“ރަންނާ އެވޯޑް” ގެ ނަމުގައި ބ. އަތޮޅު ކައުންސިލުން އެވޯޑެއް ތައާރަފުކޮށްފި

ބ. އަތޮޅު ކައުންސިލު މެންބަރުން ބައްދަލުވުމެއްގައި.
ބ. އަތޮޅު ކައުންސިލު މެންބަރުން ބައްދަލުވުމެއްގައި.

ތަފާތު އެކި ދާއިރާތަކުން ބ. އަތޮޅަށް ހިދުމަތް ކޮށްދީފައިވާ ފަރާތްތަކަށާއި އަތޮޅަށް އެކި ގޮތްގޮތުން ރީތި ނަން ހޯދި ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން އެވޯޑެއް ދޭގޮތަށް ބ. އަތޮޅު ކައުންސިލުން ނިންމައިފި އެވެ.

ބ. އަތޮޅު ކައުންސިލުން މިއަދު ބުނީ “ރަންނާ އެވޯޑް” ގެ ނަމުގައި މި އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް މި އެވޯޑް ދޭން ނިންމާފައިވާ ކަމަށެވެ.

ރަންނާ އެވޯޑް ދިނުމަށް ހަމަޖެހިފައިވަނީ ތަފާތު ދާއިރާތަކުން ބ. އަތޮޅަށް ދިގުމުއްދަތަކަށް، ފާހަގަކުރެވޭފަދަ ޝަރަފްވެރި ޚިދުމަތްތައް ކޮށްދީފައިވާ ފަރާތްތަކާއި، މިނޫންވެސް އަތޮޅަށް އަގުހުރި، ފާހަގަކޮށްލެވޭފަދަ ޚިދުމަތްތައް ތަފާތު އެކި ދާއިރާތަކުން ކޮށްދީފައިވާ ފަރާތްތަކާއި، މިދިޔަ އަހަރާއި އޭގެ ކުރީ އަހަރު ބ އަތޮޅަށް ފަޚްރުވެރި ވަނަތައް ހޯދައިދީފައިވާ ފަރާތްތަކަށެވެ. އަދި އަތޮޅަށް އެންމެ ޚިދުމަތްތެރި ރިޒޯޓްތަކާއި އެންމެ ހިންގުންތެރި ކައުންސިލްތަކުގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށްވެސް އެވޯޑު ދިނުމަށްވަނީ ހަމަޖެހިފަ އެވެ.

އަތޮޅު ކައުންސިލުން ބުނި ގޮތުގައި މައިގަނޑު ހަ ދާއިރާއަކުން އެވޯޑު ދޭން ނިންމީ، ގައުމީ ފެންވަރުގަ އާއި އަތޮޅު ފެންވަރުގައި އަދި ރަށު ފެންވަރުގައި ފާހަގަކުރެވޭ ޝަރަފުވެރިންނާއި ޚިދުމަތްތެރިންގެ އަގުވަޒަންކޮށް ހިތްވަރުދިނުމާއި އެފަދަ ފަރާތްތަކުގެ މެދުގައި ވާދަވެރި ރޫހެއް އުފެއްދުމުގެ ގޮތުންނެވެ. އަދި ބ. އަތޮޅުގައި އިލްމީ ގޮތުން ގާބިލު ޖީލެއް އުފެއްދުމާއި ދަރިވަރުން ހޯދާ ޝަރަފުވެރި ވަނަނަތައް ފާހަގަކޮށް ހިތްވަރު ދިނުންވެސް މި އެވޯޑް ދިނުމުގެ މަގުސަތުތަކުގެ ތެރޭގައި ހިމެނެ އެވެ.

އެވޯޑް ދިނުމަށް ކަނޑައޅާ ދާއިރާތައް؛

    ޝަރަފުވެރިކަމުގެ އެވޯޑް
    ހިތްވަރުދިނުމުގެ އެވޯޑް
    ކައުންސިލުންދޭ ޚާއްސަ އެވޯޑް
    މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ކައުންސިލުންދޭ ޚާއްސަ އެވޮޑް
    ޚާއްސަ ހިދުމަތުގެ އެވޯޑް
    ހިންގުންތެރިކަމުގެ އެވޯޑް

އެވޯޑު ތައާރަފްކުރުމަށާއި އެވޯޑް ޕާޓްނަރުންނާއެކު ސޮއިކުރުމަށް ހާއްސަ ހަރަކާތްތަކެއް ބޭއްވުމަށް އަތޮޅު ކައުންސިލުން ދަނީ މަސައްކަތް ކުރަމުންނެވެ. އެވޯޑް ދިނުމުގެ ހަފްލާ ޕީއެސްއެން އިން ލައިވް ކުރުމަށް ހަމަޖެހިފައިވާއިރު، ހަފްލާ ބާއްވާނެ ތާރީހެއް ފައުން އިއުލާން ކުރާނެ ކަމަށް އަތޮޅު ކައުންސިލުން ބުންޏެވެ.

މި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މޭ މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ. އެވޯޑަށް އެދޭ ފޯމާއި ކުރިމަތިލުމުގައި ބަލާނެ މިންގަނޑުތައް ހިމަނާ ތައްޔާރުކުރެވިފައިވާ “ރަންނާ އެވޯޑް ދިނުމުގެ ސިޔާސަތު 2016 ” އަތޮޅު ކައުންސިލުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.