މާލިއްޔަތު ކޮމެޓީން ރެޑްވޭވް ސަލީމް އިސްތިއުފާ ދީފި

އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް)-- ފޮޓޯ/ މަޖިލިސް
އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް)– ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ މެމްބަރު ކަމުން އޭދަފުށީ ދާއިރާގެ ޕީޕީއެމް މެމްބަރު އަހްމަދު ސަލީމް (ރެޑްވޭވް) މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

އޭނާ ކޮމެޓީން އިސްތިއުފާ ދެއްވީ، އެނގިފައިވާ ގޮތުގައި، ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާނަށް ފޮނުއްވި އެސްއެމްއެސް އަކުންނެވެ. ނަމަވެސް އިސްތިއުފާ ދެއްވި ސަބަބެއް އަދި ސާފެއް ނުވެ އެވެ.

އެކަމަކު ސަލީމް އިސްތިއުފާ ދެއްވާފައި މިވަނީ މަޖިލީހުން މިއަދު ފާސްކުރި ހިޔާލު ފާޅުކުރުން ހުއްޓުވާ ބިލް ފާސްކުރަން ތްރީ ލައިން ވިޕް ނެރެފައި ވަނިކޮށް އެއާ ހިލާފުވެވަޑައިގަތުމުން ޕީޕީއެމްގެ ވައިބާ ގްރޫޕުން އޭނާ ބޭރުކޮށްފައި ވަނިކޮށެވެ.

މި ބިލާ ދެކޮޅަށް ޕީޕީއެމް ވައިބަ ގްރޫޕް ތެރޭގައި ދެކޮޅު ހެއްދެވި މަދު މެމްބަރުންގެ ތެރޭގައި ސަލީމް ހިމެނިވަޑައިގަންނަވަ އެވެ. މި ބިލަށް ވޯޓު ދެއްވަން މަޖިލީހަށް ވަޑައިނުގަތުމަކީ ތްރީ ލައިން ވިޕަކާ އޭނާ ހިލާފުވެވަޑައިގަތް ފުރަތަމަ ފަހަރެވެ.

ސަލީމްގެ އިތުރުން މި ބިލާ ދެކޮޅަށް ސަރުކާރު ހިންގާ ކޯލިޝަނުން މިއަދު ވޯޓު ނުދެއްވީ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އާއި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މުހައްމަދު ނަޝީދާއި ދިއްގަރު ދާއިރާގެ އަހުމަދު ފާރިސް މައުމޫނާއި ނޮޅިވަރަމް ދާއިރާގެ އެމްޑީއޭގެ މެމްބަރު ހުސެއިން އަރީފެވެ.

ވެރިކަން ކުރާ ޕާޓީގެ މަދު މެމްބަރުންތަކަކާއި ސަރުކާރާ އިދިކޮޅު މެމްބަރުން ބިލަށް ވޯޓު ނުދެއްވިއަސް ޕީޕީއެމް/އެމްޑީއޭގެ މެމްބަރުންގެ ވޯޓުން ބިލް ވަނީ ފާސްކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.