ފޭވަރިޓުންނަކީ އޭދަފުށި، އެކަމު ބަލިކުރެވޭނެ: އިންނަމާދޫ ޓީމު

އިންނަމާދޫ ފުޓްބޯޅަ ޓީމް | ފޮޓޯ:ފޭސްބުކް
އިންނަމާދޫ ފުޓްބޯޅަ ޓީމް | ފޮޓޯ:ފޭސްބުކް

މިނިވަން ފުޓްބޯޅަ މުބާރާތުގެ ޒޯން 3 ގައި މިއަދު އޭދަފުއްޓާ ދެކޮޅަށް ކުޅޭއިރު މުބާރާތުގެ ފޭވަރިޓުންނަކީ އޭދަފުށި ކަމަށާއި، އެކަމުވެސް އުއްމީދަކީ މޮޅުވުން ކަމަށް އިންނަމާދޫ ޓީމުން ބުނެފިއެވެ.

މެޗުގެ ކުރިން “އީޓީ” އާ ވާހަކަދައްކަމުން ޓީމުގެ މެނޭޖަރ މުޙައްމަދު ރިލްވާން ވިދާޅުވީ މެޗު އުނދަގޫވާނެކަމަށާއި، ބޭނުންވަނީ އޭދަފުށި އަދި ނައިފަރުވެސް ބަލިކުރަން ކަމަށެވެ.

” ރަށުން ބޭރުގައި ކުޅެން ޖެހޭތީ ޕްރެޝަރ ވާނެ. ރަސްމީ ދުވަހަކަށްވީމަ މާގިނަ ސަޕޯޓަރުންނެއް މިކޮޅުން ނުދާނެ. އެކަމުވެސް ނިކުންނާނީ އޭދަފުށި ބަލިކުރަން. އޭދަފުށި ބަލިކުރެވިއްޖެނަމަ ވަރަށް އުފާވާނެ. އެއީ ފުޓްބޯޅައިގައި ނަންކިޔާ ރަށަކަށް ވެފަ އަދި މިދިޔަ އަހަރުވެސް ޗެމްޕިއަނުންނަށް ވީމަ. އޭދަފުއްޓަށް ފުރިހަމަ އިހްތިރާމް ދޭނަން ” ފުރަތަމަ ފަރަހަށް ޒޯން މުބާރާތުގައި ކުޅޭ ޓީމުގެ މެނޭޖަރ ވިދާޅުވިއެވެ.

މިއަދުގެ މެޗަށް ނިކުތުމުގެ ކުރިން ޓީމު އޮތީ ވަރަށް ރަގަޅު ރޫހެއްގައި ކަމަށާއި، ނަމަވެސް މެޗުގައި މުހިއްމު ދެކުޅުންތެރިއަކު ނުފެންނާނެކަމަށް ރިލްވާން ވިދާޅުވިއެވެ. އަނިޔާގެ ސަބަބުން މިއަދުގެ މެޗުގައި ނުފެންނާނީ އިންނަމާދޫ ޓީމުގެ ކެޕްޓަން އަދި ޑިފެންސްގައި މުހިއްމު ދައުރެއް އަދާ ކުރާ ކުޅުންތެރިއެކެވެ.

މިއަދު އިންނަމާދޫއާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުމުގެ ގޮތުން އިއްޔެ އޭދަފުށި ފުޓްބޯޅަ ޓީމުން ކުރިޔަށްގެންދިޔަ ފަރިތަކުރުން ތަކުގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
މިއަދު އިންނަމާދޫއާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުމުގެ ގޮތުން އިއްޔެ އޭދަފުށި ފުޓްބޯޅަ ޓީމުން ކުރިޔަށްގެންދިޔަ ފަރިތަކުރުން ތަކުގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

އޭދަފުށީ ޓީމުގެ މެނޭޖަރ ޢަބްދުލް މަޖީދު ޙަސަން ވިދާޅުވީ، އަތޮޅު ޗެމްޕިއަންގެ ގޮތުގައި ކުޅޭ އިންނަމާދޫ ޓީމު ބަލި ނުވާނެކަމަށާއި، އެހެންވެ މެޗު ދެކޭނީ ފައިނަލް މެޗެއްގެ ގޮތުގައި ކަމަށެވެ. އަދި އެކަމަށް ސަޕޯޓަރުންގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާކަމަށް މަޖީދު ވިދާޅުވިއެވެ.

” އިންނާމާދޫ ޓީމު ވަރުގަދަ ވާނެ. މެޗު ނަގާނީ ވަރަށް ސީރިއަސްކޮށް. މެޗުގައި ސަޕޯޓަރުންގެ އެހީ ވަރަށް ބޭނުންވާނެ. ސަޕޯޓަރުންގެ އެހީއާއެކު ހޯމް އެޑްވާންޓޭޖްގެ ބޭނުން ހިފޭނެ. އެހެންވީމާ ވީހާވެސް ގިނަ ސަޕޯޓަރުން ޓީމަށް ތަރުހީބު ދިނުމަށް ޓީމުން އެދެން ”

މިއަދުގެ މެޗަށް ނިކުންނައިރު އޭދަފުށީ ޓީމުގައި އަނިޔާގެ އެއްވެސް މައްސަލައެއް ނޫޅޭކަމަށާއި، ހުރިހާ ކުޅުންތެރިންވެސް ތިބީ މެޗަށް ތައްޔާރަށް ކަމަށް އޭދަފުށީ ޓީމުން ބުނެއެވެ.

މިއަދުގެ މެޗަކީ ޒޯން 3 ގައި ކުޅޭ ފުރަތަމަ މެޗެވެ. އޭދަފުށީ ރަސްމީ ފުޓްބޯޅަ ދަނޑުގައި މިއަދުގެ މެޗު ފަށާނީ 15:45 ގައެވެ.

މިއަދު އޭދަފުއްޓާއި އިންނަމާދު ބައްދަލުކުރާ މެޗް ހިގަމުންދާގޮތް އޭދަފުށި ޓައިމްސް ވެބްސައިޓުން ވަގުތުން ގެނެސްދިނުމަށް އަޅުގަނޑުމެން މަސައްކަތް ކުރަމުން އަންނަ ވާހަކަ ދައްނަވަމެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.