“ރަންނާ އެވޯޑް” ހަފްލާ އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބާއްވަނީ

ranna-award

ބ. އަތޮޅަށް އެކި ދާއިރާތަކުން ހިދުމަތް ކޮށްދީފައިވާ ފަރާތްތަކަށާއި އެކި ގޮތްގޮތުން ރީތި ނަން ހޯދައިދީފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން އަތޮޅު ކައުންސިލުންދޭ “ރަންނާ އެވޯޑް” ދިނުމުގެ ހަފްލާ އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބާއްވަން ނިންމާފައިވާ ކަމަށް އަތޮޅު ކައުންސިލުން ބުނެފި އެވެ.

ރަންނާ އެވޯޑަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލުމުން ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް ބ. އަތޮޅު ކައުންސިލުން ކުރިން ވަނީ ބުނެފައެވެ.

އާއްމު ގޮތެއްގައި ބާއްވާ އެވޯޑް ހަފްލާ ތަކުގައި އެ އެވޯޑަށް ކުރިމަތިލީ ފަރާތްތަކުގެ އަދަދާއި ނޮމިނޭޓްވާ ފަރާތްތަކުގެ އަދަދު އެ ހަފްލާ ބެއްވުމުގެ ކުރިން އާއްމު ކުރެއެވެ. ނަމަވެސް މި އެވޯޑަށް ކުރިމަތިލީ ކިތައް ފަރާތުން ކަމަށާއި އެވޯޑަށް ނޮމިނޭޓްވި ފަރާތްތަކުގެ އަދަދުވެސް ބ. އަތޮޅު ކައުންސިލުން އަދިވެސް މީޑީއާ އާ ހިއްސާކުރާކަށް ބޭނުމެއް ނުވެ އެވެ.

ބ. އަތޮޅު ކައުންސިލުގެ މެންބަރު ހުސައިން ސިރާޖު ވިދާޅުވީ އަންނަ ބުރާސްފަތި ދުވަހުގެރޭ އޮންނަ އެވޯޑް ހަފްލާގައި “ރަންނާ އެވޯޑް ” އާ ގުޅޭ ތަފްސީލީ ރިޕޯޓެއް ހުށަހަޅާނެ ކަމަށެވެ.

“އެ މައުލޫމާތުތައް އަދި މީޑިޔާއާ ހިއްސާ ކުރާ ގޮތަކަށް ނޫން އޮތީ، އެވޯޑް ހަފްލާގެ ތެރެއިން ޑީޓޭއިލްޑް ރިޕޯޓެެއް ހުށަހަޅާ ގޮތަށް އޮތީ،”

މި އެވޯޑު ހަފްލާގައި ތަފާތު ދާއިރާތަކުން ބ. އަތޮޅަށް ދިގުމުއްދަތަކަށް، ފާހަގަކުރެވޭފަދަ ޝަރަފްވެރި ޚިދުމަތްތައް ކޮށްދީފައިވާ ފަރާތްތަކާއި، މިނޫންވެސް އަތޮޅަށް އަގުހުރި، ފާހަގަކޮށްލެވޭފަދަ ޚިދުމަތްތައް ތަފާތު އެކި ދާއިރާތަކުން ކޮށްދީފައިވާ ފަރާތްތަކާއި، މިދިޔަ އަހަރާއި އޭގެ ކުރީ އަހަރު ބ އަތޮޅަށް ފަޚްރުވެރި ވަނަތައް ހޯދައިދީފައިވާ ފަރާތްތަކަށްވެސް އެވޯޑު ދިނުމަށްވަނީ ހަމަޖެހިފަ އެވެ.

އަތޮޅު ކައުންސިލުން ބުނި ގޮތުގައި ތަފާތު ހަ ދާއިރާއަކުން މި އެވޯޑު ދޭން ނިންމީ، ގައުމީ ފެންވަރުގަ އާއި އަތޮޅު ފެންވަރުގައި އަދި ރަށު ފެންވަރުގައި ފާހަގަކުރެވޭ ޝަރަފުވެރިންނާއި ޚިދުމަތްތެރިންގެ އަގުވަޒަންކޮށް ހިތްވަރުދިނުމާއި އެފަދަ ފަރާތްތަކުގެ މެދުގައި ވާދަވެރި ރޫހެއް އުފެއްދުމުގެ ގޮތުންނެވެ.

އަދި ބ. އަތޮޅުގައި އިލްމީ ގޮތުން ގާބިލު ޖީލެއް އުފެއްދުމާއި ދަރިވަރުން ހޯދާ ޝަރަފުވެރި ވަނަނަތައް ފާހަގަކޮށް ހިތްވަރު ދިނުންވެސް މި އެވޯޑް ދިނުމުގެ މަގުސަތުތަކުގެ ތެރޭގައި ހިމެނެ އެވެ.

އެވޯޑް ދިނުމުގެ ހަފްލާ ޕީއެސްއެމް އިން ލައިވް ކުރާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.