ހިޔާލުފާޅުކުރުމުގައި ގަލަމުގެ މިނިވަންކަން އޮންނަންވާނެ: ސަލީމް

އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް)-- ފޮޓޯ/ މަޖިލިސް
އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް)– ފޮޓޯ/ މަޖިލިސް

 

އަބުރު ރައްކާތެރިކުރުމާއި ހިޔާލުފާޅުކުރުމުގެ މިނިވަން ކަމުގެ ބިލުގެ ސަބަބުން ޚިޔާލުފާޅުކުރުމުގައި ގަލަމުގެ މިނިވަންކަން އޮންނަންވާނެކަމަށާއި އެ މިނިވަންކަން ހުއްޓިގެން ނުވާނެކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) މިއަދު ރައްޔިތުންގެ މަޖިލިހުގެ ބަހުސްގައި ވިދާޅުވެއްޖެ އެވެ.

މިއީ ސަލީމު މިގޮތަށް މަޖިލީހުގެ ތަޅުމުގައި ސަރުކާރުން ހުށަހަޅާފައިވާ ބިލަކާމެދު ކަންބޮޑުވެ، ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެވެ.

އަބުރު ރައްކާތެރިކުރުމުގެ ނަމުގައި މަޖިލީހަށް ހުށަހަޅާފައިވާ ބިލާ މެދު ވެރިކަން ކުރާ ޕީޕީއެމްގެ މަޖިލިސް މެމްބަރުންގެ މެދުގައި ވެސް ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދިފަ އެވެ.

ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕު ތެރޭގައި ހިޔާލު ތަފާތުވުންތަކެއް އުފެދިފައި ވިޔަސް، ގިނަ މެމްބަރުން ތިއްބެވީ މި ބިލު ފާސްކުރާ ގޮތަށެވެ. ބިލު ހުށަހަޅާފައި އޮތް ގޮތަށް ފާސްކުރަން ބައެއް މެމްބަރުން ބާރު އަޅުއްވަމުން ގެންދެވިޔަސް، ބިލާ މެދު ހުރި ކަންބޮޑުވުންތަކަށް ބެލުމަށް ފަހު ކޮމިޓީ މަރުހަލާގައި އިސްލާހު ކުރާނެ ކަމަށް ބިލު ހުށަހެޅުއްވި ޖައުފަރު ވަނީ ވިދާޅުވެފަ އެވެ.
އަބުރު ރައްކާތެރި ކުރުމުގެ ބިލުގައި ވަކި ޚަބަރުތަކެއް މީޑިއާތަކުން ގެނެސް ނުދެވޭ ފަދަ ގޮތެއް ހަދާފައިވުމުގެ އިތުރުން ހިޔާލު ފާޅުކުރުން ވަރަށް ބޮޑަށް ވަނީ ހިފަހައްޓާފަ އެވެ.
ބިލުގައި އަބުރާ ބެހުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅައިފަ އެވެ. އެކަމަކު މީޑިއާގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ބާރު ދީފައި އޮތީ މީޑިއާގެ ކަންކަން ބަލަހައްޓާ މުއައްސަސާތަކަށެވެ.
ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހިޔާލެއް ފާޅުކުރުމާއި އާންމު ނިޒާމާ ހިލާފު ހިޔާލު ފާޅުކުރުމާއި އަބުރާ ބެހެވޭ ފަދަ ހިޔާލެއް ފާޅުކުރި މީހެއްގެ އަދަބަކަށް 50،000ރ. އާއި 2،000،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް ގާނޫނުގެ ދަށުން ކޯޓުން ކަނޑައަޅަން ވާނެ ކަމަށް ބިލުގައިވެ އެވެ. އަދި ޖޫރިމަނާ ފައިސާ ނުދައްކައިފި ނަމަ، ތިން މަހާއި ހަ މަހާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭނެ އެވެ. ޖޫރިމަނާ ފައިސާ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނުދައްކައިފި ނަމަ، އެ މައްސަލަ ފުލުހުންނަށް ހުށަހަޅަން ޖެހެ އެވެ. އަދި އެ މައްސަލަ ފުލުހުން ތަހުގީގުކުރުމަށް ފަހު، ދައުވާ ކުރުމަށް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވަން ވާނެ އެވެ.
މި ބިލާ މެދު ރާއްޖޭގެ ނޫސްވެރިންނާއި އާންމުންގެ އިތުރުން ބޭރުގެ ފަރާތްތަކުން ވެސް އަންނަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އަދި ބިލުގައި ހުރި މައްސަލަތަކާ ބެހޭ ގޮތުން އާއްމުން ހޭލުންތެރިކުރަން ނޫސްވެރިން އިސްވެ ތިބެ އަންނަނީ “27ގެ ދިފާއުގައި”ގެ ނަމުގައި ވަރުގަދަ ކެމްޕެއިނެއް ވެސް ހިންގަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.