ހއ. އަތޮޅާއި ބ. އަތޮޅާ ދެމެދުގެ ރަށްތަކަށް ވައިޓް އެލާޓް ނެރެފި އެވެ
މޫސުމާ ބެހޭ ގައުމީ އިދާރާއިން ރޭ ބުނީ ބ. އަތޮޅުން ދެކުނުގެ ރަށްތަކަށް ރޭ ދަންވަރު 2:45 އިން ފެށިގެން މިއަދު ހެނދުނު 8:45 ވަންދެން ވައިޓް އެލާޓް ނެރެފައިވާ ކަމަށެވެ.
ވައިޓް އެލާޓް ނެރެނީ 20 މޭލަށް ވުރެ ބާރަށް ވައި ޖެހި، 50 މިލިލީޓަރަށް ވުރެ ގިނައިން ވާރޭ ވެހޭ ނަމަ އެވެ. މި އެލާޓްގައި މޫސުމަށް ސަމާލުވާންޖެހެއެވެ. ކޮންމެވެސް ވަރަކަށް ވައިގަދަވެ، ވާރޭ ވެހި، އާންމު ގޮތެއްގައި ކަނޑުތައް ގަދަ ވާނެއެވެ.
އެހެންވެ، ކަނޑުދަތުރުފަތުރު ކުރާއިރު މޫސުމަށް ހާއްސަ ސަމާލު ކަމެއް ދޭން މެޓް އޮފީހުން އިލްތިމާސް ކުރެއެވެ.
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރަން ފަށާފައި މިވަނީ ހޫނު ގަދަ ދުވަސްތަކަށް ފަހު އެވެ.