ދުނިޔޭގެ އެންމެ ބޮޑު މާލީ އިދާރާތަކުގެ ތެރޭގައި ހިމެނޭ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައި އެމް އެފް) އިން ކޮސޯވޯ އަށް އެ އިދާރާގެ މެންބަރޝިޕް ދިނުމަށް ނިންމައިފި އެވެ. ކޮސޯވޯ އަކީ ޔޫރަޕްގައިވާ އިސްލާމީ ގައުމުތަކުގެ ތެރެއިން އެންމެ ބޮޑަށް ފަގީރުކަން ތަހައްމަލް ކުރަމުންގެންދާ އެއް ގައުމެވެ.
މިދިޔަ އަހަރު ސާބިއާގެ އަތުން މިނިވަންވެފައިވާ ކޮސޯވޯ އަށް މެންބަރުކަން ދިނުމަށް އައި އެމް އެފް އިން ނިންމާފައި ވަނީ މިދިޔަ ހުކުރު ދުވަހު ބޭއްވި އައި އެމް އެފްގެ ޑިރެކްޓަރުންގެ ބޯޑް ބައްދަލުވުމުގަ އެވެ. މި ގޮތަށް ނިންމާފައި މި ވަނީ ގަވަރނާސް ބޯޑުގެ ފުރިހަމަ އަގްލަބިއްޔަތު ލިބިގެން ކަމަށް ވެސް އައި އެމް އެފްގެ ރަސްމީ ވެބްސައިޓްގައި ހާމަކޮށްފައިވެ އެވެ.
އައި އެމް އެފް އިން އެ ގޮތަށް ނިންމާފައި ވީ ނަމަވެސް ކޮސޯވޯގެ މާލީ ވަޒީރު ހާމަކުރައްވާފައި ވަނީ އަދި އެއްވެސް ގޮތަކަށް ފައިސާގެ އެހީ އަށް އެދިފައި ނުވާނެ ކަމަށާއި މިހާރު ކުރިއަށް ދަނީ އައި އެމް އެފްގައި ބައިވެރި ވުމަށްޓަކައި ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ނިންމުމުގެ މަސައްކަތް ކަމަށެވެ.
އައި އެމް އެފް އަކީ ދުނިޔޭގެ އެންމެ ބޮޑު މާލީ އިދާރާތަކުގެ ތެރެއިން 150 އަށްވުރެ ގިނަ މެންބަރު ގައުމު ހިމެނޭ އިދާރާއެކެވެ. އަދި މި އިދާރާ އަކީ ދުނިޔޭގެ ގިނަ ގައުމުތަކަކަށް އެކި ގޮތްގޮތުން އެހީތެރިވަމުން އަންނަ އިދާރާއެކެވެ.
މި އިދާރާއިން ކޮސޯވޯ އަށް މެންބަރޝިޕް ދިނުމަށް މި ނިންމީ ދުނިޔޭގެ ގިނަ ގައުމުތަކަކުން ކޮސޯވޯ އަކީ މިނިވަން ދައުލަތެއް ކަމަށް ބަލައިގަންނަމުންދާ ދަނޑިވަޅެއްގައެވެ.
މި ގޮތުން ދުނިޔޭގެ 58 ގައުމު ވަނީ ކޮސޯވޯގެ މިނިވަންކަން ގަބޫލުކޮށްފަ އެވެ. އެ ގައުމުތަކުގެ ތެރޭގައި ދިވެހި ރާއްޖެ ވެސް ހިމެނެ އެވެ.
ކޮސޯވޯއިން ދަނީ ވޯލްޑް ބޭންކްގެ މެންބަރޝިޕް ހޯދުމަށް ވެސް މަސައްކަތް ކުރަމުންނެވެ.
— މުހައްމަދު ރަޝީދު