިލްކޮށްފަ އެވެ. އެކަމަކު ހަމްޕުގެ ފުޓްބޯޅައިގެ ހަޔާތުގައި އޭނާ އެންމެ އުފާވި ދުވަހެއްގެ ގޮތުގައި ފާހަގަކުރީ ހަވީރުން ދޭ އެންމެ އުންމީދީ ފުޓްބޯޅަ ކުޅުންތެރިޔާގެ މަޤާމް ލިބުން ދުވަހެވެ. ކަންދިމާކުރިގޮތުން ހަމްޕުއަށް މި އެވޯޑް ލިބުނީ އޭއެފްސީ ކަޕް މެޗެއް ކުޅެން ހޮންކޮންގް ހުއްޓައެވެ. ފުރަތަމަ ޑިވިޝަންގެ ކްލަބަކަށް ކުޅެން ފެށިތާ 2 އަހަރު ތެރޭ މި ލިބުނު ކާމިޔާބީ ހަމްޕު ސިފަކުރަނީ އެއީ ފުޓްބޯޅާއިގެ ދާއިރާއިން ކުރިއަށްދާން ލިބުނު ވަރަށް ބޮޑު ހިށްވަރަކަށެވެ. ހަމްޕު ބުނީ އޭނާގެ އުންމީދަކީ ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ހޯދުމެވެ.

މިދިޔަ އަހަރު ބޮޑު އީދުގައި ހަމްޕުގެ ރަށު ޓީމް (ސައިނޯސާ) އަށް ކުޅެނީ
މިދިޔަ އަހަރު ބޮޑު އީދުގައި ހަމްޕުގެ ރަށު ޓީމް (ސައިނޯސާ) އަށް ކުޅެނީ

ހަމްޕުއަށް މި އެވޯޑް ލިބުމާއެކު ހަމްޕުގެ މަންމަ އާއި ބައްޕަ އަދި މުޅި އާއިލާވެސް ތިބީ ވަރަށް އުފަލުން ނެވެ.

“ވަރަށް އުފާވެއްޖެ ހަމްޒާއަށް މި އެވޯޑް ލިބުނީމަ. ކުޅެން އޮންނަ ކޮންމެ ދުވަހަކު ގުޅާފަ ބުނަން ވަރަށް ރަގަޅަށް ކުޅެއްޗޭ ހާއްސަކޮށް ލަނޑެއް ޖެހޭތޯ މަސައްކަތް ކޮށްދޭށޭ. އަދި މުޅި އާއިލާވެސް އޮތީ ހަމްޒާ އެކީ ކަމަށާއި ހާއްސަކޮށް ދޮންބެ އެކަމަށް ވަރަށް ޝައުގުވެރިވޭ. ޑިޔުޓީ އަށް ނުގޮސް ވެސް ބަޔެއް ފަހަރު ހަމްޒާ ކުޅޭތަން ބަލަން ދަނޑަށްވެސްދާނެ. އަދި އެންމެ ކުޑަ އިރުއްސުރެ ހަމްޕު އުޅޭނީ ބޯޅަ ހިފައިގެން ކުޅެން. ކިޔެވުމާ އަޅާ ބަލާއިރު ހަމްޒާ އެހާ ބޮޑަކަށް ކިޔެވުމަކަށް ސަމާލުކަމެއް ނުދޭ، ސްކޫލުން އަންނަ ގޮތަށް ދަނީ މިތާ އޮންނަ ފުޓްބޯޅަ ދަނޑަށް ބޯޅަ ކުޅެން،” އީޓީއަށް ދިން އިންޓަވިއު އެއްގައި ހަމްޕު މަންމަ ބުންޏެވެ.

“އަޅުގަނޑު ބުނަން ތިހާ އަވި ގަދަ އިރު ކުޅެން ނުދާށޭވެސް، ބަޔެއް ފަަހަރު ގެޔަށްވެސް ގެނައިސް ކޮޓަރި ތެރޭ ބަހައްޓަން އެހެން އަބަދު ކުޅެންދާތިވެ، އެކަމަކު މިހާރު ވަރަށް އުފާވެ ހަމްޒާ އެހާ މޮޅަށް ކުޅޭތަން ފެންނާތީވެ، ދެން އަޅުގަނޑު ހާއްސަ ޝުކުރެއް ދަންނަވާލަން ބޭނުން ނިޔުރޭޑިއަންޓް އަށާއި ގައުމީ ޓީމް އަދި ސައިނޯސާއަށް. އަދި ހާއްސަކޮށް ހަމްޒާއަށް ސަޕޯޓްކުރާ ހުރިހާ އެންމެނަށް އަދި ހަމްޕުއަށް މި އެވޯޑް ދިން ހަވީރަށް ވަކިން ޙާއްސަ ޝުކުރެއް ދަންނަވަން” ހަމްޕު މަންމަ ބުންޏެވެ.

ހަމްޕު ބައްޕަ ބުނީ ހަމްޕް މޮޅު ކުޅުންތެރި އަކަށް ވެވޭތޯ މަސައްކަތް ކުރުމަށް އަބްބދުވެސް އޭނާ އަށް ހިތްވަރުދެމުން އަންނަ ކަމަށެވެ.

“އަބަދުވެސް ހަމްޒާއަށް ގުޅާފަ ބުނަން ކުޅޭ އިރު އެކަމާ ގަޔާވެގެން ކުޅޭށެ. އާއިލާގެ ހުރިހާ މެންބަރުންވެސް ތިބީ ހަމްޕު އެކީގައޭ. ހަމްޕު އަބަދުވެސް ބުނާނެ އޭނާ ކުރިޔަށް ދަނީ ފުޓްބޯޅާއިގެ ދާއިރާއިންނޭ،” ހަމްޕު ބައްޕަ ބުންޏެވެ.

އިންޓަރ ސްކޫލް މުބާރާތުގައި ހަންޕު ކުޅެނީ
އިންޓަރ ސްކޫލް މުބާރާތުގައި ހަންޕު ކުޅެނީ

ގިނަބަޔަކު ގަބޫލުކުރާގޮތުގައި ހަމްޕު އެންމެ ބޮޑު ސްޓްރެންތަކީ އޭނާ އަށް ލިބިފައިވާ ޑްރިބްލިންގގެ ހުނަރާއި ހަލުވި ސްޕީޑެވެ. ހަމްޒާ ދެކޭގޮތުގައި އޭނާގެ މި ހުނަރު ތަރައްގީ ކުރުމަށްޓަކައި އޭނާ އަށް މިހާރު ލިބިފައި އެވަނީ ރަނުގެ ފުރުސަތެކެވެ. ބިދޭސީ މޮޅު ކޯޗެއްގެ އިރުޝާދުގެ ދަށުން ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންނާއެކު ނިއުރޭޑިއަންޓް ކަހަލަ ޓީމެއްގައި ކުޅުމުގެ ފުރުސަތު ލިބިގެން ދިޔުމަކީ އޭނާގެ ފުޓްބޯޅަ ކެރިއަރުގައި ލިބިގެންދިޔަ ބޮޑު ކުރިއެރުމެކެވެ. ހަމްޒާ ބުނާގޮތުގައި އެއީ އޭނާގެ ބޭބެ ކުޑައްޓޭ އާއި ޝާފިއުގެ އެހީތެރިކަމާ އެކު ތަނަވަސްވެގެންދިޔަ ފުރުސަތެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.