އޭދަފުށީ “ހުސް ސޮންގުން” ގްރޫޕުން އިންތިޒާމް ކޮށްގެން ޕްލޭ ސްޓޭޝަން 4 “ފީފާ 16” މުބާރާތެއް ފަށައިފި އެވެ.
އިއްޔެ ފެށި މި މުބާރާތުގައި 32 ޒުވާނުން ބައިވެރި ވެފައިވާކަމަށް އިންތިޒާމް ކުރާ ފަރާތުން ބުނެއެވެ. މުބާރާތުގައި ބައިވެރިވުމަށް ވަކި އުމުރުފުރައެއް ކަނޑައެޅިފައިވައި ނުވާއިރު މި މުބާރާތް ކުރިއަށް ދަނީ 8 ގްރޫޕަކަށް ބަހާލައިގެންނެވެ.
މުބާރާތުގެ އެއްވަނައަށް 1000 ރުފިޔާއާއެކު ޝީލްޑް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ދެވަނަ 500 ރުފިޔާއާއި އެކު ޝީލްޑް ލިބޭއިރު ތިންވަނަށް 250 ރުފިޔާ ވަނީ ކަނޑައަޅާފައެވެ.
އިއްޔެ މެންދުރު ފެށި މި މުބާރާތުގައި މިހާރު ކުރިއަށްދަނީ ގްރޫޕް ސްޓޭޖްގެ މެޗްތަކެވެ. އިއްޔެ މެންދުރު ފެށި މި މުބާރާތަށް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް އިންތިޒާމް ކުރާ ފަރާތުން ބުނެއެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ.