ކައުންސިލު އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހު ހުޅުވާލަނީ

ލޯކަލް ކައުންސިލް އިންތިހާބުގަިއ އޭދަފުށީގައި ބަހައްޓާފައިހުރި ވޯޓު ފޮއްޓަކަށް މީހަކު ވޯޓުލަނީ.--
ސްކޫލްގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށް މީހަކު ވޯޓުލަނީ.–

ލޯކަލް ކައުންސިލު އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހު ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ކަލަންޑަރުގައިވާ ގޮތުން ކައުންސިލް އިންތިހާބު އޮންނާނީ ޖެނުއަރީ 14 ގަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި މި އިންތިހާބުގައި ވާދަ ކުރަން ހުޅުވާލާނީ އަންނަ މަހުގެ 26 ވަނަ ދުވަހު އެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބޯމަތިވެފައި ވަނިކޮށް މިދިޔަ މަހު މަޖިލީހުން ފާސްކުރި އިސްލާހުގެ ސަބަބުން ރަށު ކައުންސިލާއި އަތޮޅު ކައުންސިލްތަކަށް އިންތިހާބުކުރާ ކައުންސިލަރުންގެ އަދަދު ބޮޑުތަން މަދުވެގެންދާނެ އެވެ.

މަޖިލީހަށް ފާސްކުރި އިސްލާހުގައިވާ ގޮތުން 3000 މީހުންނަށް ވުރެ މަދު އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިހާބު ކުރަން ޖެހޭނީ ތިން ކައުންސިލަރުންނެވެ. އަދި 3000 މީހުންނަށް ވުރެ ބޮޑު އާބާދީއެއް އޮންނަ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިހާބު ކުރަން ޖެހޭނީ ފަސް ކައުންސިލަރުންނެވެ.

މީގެ އިތުރުން އަތޮޅު ކައުންސިލްގެ މެމްބަރުން އިންތިހާބު ކުރާއިރު، ދެ އިންތިހާބީ ދާއިރާއަށް ވުރެ ގިނަ އިންތިހާބީ ދާއިރާ ހިމެނޭ އިދާރީ ދާއިރާތަކުން އެ އިދާރީ ދާއިރާއެއްގެ އަތޮޅު ކައުންސިލަކަށް އިންތިހާބުކުރާނީ ކޮންމެ އިންތިހާބީ ދާއިރާއަކުން އެއް ކައުންސިލަރު ކަމަށް ވެސް އިސްލާހުގައިވެ އެވެ.

އޭގެ އިތުރުން ދެ އިންތިހާބީ ދާއިރާ ހިމެނޭ އިދާރީ ދާއިރާތަކުން އެ އިދާރީ ދާއިރާއެއްގެ އަތޮޅު ކައުންސިލަށް އިންތިހާބުކުރާނީ މުޅި އަތޮޅުން އިންތިހާބުކުރެވޭ ތިން ކައުންސިލަރުން ކަމަށް އިސްލާހުގައިވެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނު މިހާރު ބުނާ ގޮތުން އާބާދީ ބޮޑެތި ބައެއް ރަށްރަށުގައި ފަހަކަށް ވުރެ ގިނަ ކައުންސިލަރުން ތިބެން ޖެހެ އެވެ. އަދި ބައެއް އަތޮޅު ކައުންސިލްތަކުގައި ފަހަކާއި ދިހައަކާ ދެމެދުގެ އަދަދަކަށް ކައުންސިލަރުން ތިބެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.