ފުރާވަރު ކުދިންނަށް ހާއްސަ ކުލިނިކެއް ހުޅުވައިފި

ފުރާވަރު ކުދިންނަށް ހާއްސަ ކުލިނިކު ހެލްތު މިނިސްޓަރު އިއްޔެ ހުޅުވައިދެއްވަނީ - ފޮޓޯ / ހެލްތު މިނިސްޓްރީ
ފުރާވަރު ކުދިންނަށް ހާއްސަ ކުލިނިކު ހެލްތު މިނިސްޓަރު އިއްޔެ ހުޅުވައިދެއްވަނީ – ފޮޓޯ / ހެލްތު މިނިސްޓްރީ

ފުރާވަރު ކުދިންނާއި ޒުވާނުންނަށް ޚާއްސަކޮށްގެން ބ․ އަތޮޅު ހޮސްޕިޓަލުގައި ކްލިނިކެއް ހުޅުވައިފި އެވެ․

“އެޑޮލެސެންޓް އެންޑް ޔޫތް ފްރެންޑްލީ ހެލްތު ސާވިސަސް” ގެ މި ކްލިނިކް އިއްޔެ ހެނދުނު ހުޅުއްވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމު އިބްރާހީމު އެވެ․

މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވި ގޮތުގައި މި ކުލިނިކްގެ އަމާޒަކަށް ވާނީ ފުރާވަރަށް އަރަމުން އަންނަ ކުދިންގެ ސިއްހަތަށާއި އުޅުމަށް އަންނަ ބަދަލުތަކާއި ބެހޭގޮތުން މައުލޫމާތު ފޯރުކޮށްދިނުމެވެ․ އަދި މުސްތަގުބަލުގައި ރަނގަޅު ސިއްހަތެއްގައި ހުރުމަށް އަށަގަންނުވަންވީ އާދަތަކާއި ގެންގުޅެންވީ އުސޫލުތަކާ ބޭގޮތުން މައުލޫމާތު ފޯރުކޮށްދިނުމަކީވެސް ކުލިނިކު ހުޅުވުމުގެ އަމާޒެއްކަމަށް މިނިސްޓަރު ވިދާޅުވި އެވެ․

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޗްޕީއޭ ގެ ސީނިއާ މެޑިކަލް އޮފިސަރު ޑރ. ރަޒާނާ ފާއިޒް ވިދާޅުވީ ފުރާވަރު އުމުރުގައި ސިއްހީ ގޮތުން ކުދިންނަށް ދިމާވާ ކަންކަމުގައި އެކުދިން ފަސްޖެހުމަކީ ދިމާވާ އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ․

ފުރާވަރު އުމުރުކަމަށް ކަނޑައެޅިފައިވަނީ އުމުރުން ދިހަ އަހަރާއި ނަވާރަ އަހަރާއި ދެމެދެވެ․ މި ކްލިނިކުން ފުރާވަރުގެ ކުދިންނަށް ދެވޭނެ ހިދުމަތްތަކުގެ ތެރޭގައި މެޑިކަލް ޗެކްއަޕް ހެދުމާއި، ވެކްސިން ދިނުމާއި، ޑޮކްޓަރަށް ދެއްކުމާއި އަދި އެހެނިހެން މައްސަލައެއް އުޅޭނަމަ ސިއްހީ މައުލޫމާތު ދިނުމުގެ އިތުރަށް ކުދިންނަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން އެކުދިންގެ މައިންބަފައިންނާއި ބެލެނިވެރިންނަށް ކައުންސެލިން ދިނުން ހިމެނެ އެވެ․

ހެލްތް މިނިސްޓްރީން ދަނީ ފުރާވަރު ކުދިންނަށް ހާއްސަ ހާއްސަކޮށްގެން ރާއްޖޭގެ އެކި ހިސާބުތަކުގައި އެޑޮލެސެންޓް އެންޑް ޔޫތް ފްރެންޑްލީ ހެލްތް ސާވިސަސްގެ ނަމުގައި ކްލިނިކްތަކެއް ހުޅުއްވަމުންނެވެ․

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.