ބ. އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތް އަޅައިދޭނެ ބަޔަކު ހޯދަން އަލުން ބީލަމަށް

ބ. އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތް ބޭރުން ފެންނާނެ ގޮތް:

މި ސަރުކާރުން ޒަމާނީ ފެންވަރުގެ ޚިދުމަތްތަކާއެކު ބ. އަތޮޅު ހޮސްޕިޓަލުގައި ގާއިމުކުރާ އާ އިމާރާތުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން މިއަހަރުގެ އޭޕްރިލް މަހު ހުޅުވާލި ބީލަން ބާތިލް ކުރުމަށް ފަހު، ފިނޭންސް މިނިސްޓްރީން އަލުން ބީލަމަށް ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ވަނީ، ކޮންޓްރެކްޓާ ފައިނޭންސްގެ އުސޫލުން ބ. އަތޮޅު ހޮސްޕިޓަލާއި ދ. ކުޑަހުވަދޫ އަދި ހއ. ދިއްދޫ ހޮސްޕިޓަލުގެ އާ އިމާރާތް ކުރުމުގެ މަސައްކަތަށް ބީލަން ހުޅުވާލައިފަ އެވެ. މި ތިން ޕްރޮޖެކްޓުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 3.1 މިލިއަން ރުފިޔާ ދައްކަން ޖެހެ އެވެ. މަސައްކަތަށް ޝަރުތު ހަމަވާ މީހުން ހޯދުން ކުރިއަށް ގެންދަނީ އިއުލާނުގައިވާ ގޮތުން އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އައިސީބީ) އުސޫލުގެ މަތިންނެވެ.

ބ. ހޮސްޕިޓަލްގެ އާ އިމާރާތުގެ ވޯޑެއްގެ ކުރެހުމެއް

މި ތިން ރަށުގައި އިމާރާތްކުރާ ހޮސްޕިޓަލުތަކުގެ ބީލަން ހުޅުވުން އޮންނާނީ އަންނަ މަހުގެ 10 ވަނަ ދުވަހުގެ ހެނދުނު 10 ޖަހާއިރު އެވެ.

މި ތިން ރަށުގައި އަޅާ ހޮސްޕިޓަލްގެ އާ އިމާރާތް ހުންނާނެ ގޮތުގެ ރީތި ކުރެހުންތަކެއް މިއަހަރުގެ ކުރީކޮޅު ވަނީ ދައްކާލައިފަ އެވެ.

މިއިން ކޮންމެ ހޮސްޕިޓަލެއްގައި 55 އެނދާއި ޕްރައިވެޓް ހަ ކޮޓަރި އާއި ތިން އެނދުގެ އައިސީޔޫއަކާއި އެންއައިސީޔޫ އާއި 19 އޯޕީޑީ ކޮންސަލްޓޭޝަން ރޫމް ހިމެނެ އެވެ. އޭގެ އިތުރުން އެކްސްރޭ ރޫމާއި ޕިޒިއޮތެރަޕީ ރޫމާއި އެމަޖެންސީ ރޫމާއި ދެ އޮޕަރޭޝަން ތިއޭޓަރު ވެސް ހުރެ އެވެ.

އޭދަފުށީ ހޮސްޕިޓަލްގެ އާ އިމާރާތް އަޅަނީ މިހާރުގެ ހޮސްޕިޓަލް ވެސް ހުރި ބިމުގަ އެވެ. އެކަމަކު ދިއްދޫ އާއި ކުޑަހުވަދޫ ހޮސްޕިޓަލް އަޅާނީ އެރަށްރަށުގައި އަލަށް ހިއްކި ބިމުގަ އެވެ.

އާ ހޮސްޕިޓަލްތަކާ އެކު މި ސަރަހައްދުގެ ސިއްހީ ދާއިރާ ވެސް ބަދަލުވެގެން ދާނެ ކަމަށް ސަރުކާރުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.