އޭދަފުށީ ޒުވާން ކުޅުންތެރިއެއްގެ ކެޕްޓަންކަމުގެ ދަށުން ޣާޒީ ސްކޫލް ތަށި ހޯދައިފި

ފުރަތަމަ ފޮޓޯ: އަސްހަމް (ތައްޓާއި އެކު) މުބާރާތުގެ ޗެމްޕިއަން ޓްރޮފީ އުފުލާލަނީ
ފުރަތަމަ ފޮޓޯ: އަސްހަމް (ތައްޓާއި އެކު) މުބާރާތުގެ ޗެމްޕިއަން ޓްރޮފީ އުފުލާލަނީ

މިދިޔަ ހޮނިހިރު ދުވަހު ނިމުނު މައިލޯ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި އޭދަފުށީ ޒުވާން ކުޅުންތެރިއެއްގެ ކެޕްޓަންކަމުގެ ދަށުން ކުޅުނު ޣާޒީ ސްކޫލް އެ މުބާރާތުގެ 16 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

މުބާރާތުގައި އެ ސްކޫލްގެ ފުޓްބޯޅަ ޓީމުގެ ކެޕްޓަންކަން ކުރީ ގްރޭޑް 10 ގައި ކިޔަވަމުންދާ ބ. އޭދަފުށީ / ނަލަހިޔާ، ޢަލީ އަސްހަމް ޢަބްދުﷲ، (16އ) އެވެ.

މުޅި މުބާރާތުގައި ވެސް އަސްހަމް މޮޅު ކުޅުމެއް ދައްކާފައިވާއިރު އޭނާ ވަނީ އެޓީމަށް 3 ގޯލް މުބާރާތުގައި ކާމިޔާބުކޮށްދީފައެވެ.

މީގެ އިތުރުން މުބާރާތުން ފާހަގަ ކޮށްލެވުނު އެންމެ މޮޅު ގަދަ 11 ކުޅުންތެރިންގެ ތެރޭގައިވެސް އަސްހަމް ވަނީ ހިމެނިފައެވެ. އެ އުމުރުފުރައިގެ ފައިނަލް މެޗުން ޣާޒީ ސްކޫލް މޮޅުވީ ދ. އަތޮޅު ތަޢުލީމީ މަރުކަޒާއި ވާދަކޮށް 2-0 އިންނެވެ. އަސްހަމް ވަނީ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި ވޭތުވެދިޔަ ދެއަހަރުވެސް ޣާޒީ ސްކޫލް ތަމްސީލު ކޮށްފައެވެ. މީގެ އިތުރުން ބޮޑުއީދާއި ދިމާކޮށް އޭދަފުށީގައި ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައިވެސް މިދިޔަ އަހަރު އަސްހަމް ވަނީ ކުޅެފައެވެ.

މި ކާމިޔާބީ އަސްހަމް ހޯދިއިރު އޭނާގެ ބޭބެ އަޙްމަދު ސުހައިލް (ބަންބުޗް) އަކީ ނިއު ރޭޑިއަންޓްގެ އިތުރުން 23 އަހަރުން ދަށުގެ ގައުމީ ޓީމުގެވެސް ކުޅުންތެރިއެކެވެ.

މުބާރާތަށްފަހު ރާއްޖެ އެމްވީ އަށް ދެއްވި އިންޓަވިއުއެއްގައި އެފް.އޭ.އެމް ގެ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން ބައްސާމް އަދީލް ޖަލީލް ވިދާޅުވީ 16 އަހަރުން ދަށުގެ މުބާރާތުން 57 ކުޅުންތެރިއަކު ގައުމީ ޓީމަށް ޝޯޓްލިސްޓް ކުރެވިފައިވާކަމަށާއި، އެ ކުޅުންތެރިންގެ ތެރެއިން 30 ކުޅުންތެރިންގެ ސްކޮޑެއް ނެގުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.