މޫދު ސިޑިން އެތައް ބަޔަކަށް އުފާވެރިކަން

ދެކުނު ފަރާތުގައި މޫދަށްއެރި އުޅޭ ސަރަހައްދުގައި ބެހެއްޓި ސިޑީމަތީގަިއ ބަޔަކު މަޑުކޮށްލައިގެން
ދެކުނު ފަރާތުގައި މޫދަށްއެރި އުޅޭ ސަރަހައްދުގައި ބެހެއްޓި ސިޑީމަތީގަިއ ބަޔަކު މަޑުކޮށްލައިގެން

“ރޯދައިގެ ކުރިން މޫދަށް އެރުނުގޮތަށް ހުއްޓާ، ސިޑިބެހެއްޓި ހަބަރު ލިބިގެން މިހާރު އަނެއްކާވެސް މޫދަށް އަންނަ މިފެށީ. ވަރަށް އުފާވެފަ މިހުރީ. އަސްލަށް މީ ހަމަ ވަރަށް ރަނގަޅަށް ބަޔަކު ކުރިކަމެއް. ސިޑިއެކޭ ބުންޏަސް މީ ހަމަ ރަންގަނޑެއް” އޭދަފުށީ ދެކުނުފަރާތަށް މޫދަށް އެރެން ގޮސްހުރި މެދު އުމުރުފުރައިގެ އަންހެނަކު މޫދަށް އެރޭ ސިޑިއާ ބެހޭގޮތުން ބުނީ މިހެންނެވެ.

މިރަށުގެ ބިން މިފަހުން ހިއްކުމުގެ ކުރިން ރަށުގެ އެކިސަރަހައްދުތަކަށް މޫދަށް އެރުމަކީ ވަރަށް ފަސޭހަކަމެކެވެ. ނަމަވެސް ބިންހިއްކާ ނިމުމުން މޫދަށް އެރުން ދަތިވެ، ދާނެ ދިމާއެއް ނޭނގި ހުރިހާ އެންމެންވެސް މޫދަށް އެރެމުން އައީ، ކުރިން ދެކުނުފަރާތު ނެރަށް ފުންކޮށްފައިއޮތް ފުންދިމާއަށެވެ. ނަމަވެސް ހިއްކި ސަރަހައްދުގެ ވަށައި ބޮޑުހިލަޖަހައި ނިމުމާއެކު މިދިޔަ 3 މަހެއްހާދުވަހު އާންމުން މޫދަށް އެރޭނެ ގޮތެއް ނެތި ލައްކަ ޝަކުވާ ކުރިއެވެ.

އޭދަފުށީ ދެކުނު ފަރާތު މޫދަށްއެރޭ ސަރަހައްދުގައި ބަޔަކު މޫދަށްއެރެނީ– އީޓީ ފޮޓޯ / ރާއިފް ޔޫސުފް / ޑްރޯން
އޭދަފުށީ ދެކުނު ފަރާތު މޫދަށްއެރޭ ސަރަހައްދުގައި ބަޔަކު މޫދަށްއެރެނީ– އީޓީ ފޮޓޯ / ރާއިފް ޔޫސުފް / ޑްރޯން

މިކަމަށް ހައްލެ ލިބިގެން ދިޔައީ، ރަށުގެ މަދުބަޔަކު ނުކުމެ، ދެކުނު ފަރާތުގައި ހިލަތައްމަތިން މޫދަށް އެރެވޭގޮތަށް ސިޑިއެއް ލުމާގުޅިގެންނެވެ. މިމަސައްކަތުގައި އިސްކޮށް އުޅުނު ފަރާތްތަކުން ބުނީ މިމަސައްކަތް ކުރީ ހަމަ އާންމުން ހަދާނެ ނަހަދާނެ ގޮތެއް ނެތިގެން ކުރާ ޝަކުވާތަކަށް ހައްލެއް ހޯދާ ދިނުމަށްކަމަށެވެ.

“މިކަމެއް ނުވިދޯ ކައުންސިލަކަށް. އަންހެނުންތައް އެއޮއްދުވަނީ މޫދަށް އެރެން. ހިލަޖަހާ ވަށާލިއިރުވެސް މިކަމަކާ ބަޔަކު ނޫޅޭ. އަހަރެމެން މިކަމާ ނުކުންނަންޖެހުނީ އެހެންވެ،” ސިޑި ބެހެއްޓުމުގެ މަސައްކަތުގައި އިސްކޮށް އުޅުނު މީހަކު އީޓީއަށް ބުންޏެވެ.

އޭނާ ބުނީ މިސިޑި ބެހެއްޓުމާއެކު، ސަރަހައްދަށް އީދެއް އައިސްފައިވާކަމަށާ، މޫދަށް އެރޭ މީހުން ވަރަށްގިނަ އަދަދަކަށް ކޮންމެ ދުވަހަކުވެސް އެ ސަރަހައްދަށް އަންނަމުންދާ ކަމަށެވެ.

“ހަވީރު އަތަށް އަޅާލައިފިއްޔާ ލާހިކެއްނޫން އެ ސަރަހައްދަށް ގާތްވެލާކަށް. ކުޑަކުދިންނާއި އަންހެނުންނާއި ޒުވާނުން، އެ އޮތީވާކަމެއް. މިކަހަލަ ކަންކަން ކުރީމަ ރައްޔިތުންނަށް އުފާވެރިކަން މިއަންނަނީ” އޭނާ ބުންޏެވެ.

އޭދަފުށީ ދެކުނު ފަރާތު މޫދަށްއެރޭ ސަރަހައްދުގައި ބަޔަކު ހަރަކާތްތެރިވަނީ-- އީޓީ ފޮޓޯ / ރާއިފް ޔޫސުފް / ޑްރޯން
އޭދަފުށީ ދެކުނު ފަރާތު މޫދަށްއެރޭ ސަރަހައްދުގައި ބަޔަކު ހަރަކާތްތެރިވަނީ– އީޓީ ފޮޓޯ / ރާއިފް ޔޫސުފް / ޑްރޯން

އޭދަފުށީގެ ގިނަބަޔަކު މި މަސައްކަތަށް އަންނަނީ ތައުރީފް ކުރަމުންނެވެ. އަދި އެ ސަރަހައްދު ބަލާލުމަށް ހަވީރު ގިނަ ބަޔަކު އެ ސަރަހައްދަށް ގޮސްއުޅޭކަންވެސް ފާހަގަކުރެވެ އެވެ.

“ވަރަށް ވަރަށް ރަނގަޅުކަމެއްމީ. ކޮންމެ ބަޔަކު ކުރިކަމުގައި ވިޔަސް މިއެއްނު ކުރަންވީ ކަމަކީ، ކައުންސިލަރުންވެސް މިކަހަލަ ކަންކަމާ ނޫޅޭތީ ދެރައީ. އަހަރެން މިހުރީ ވަރަށް އުފާވެފައި ބަޔަކު މިވަރުކަމެއް ކުރީމަ. އަދި އެމީހުންގެ މަސައްކަތުގައި ބައިވެރިވެވޭތޯވެސް އެބަ މަސައްކަތް ކުރަން،” ސަރުކާރު އޮފީހެއްގެ ވެރިއަކު ބުންޏެވެ.

ސިޑީގެ މަސައްކަތް ނިމުމާއެކު އެ މަސައްކަތުގެ ޓާސްކް ފޯހުން މިހާރު އަމާޒުހިފާފައިވަނީ އެސަރައްދަށް މޫދަށް އެރޭ މީހުންނަށް ފެންވެރުމަށް ވަޅެއް ހެދުމުގެ މަސައްކަތެވެ. އެ މަސައްކަތް މިދިޔަ ހަފްތާ ބަންދުތެރޭގައި ފެށިއިރު، ވަރަށް ގިނަ ބަޔެއްގެ އެހީތެރިކަމާ ސަޕޯޓް މަސައްކަތަށްވެސް ލިބެމުންދާކަން ޓާސްފޯހުން ވަނީ ފާހަގަކޮށްފަ އެވެ.

“މިހާރުވެސް މިހިރީ ސަޔާ ހެދިކާ ގެނެސްފައި. އަނެއްކާ ފައިސާގެ އެހީތައްވެސް އާންމުން މެދުނުކެނޑި ދަނީ ފޯރުކޮށްދެމުން. އަޅުގަނޑުމެން މި ސަރަހައްދު އާންމުން ހިތްހަމަޖެހޭ، ރައްކާތެރިތަނަކަށް ހަދަން މިހާރު ނިންމައިގެން މިތިބީ،” ހުކުރުދުވަހު ހަވީރު މޫދަށް އެރޭ ސަރަހައްދުގައި ވަޅުހެދުމުގެ މަސައްކަތް ކުރަންތިބި ޓީމުގައި ހިމެނުނު އިބްރާހީމް އަބޫބަކުރު (ޖޯން) ބުންޏެވެ.

ޖޯން ބުނީ އެ ސަރަހައްދު އެއްކޮށް ހަދާ ނިމޭއިރު “ރަސްފަންނަ”ށްވުރެ ވަކި ދެރަ ނުވާނެ ކަމަށާއި ފެންވަރާ ބައި ނިމުމުން، ހިޔާވުމަށް ހަޓަކާ، ބާބެކިއު ސަރަހައްދެއް ހެދުމަށްވެސް ވިސްނަމުންދާކަމަށެވެ.

ޓާސްކް ފޯހުގެ މަސައްކަތަށް އައްސަރިބަހާ ސާބަހެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.