އިންނަމާދޫ އަތުން އޭދަފުއްޓަށް ފަސޭހަ މޮޅެއް

މިނިވަން ޗެންޕިއަންޝިޕްގެ ޒޯން 3 ގައި  މިއަދު އޭދަފުއްޓާއި އިންނަމާދޫ ބައްދަލުކުރި މެޗްގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
މިނިވަން ޗެންޕިއަންޝިޕްގެ ޒޯން 3 ގައި މިއަދު އޭދަފުއްޓާއި އިންނަމާދޫ ބައްދަލުކުރި މެޗްގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

މިނިވަން ފުޓުބޯޅަ މުބާރާތުގައި ޒޯން 3 ގެ ފުރަތަމަ މެޗުގައި މިއަދު ރ. އަތޮޅުގެ ޗެމްޕިއަން އިންނަމާދޫ އާ ވާދަކޮށް، ބ. އަތޮޅުގެ ޗެމްޕިއަން އޭދަފުށި، 4-1 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފި އެވެ.

އޭދަފުށީ ފުޓުބޯޅަ ދަނޑުގައި ކުޅެވުނު މި މެޗު ފެށިގެން ދެޓީމުން ވެސް ވަނީ ރަނގަޅަށް ކުޅެ، ލަނޑުޖަހާނެ ފުރުސަތުތައް ތަނަވަސް ކޮށްފައެވެ. މެޗުގައި ފުރަތަމަ ފަހަރަށް ލަނޑުޖަހާ ލީޑު ހޯދީ އޭދަފުށީ ޓީމުންނެވެ. 19 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން މި ލަނޑު އޭދަފުށީޓީމަށް ކާމިޔާބު ކޮށްދިނީ މުހައްމަދު ފާސިރު (ފާއްޓޭ) އެވެ. ނަމަވެސް އޭދަފުށީ ޓީމަށް ލީޑު ހިފާއްޓާލެވުނީ އެންމެ ފަސް މިނިޓެވެ. 23 ވަނަ މިނިޓުގައި ލިބުނު ކޯނަރެއްގެ އެހީގައި ބޮލުން ބޯޅަ ގޯލުގެތެރެއަށް ވައްދާލައިގެން އިންނަމާދޫގެ ކެޕްޓަން އަލީ އަފްރާހު ވަނީ އެޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

އިންނަމާދޫއިން ނަތީޖާ ހަމަހަމަ ކުރިތާ ދެ މިނިޓު ފަހުން މުހައްމަދު ފާސިރު ވަނީ އަނެއްކާވެސް ލަނޑެއްޖަހާ، އޭދަފުށްޓަށް ލީޑު ނަގައިދީފައެވެ. ފާސިރު މި ލަނޑު ކާމިޔާބުކުރީ އަހުމަދު ލަތީފް (ލައްޗޭ) މެދުރޮނގުގައި ހުރެ، ފާސިރަށް ދިން ބޯޅަ ހިފައިގެން ގޮސް ޑިފެންޑަރު ކައިރިން ނައްޓާލުމަށް ޕެނަލްޓީ އޭރިޔާ ތެރެއަށްވަދެ، ބޯޅަ ގޯލުގެތެރެއަށް ފޮނުވާލައިގެންނެވެ. މިއާއެކު ފުރަތަމަ ހާފު ނިމިގެން ދިޔައީ 2-1 އިން އޭދަފުށި ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ފެށިގެން ދިހަވަނަ މިނިޓުގައި އޭދަފުށިން ވަނީ އިތުރު ލަނޑެއް ޖަހާ، ލީޑު ފުޅާކޮށްފަ އެވެ. ކެޕްޓަން އަބްދުލް މަޖީދު އިބްރާހީމް (މަޖިއްޓޭ) ގެ އެހީތެރިކަމާއެކު މި ލަނޑު ކާމިޔާބު ކޮށްދިނީ އޭނާގެ ކޮއްކޮ، އިޝާން އިބްރާހީމް (ސައްޓު) އެވެ. އޭދަފުށީގެ ހަތަރުވަނަ ލަނޑު، ދެވަނަ ހާފުގެ 30 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ ކެޕްޓަން އަބްދުލް މަޖީދެވެ.

މިމުބާރާތުގައި ދެން މެޗެއް އޮންނާނީ އަންނަ ބުރާސްފަތި ދުވަހުއެވެ. ބައްދަލުކުރާނީ އިންނަމާދޫއާއި ޅ. އަތޮޅުގެ ޗެމްޕިއަން ނައިފަރެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.