އާދިލް: ބިޔަ މަޝްރޫއުތަކެއްގެ މެދުގައި

އިބްރާހިމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓަށް 50 އަހަރު ފުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އައިއެންއައިއޭގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ (ކ)، ރައީސް ޔާމިން އަށް ކޯޕަރޭޓް ގިފްޓެއް ދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް
އިބްރާހިމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓަށް 50 އަހަރު ފުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އައިއެންއައިއޭގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ (ކ)، ރައީސް ޔާމިން އަށް ކޯޕަރޭޓް ގިފްޓެއް ދެއްވަނީ.– ފޮޓޯ: ރައީސް އޮފީސް

މީގެ ސައުވީސް އަހަރު ކުރިން އޭނާ އެއާޕޯޓްސް ކޮމްޕެނީގެ ވަޒީފާއަށް ކުރިމަތިލީ އާއިލާގެ މީހަކު ދިން ލަފާގެ މަތިންނެވެ. އެންމެ ފުރަތަމަ އަދާކުރީ ކުންފުނީގެ ޕްރޮޖެކްޓް އޮފިސަރ ޓްރޭނީއެއްގެ ވަޒީފާއެވެ. އެއީ އިދާރީ މަސައްކަތްތަކުގެ އެންމެ އާދައިގެ ފަންތިއެވެ. މުސާރަ ހާހަކަށްވެސް ނާރައެވެ. އެކަމަކު މިހާރު އެތައް ކަމެއް ބަދަލުވެއްޖެ އެވެ. ހަރުފަތަކަށްފަހު ހަރުފަތެއް ގިރާ ކުރަމުން އައިސް މިއަދު އޭނާއަކީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރެވެ. އެކަމަކު އެހުރިހާ ދުވަހެއް ވީ އިރުވެސް ބަދަލެއް ނައިސް ހުރި ކަންކަން އެބަހުއްޓެވެ. އޭނާގެ ހިތްތިރި މިޒާޖެވެ. މަސައްކަތު ގަޑިއަށް ބަހައްޓާ ފަރުވާތެރިކަމެވެ. މިހާރުވެސް އެންމެ ކުރިން މަސައްކަތަށް ނުކުންނަ މުވައްޒަފުންގެ ތެރޭގައި އޭނާ ހިމެނެއެވެ.

ދައުލަތުގެ އެންމެ ބޮޑު ކުންފުނި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ އެންމެ އިސް މަގާމުގައި ހުންނެވި އާދިލް މޫސާ (43)އަކީ އެއްވެސް އިރެއްގައި ސިޔާސީ ހަރަކާތްތަކުގެ ތެރޭގައި އުޅުއްވި ބޭފުޅެއް ނޫނެވެ. މީގެ ގާތްގަނޑަކަށް ދޮޅު އަހަރު ކުރިން ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަގާމު ހުށަހެޅުމުން ވިސްނަންޖެހުނީ އެ ސަބާހުރ ެއެވެ. އެކަމަަކު އެކަން އޭނާ ނެންގެވީ ޕޮޒިޓިވް ކޮށެވެ. އާދިލް ގަބޫލްކުރެއްވި ގޮތުގައި އެފަދަ މުހިއްމު ޒިންމާއެއް އޭނާއާ ހަވާލުކުރަން ސަރުކާރުން ނިންމަވާނީ ވަރަށް ގިނަ ކަންތައްތަކަށް ބެލުމަށްފަހުގައެވެ.

“މިފަދަ ކުންފުންޏެއްގެ މެނޭޖިންގ ޑިރެކްޓަރެއްގެ މަގާމަށް ހަމަޖައްސާނެ ވަރަށް ގިނަ މީހުން ސަރުކާރުގެ ތެރޭގައިވެސް ތިބޭނެ، އަދި މިތަނުގައިވެސް ތިބޭނެ ދެއްތޯ، އެކަމަކު ހަގީގަތުގަ މިދެންނެވިހެން ވަރަށް ގިނަ ކަންތައްތަކަށް ބަލާފަކަމަށް އަޅުގަނޑަށް ރިއަލައިޒް މިވަނީ ސަރުކާރުން މި މަގާމު އަޅުގަނޑަށް އޮފަރ ކުރާނީ. އަދި އެކަން އެގޮތަށް ކުރެއްވީ ސަރުކާރުގެ މުހިއްމު ޕްރޮޖެކްޓެއް މިތަނުގަ ފަށަން އޮތުމާއެކު މިތަން ރަގަޅަށް ދަންނަ މީހަކަށް ހިންގުން ހަވާލުކުރުމުގެ ވިސްނުމުގައި ކަމަށް އަޅުގަނޑު ދުށީ،” އާދިލް ވިދާޅުވި އެވެ.

އެގޮތަށް އާދިލް ނުވިސްނަންވީ ސަބަބެއްވެސް ނެތެވެ. އެއާޕޯޓްސް ކުންފުނި އާދިލްއަށް ހިތުދަހެވެ. ކުރިން މެނޭޖިންގ ޑިރެކްޓަރުކަން ކޮންފައި ތިއްބެވި ގިނަ ބޭފުޅުންގެ އިތުބާރު އޮތް ބޭފުޅަކަށް އޭނާ ވިއެވެ. މަސައްކަތުގެ އަހުލާގު ސަތޭކައެވެ. ތައުލީމާއި، ހިންގުމުގެ ތަޖްރިބާއަށް ބެލިއަސް އާދިލް ވަރުގެ މީހަކު ކުންފުނީގައި މަދެވެ. ތެދުތެދަށް ދަންނަވާނަމަ މަގާމު ހުށަހެޅުނުއިރު އާދިލް ހުރީ އެމްޑީއަކަށް ފައްކާވެފ ައެވެ.

އިބްރާހިމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓަށް 50 އަހަރު ފުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އާދިލް ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
އިބްރާހިމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓަށް 50 އަހަރު ފުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އާދިލް ދައްކަވަނީ.– ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގައި މިހާތަނަށް ކުރިއަށް ގެންދެވޭ އެންމެ ބޮޑު ޕްރޮޖެކްޓްގެ މަޝްރޫޢު ބެލެހެއްޓުމުގެ މަސައްކަތް ހަވާލުވެފައިވާ ކުންފުނީގެ އެންމެ އިސް މަގާމުގައި ހުންނެވުމަކީ ފަހުރެއް ކަމުގައިވިޔަސް އާދިލް ވިދާޅުވާ ގޮތުގައި އެއީ ގޮންޖެހުންވެސް ބޮޑު ކަމެކެވެ. އެކަމަކު އެއްހާސް މިލިޔަން ޑޮލަރަށްވުރެ އަގުހުރި މަޝްރޫއުތައް ފެށެން ކުޑަތަންވެފައިއޮތް އިރު އާދިލް ހުރީ ސާބިތުވ އެވެ. އެއާޕޯޓްގެ އައު ރަންވޭއާއި، ޓާމިނަލްގެ އިތުރުން ކާގޯ ކޮމްްެޕްލެކްސް އާއި ފިއުލް ފާމްގެ މަސައްކަތަށް ނަގާފައިވާ ބޮޑެތި ލޯނުތައް ދައްކާނެ ގޮތަކާއިމެދު ބައެއް ރައްޔިތުން ބޮޑެތި ސުވާލުތައް އުފައްދަމުން އަންނައިރު އާދިލް ގެ ހާސްކަމެއް ނެތެވެ. އޭގެ ސަބަބުވެސް އޭނާ ވިދާޅުވެދެއްވި އެވެ.

“މި ޕްރޮޖެކްޓް ފެށުމުގެ ކުރިން ވަރަށް ރަގަޅު ފީސިބިލިޓީއެއް ހަދާފަ އޮތީ، ހަމަ ހުރެފަ ރަންވޭއާ ޓާމިނަލް ހަދަން ނިންމީއެއް ނޫން، ޔަގީން ކަމާއެކު ދަންނަވަން އެނގޭ އެކައްޗަކީ މިހާރުވެސް މި ކުންފުންޏަކީ ދައުލަތަށް އެންމެ ބޮޑު ފައިދާއެއް ނެރެދޭ އެއް ކުންފުނި، އެއް ކުންފުންޏެއްވެސް ނޫން، އެންމެ ބޮޑު ކުންފުނި، މިހާރުވެސް އަހަރުމެންނަށް ހުރިހާ ޓެކްސް އެއް ކަނޑާފަ އެއް ބިލިއަން ރުފިޔާ އަށްވުރެ އިތުރު އަދަދެއް އަހަރަކު ފައިދާ އެބަ ނެރެވޭ، އެހެންވީމަ މި ދައްކަނީ ތިންގުނަ ބޮޑު ޓާމިނަލްއެއްގެ ވާހަކަ، އެހެންވެއްޖެއްޔާ އެ ނިސްބަތުން މިބަލަނީ ތިންގުނަ އިތުރުކުރެވި ޕްރޮފިޓް އިތުރުކުރެވޭނެ ކަމަށް، އެހެންވީމަ ބުނަން މިއުޅެނީ އެމްއޭސީއެލްއިން ނަގާ ލޯންތައް އެމްއޭސީއެލްއަށް ލިބޭ އެއްޗަކުން ޕޭ ކުރެވޭނެ އޭ، ސަރުކާރުން ހަގީގަތުގަ އެއްވެސް ބުރައެއް އުފުލާކަށް ނުޖެހޭނެއޭ.” އާދިލް ވިދާޅުވި އެވެ.

އެއާޕޯޓް ތަރައްގީކުރުމުގެ ބޮޑު މަޝްރޫއާމެދު އާދިލްގެ އުއްމީދުތައް ހުރިލެއް ވަރަށް މައްޗެވެ. އައު ރަންވޭއާއި ޓާމިނަލްގެ މަސައްކަތް ނިމި ހިދުމަތްދޭން ފަށާއިރު އާދިލް ވިދާޅުވިގޮތުގައި މިހާރު ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެއާޕޯޓްތަކުން ލިބޭ ހިދުމަތްތަކާ އެއް ފެންވަރުގެ ހިދުމަތްތަކެއް ހުޅުލޭ އެއާޕޯޓުން ލިބޭނެއެވެ.

އާދިލް އީޓީއަށް އިންޓަވިއު ދެއްވަނީ
އާދިލް އީޓީއަށް އިންޓަވިއު ދެއްވަނީ

“އަޅުގަނޑުމެން މިބަލަނީ ދުނިޔޭގަ އެންމެ ކުރިއަރާފަހުރި ގައުމުތަކުގަ އެއާޕޯޓްތަކުގަ ހުންނަ ފެސިލިޓީތައް ގާއިމް ކުރަން، އެއީ އެއް ކަމަކަށް މިބަލަނީ، ދެން އަޅުގަނޑުމެން ހަދާ ޓާމިނަލް އަކީ ރީތި،  މީހުން އަޅައިގަންނަ ކަހަލަ ހިތްގައިމު ޓާމިނަލްއެއް ހެދޭތޯ. ތިންވަނަ ކަމަކަށް ޓާމިނަލްތަކުންދޭ ހިދުމަތްތައް ދެއްތޯ އޮންނާނީ، އެގޮތުން ބަލަނީ ދުނިޔޭގެ ފެންވަރުގެ އެންމެ ރަގަޅު އެއާޕޯޓްތަކުގައި ހުންނަ ޓާމިނަލްތަކުންދޭ ހިދުމަތްތައް ދެވޭނެ ފެންވަރަށް ކަންކަން ހިމަނަން.  އެހުރިހާ ކަމެއް އެއްކޮށްލީމަ އެހެރީ ހަމަ ދުނިޔޭގެ މިސާލަކަށް މިސަރަހައްދުގެ އެންމެ ފެންވަރު ރަނގަޅު ތަންތަނުން ދޭވަރުގެ ހިދުމަތްތަކެއް ގާއިމްވެފައިހުުރި އެއާޕޯޓަކަށް ވެފަ” އާދިލް ވިދާޅުވި އެވެ.

އައު ރަންވޭއާއި ޓާމިނަލްގެ މަސައްކަތުގެ އިތުރުން ދެހާސް ފަސްސަތޭކައަށްވުރެ ގިނަ މުވައްޒަފުން ވަޒީފާ އަދާކުރާ ކުންފުންޏެއް ހިންގުމަކީ އާދައިގެ ކަމެއް ނޫނެވެ. އާދިލް ވިދާޅުވާގޮތުގައި އެއީ ސައުވީސް ގަޑިއިރުގެ މަސައްކަތެކެވެ. އޮފީހުން ނިމިގެން ގެއަށް ވަޑައިގަތް ކަމުގައިވިޔަސް ހުންނަވަންޖެހިވަޑައިގަންނަވަނީ އެލާޓްގަ އެވެ. އެކަމަކު އޭގެ ސަބަބުން އާއިލާއަށް ދޭންޖެހޭ ވަގުތު އޭނާ އެއްފަރާތެއް ނުކުރައްވަ އެވެ. އޮފީހުން ގެއަށްވަޑައިގެން ރޭގަނޑުގެ ގިނަ ވަގުތުތައް އާދިލް ހޭދަކުރައްވަނީ އޭނާގެ އަލަތު އަނބިކަބަލުންނއިާ ތިން ކުދިންނާއެކު އެވެ.

އޭދަފުއްޓަށް އުފަން އާދިލްގެ ތައުލީމީ ހަޔާތް ފެއްޓެވީ ބަހިއްޔާ ސްކޫލުންނެވެ. ގްރޭޑް ފަހަކާ ހަމަޔަށް ބަހިއްޔާގައި ކިޔަވާ ވިދާޅުވުމަށްފަހު ބ. އަތޮޅު ތައުލީމީ މަރުކަޒުން ގްރޭޑް ހަތަކާ ހަމަޔަށް ކިޔެވުން ފުރިހަމަ ކުރެއްވި އެވެ. އޭރުވެސް އާދިލް އަކީ ތޫނުފިލި ދަރިވަރެކެވެ. ނަތީޖާއެއްގެ ގޮތުން މަޖީދިއްޔާ ސްކޫލުން ގްރޭޑް ދިހަޔަކާ ހަމަޔަށް ކިޔެވުމުގެ ފުރުސަތު އޭނާ ހޯއްދެވިއެވެ. ގްރޭޑް ދިހައެއް ނިންމުމަށްފަހު ވަޒީފާއަށް ނުކުންނެވި އިރުވެސް އިތުރަށް ކިޔެވުމުގެ ވިސްނުން ހުއްޓެވެ. ވަޒީފާ އަދާކުރައްވަން ފެއްޓެވިތާ ގާތްގަނޑަކަށް ފަސް އަހަރުފަހުން ކުންފުނިން ފަހިކޮށްދެއްވި ފުރުސަތެއްގައި އެކައުންޓިންގް އެންޑް ފިނޭންސްގެ ދާއިރާއިން މެލޭޝިޔާގައި ބެޗްލާސް ފުރިހަމަ ކުރުމަށްފަހު ހަމަ އެ ދާއިރާއިން އޮސްޓްރޭލިޔާގައި އޭނާ މާސްޓާސް ފުރިހަމަކުރިއެވެ. އާދިލް ވިދާޅުވި ގޮތުގައި އެއީ އޭނާގެ ހަޔާތުގައި ހާސިލް ކުރަން ވަރަށް ކުރިއްސުރެ ކަނޑައެޅުއްވި އެއް އަމާޒެވެ. އެކަން ހާސިލް ކުރުމުގައި އޭނާގެ މައިންބަފައިން ވީ ގުރުބާނީ އާދިލް މި ފުރުސަތުގައިވެސް ފާހަގަކުރެއްވި އެވެ.

އިބްރާހިމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓަށް 50 އަހަރު ފުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އާދިލް ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
އިބްރާހިމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓަށް 50 އަހަރު ފުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އާދިލް ދައްކަވަނީ.– ފޮޓޯ: ރައީސް އޮފީސް

އާދިލް އަކީ ވަޒީފާ އަދާކުރަމުން އަންނަ ޒުވާނުންނަށް ނަމޫނާ އެކެވެ. އާއްމުކޮށް ދައުލަތުގެ ބިޔަ ކުންފުނި ތަކުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނާ ގުޅޭގޮތުން ދެކެވޭ ޒާތުގެ ވާހަކަތައް އާދިލް އާ ގުޅުވައިގެން ދެކެވެމުން އަންނާތީ އިވިފައެއް އަދި ނެތެވެ. އެއީވެސް އާދިލްގެ މައިންބަފައިންގެ ތަރުބިއްޔަތުގެ އަސަރު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އާދިލްގެ ހަނދާނުގައި އޭނާގެ މައިންބަފައިން އެންމެ ގިނައިން ބުނާ އެއް ވާހަކަ އަބަދުވެސް ހަނދާން ހުރެއެވެ. އެއީ “ސިއްރުކަމެއް ނުކޮށް ރަގަޅަށް އުޅޭށޭ، ނަމާދުކުރާށޭ” އެވެ.

މުނިފޫހިފިލުވުމުގެ ގޮތުން އާދިލް އެންމެ ގިނައިން ކުރައްވާ ކަމަކީ ފުޓްބޯޅަ ބެއްެލުމެވެ. އިނގިރޭސި ޕްރިމިއާ ލީގް އެއީ އޭނާގެ ފޭވަރިޓެވެ. ވަކި ޓީމަކަށް ލޯބި ޖެހިފައި ކުރިން ނެތަސް އެންމެ ފަހުގެ ލީގް ޗެމްޕިއަން ލެސްޓަރ ސިޓީއަށް ނޭގި ނަމަވެސް ފަހުން އާދިލްގެ ހިތް ދޫވިއެވެ. ދެންއޮތީ ކައިވެނީގެ ވާހަކައެވެ. އަލަތު އަނބިމީހާއާއެކު ކާމިޔާބު ސާދަ އަހަރު ވޭތުކޮށްފި އެވެ. މިހާރު އެއީ ތިންކުދިންގެ ބައްޕައެއްވެސް މެއެވެ. އާދިލް އެންމެ ފަރިއްކުޅުވާ ހިތްވަނީ އިންޑިއަން ކެއުމެވެ.

އެކި ވަޒީފާތައް އަދާކުރަމުން އަންނަ ޒުވާނުންނަށް އާދިލްގެ ފަރާތުން މުހިއްމު މެސެޖެއްވެސް އެބަ އޮތެވެ.

“ތަނެއްގަ އުޅޭއިރު އަންނާނެއޭ ހިތްހަމަނުޖެހޭ ގިނަ ކަންތައްތަކެއް، އެއިން ކޮންމެ ކަމަކީ ބޮޑު އިޝޫއަކަށް ހަދައިފިއްޔާ ދެންތިބޭ ވެރިންނާ މި މީހުން އެމީހާއަކީ ބަލައިގަންނަ މީހަކަށް ނުވެދާނެއޭ. މީގަ މުހިއްމީ ހަވާލުކުރެވޭ ކަމެއް ޒިންމާދާރުކަމާއެކު ގަޑިއަށް ފަރުވާތެރިވެގެން ކުރެވޭތޯ. ދިމާވާ މައްސަލަތަކަކީ އަބަދު ދިގުދެމިގެންދާނެ ކަންކަން ކަމުގައި ނުދެކި އެކަން ހަނދާން ނައްތާލުމަށްފަހު ޒިންމާ އަދާކުރަން އިސްކަން ދޭންވީ. ދިމާވާ ކޮންމެ ކަމެއް މައްސަލައަކަށް ހަދައިގެން ކަންކަން ނުކުރެވޭނެ އުޒުރު ދައްކާ މީހަކަށް ނުވާންވީ،” އާދިލް ނަސޭހަތަކީ މިއެވެ.

އެއީ ގަބޫލުކުރެވޭގޮތުގައި އާދިލްގެ ކުރިއެރުމުގެ ފަހަތުގައިވާ އެންމެ މުހިއްމު އެއް ސިއްރެވެ.

އީޓީ ގެ ފަރާތުން އެދެނީ އާދިލްއަށް އަބަދުވެސް ކުރިއެރުމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.