ބީއެމްއެލްގެ އެސްއެމްއީ ބޭންކިން އާއި ކޯޕަރޭޓް ބޭންކިން އަށް ދެ ދިވެހިން އައްޔަންކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ރީޓެއިލް އަދި އެސްއެމްއީ ބޭންކިންގ ޑައިރެކްޓަރގެ މަގާމަށް މޫސާ ނިމާލް އަދި ކޯޕަރޭޓް ބޭންކިންގ ޑައިރެކްޓަރގެ މަގާމަށް އަހުމަދު އަސީފް ހަމަޖައްސައިފިއެވެ.

ނިމާލް ބޭންކާ ގުޅިވަޑައިގަތީ 2003 ވަނަ އަހަރުގައެވެ. ބޭންކުގައި ވަޒީފާ އަދާކުރެއްވި މި ދިގު މުއްދަތުގައި ނިމާލް ވަނީ ބޭންކިންގެ އެކި ދާއިރާތަކުގައި މަސައްކަތްކުރައްވައި، ގިނަގުނަ ތަޖުރިބާތަކެއް ހޯއްދަވާފައެވެ. އެގޮތުން ނިމާލް ވަނީ ބްރާންޗް އޮޕަރޭޝަންސް, ކަސްޓަމަރ ސަރވިސަސް, އިންޓަރނޭޝަނަލް ބޭންކިން އަދި ރީޓެއިލް ބޭންކިންގައި މަސައްކަތް ކުރައްވާފައެވެ. ބޭންކުން ހިންގާފައިވާ ފާހަގަކޮށްލެވޭ ގިނަ މަޝްރޫޢުތަކާއި, ބޭންކަށް ގެނެވުނު މުހިންމު ބޮޑެތި ބަދަލުތައް ގެނައުމުގައި ނިމާލް ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައެވެ. މި މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން އެންމެ ފަހުން ނިމާލް ހުންނެވީ ހެޑް އޮފް ރީޓެއިލް ބޭންކިންގެ މަގާމުގައެވެ.

އަސީފް އަކީ ރިލޭޝަންޝިޕް އަދި ޕޯޓްފޯލިއޯ މެނޭޖްމަންޓްގެ ތަޖުރިބާކާރު ގާބިލު ކޯޕަރޭޓް ބޭންކަރ އެކެވެ. 2012 ވަނަ އަހަރު ރިލޭޝަންޝިޕް މެނޭޖަރގެ މަގާމަށް ބޭންކާ ގުޅިވަޑައިގަތުމަށްފަހު ފާއިތުވި 8 އަހަރު ތެރޭގައި ވަނީ ކޯޕަރޭޓް ބޭންކިންގ ޓީމާއެކު މިދާއިރާގައި ކުރިއެރުންތަކެއް ހޯއްދަވައި، ބޭންކުގެ ނުހަނު ބޮޑު ކޯޕަރޭޓް ކަސްޓަމަރ ޕޯޓްފޯލިއޯ ބެލެހެއްޓުމުގައި މުހިންމު މަސައްކަތްތަކެއް ކުރައްވާފައެވެ. މި މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން އަސީފް ގެންދެވީ ހެޑް އޮފް ކޯޕަރޭޓް ބޭންކިންގެ މަގާމު އަދާކުރައްވަމުންނެވެ.

މި މަގާމަށް ނިމާލް އާއި އަސީފް އައްޔަންކުރެއްވުމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ މި މަގާމުތަކަށް ބޭފުޅުން އައްޔަން ކުރުމަށް ވަރަށް ފުޅާދައިރާއެއްގައި މަސައްކަތްކުރެވިގެން ދިޔުމަށްފަހު، ނިމާލް އާއި އަސީފް ބޭންކުގެ އެގްޒެކެޓިވް ޓީމާ ގުޅިވަޑައިގަތުމުން މަރުހަބާ ކިޔުމަކީ ލިބޭ ބޮޑު އުފަލެއް ކަމަށެވެ.

“މި ދެބޭފުޅުންނަކީވެސް ބޭންކިންގ ދާއިރާގައި އަމަލީ ގޮތުން މަސައްކަތްކޮށް އެތައް އަހަރެއްގެ ތަޖުރިބާ ހޯއްދަވާފައިވާ ގާބިލް ދިވެހިން. ރީޓެއިލް، އެސްއެމްއީ އަދި ކޯޕަރޭޓް ބޭންކިންގ އަށް އިތުރު ފުރިހަމަކަމެއް ގެނައުމަށް މިދަނީ މުހިންމު މަސައްކަތްތަކެއް ކުރަމުން. މި ދެ ބޭފުޅުން ރަނގަޅު ބަދަލުތަކެއް ގެނެސްދެއްވާނެކަމާމެދު އަޅުގަނޑަށް އިތުރުބާރު އެބައޮތް. ނިމާލް އާއި އަސީފް އަށް ކާމިޔާބަށް އެދެން.” ޓިމް ސޯޔަރ ވިދާޅުވީ އެވެ.

ބީއެމްއެލް އަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ރާއްޖޭގައި އެންމެ ގިނަ ވަޒީފާ ދެމުންދާ އެއް ކުންފުނިވެސްމެއެވެ. ބޭންކުގެ %99 މުވައްޒަފުންނަކީ ފަހްރުވެރިމަކާއެކު ވަޒީފާ އަދާކުރަމުންދާ ދިވެހިންނެވެ. ބޭންކުން ދަނީ މުވައްޒަފުންނާ ގުޅޭ ގޮތުން ވަޒީފާ ދިނުމާއި ތަމްރީނުކުރުމާއި އަދި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން އެންމެ ކުރިއަރާފައިވާ ސިޔާސަތުތައް އެކުލަވާލައި އަމަލުކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.