ބިޑަކާ ނުލައި ބ. އަތޮޅުން ފަޅެއް 16 މިލިއަން ޑޮލަރަށް، ރަށެއް 5.5 މިލިއަން ޑޮލަރަށް

މަތިން ނަގާފައިވާ ބ. އަތޮޅުގެ ފޮޓޯއެއް
މަތިން ނަގާފައިވާ ބ. އަތޮޅުގެ ފޮޓޯއެއް

ބީލަމަށް ނުލައި ރިސޯޓް ހަދަން ފަޅުރަށްތަކާއި ފަޅުތައް ވިއްކާނެ އަގުތައް ޓޫރިޒަމް މިނިސްޓްރީން އިއުލާންކޮށްފި އެވެ.
ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހުގެ ދަށުން އިއުލާންކުރި ރޭޓުތައް ދައްކާ ގޮތުން ބ. އަތޮޅުން ރިސޯޓް ހަދަން 10 ހެކްޓަރުގެ ރަށެއް ވިއްކަނީ 5.5 މިލިއަން ޑޮލަރު (88.41 މިލިއަން ރުފިޔާ) އަށެވެ.

އެ އިއުލާނުގައިވާގޮތުން މި އަތޮޅުން ރިސޯޓްހަދަން ރަށެއް ނަގާ ނަމަ ޕްރީމިއަމްގެ ގޮތުގައި 250،000 ޑޮލަރާއި 600،000 ޑޮލަރާ ދެމެދުގެ އަގެއް ނަގަ އެވެ.

މި އުސޫލްގެ ދަށުން 15 ހެކްޓަރާއި 50 ހެކްޓަރާ ދެމެދުގެ ސައިޒުގެ ފަޅުވެސް ވިއްކުމަށް ހަމަޖެހިފައިވެ އެވެ.
ފަޅުތައް ވިއްކާ ރޭޓްތަކަށް ބަލާއިރު ބ. އަތޮޅުން 15 ހެކްޓަރުގެ ފަޅެއް 16 މިލިއަން ޑޮލަރު (254.89 މިލިއަން ރުފިޔާ) އަށް ވިއްކާއިރު، 25 ހެކްޓަރުގެ ފަޅެއް ވިއްކަނީ 24.6 މިލިއަން ޑޮލަރަށެވެ. އަދި 35 ހެކްޓަރުގެ ފަޅެއް 32.7 މިލިއަން ޑޮލަރަށް އަދި 50 ހެކްޓަރުގެ ފަޅެއް 40.9 މިލިއަން ޑޮލަރަށެވެ.

މިއަތޮޅުން ފަޅެއް ގަންނައިރު ޕްރީމިއަމްގެ ގޮތުގައި 350،000 ޑޮލަރު ދައްކަން ޖެހެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އިއުލާންކުރި ރޭޓުތައް ދައްކާ ގޮތުން އެންމެ އަގު ބޮޑުކޮށް ފަޅު ރަށާއި ފަޅު ވިއްކަނީ މާލެ އަތޮޅުންނެވެ.

ޓޫރިޒަމް ގާނޫނަށް ރައްޔިތުންގެ މަޖިލިހުން ދާދި ފަހުން ގެނައި އިސްލާހު ފާސްކޮށްފައިވަނީ ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެފައި ވަނިކޮށެވެ.

ޓޫރިޒަމް ގާނޫނުގެ ދަށުން ރަށްތަކާއި ފަޅުތައް ވިއްކާ އަގުތައް އިއުލާންކުރި ނަމަވެސް މި އަހަރު ވިއްކަން ހަމަޖެހިފައިވާ ރަށްތައް އަދި އިއުލާނެއް ނުކުރެ އެވެ. ޓޫރިޒަމް ގާނޫނުގައިވާ ގޮތުން ކޮންމެ އަހަރަކު ދޫކުރާނެ ރަށްތަކާއި ފަޅުތަކާއި ބިމާ ބެހޭ މައުލޫމާތު ހިމެނޭ ލިސްޓެއް، ރައީސް އޮފީހުގެ މަޝްވަރާގެ މަތިން، ޓޫރިޒަމް މިނިސްޓްރީން ކޮންމެ އަހަރެއް ފެށުމާ އެކު ގެޒެޓްގައި އިއުލާން ކުރަން ޖެހެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.