
ބ. ކެންދޫގައި ހޯމް ކަރަންޓީނުގައި ހުއްޓާ ޕޮޒިޓިވްވި މީހަކާއި އެހެން މީހަކު ކޮންޓެކްޓިވިކަން އެނގުމުން އެރަށުން އެ ބައްޔަށް ޓެސްޓްކުރުމަށް ރެންޑަމްކޮށް ނެގި ހުރިހާ ސާމްޕަލެއް ނެގެޓިވް އެރަށު ސިއްހީ މަރުކަޒުން ބުނެފި އެވެ.
ކެންދޫ ސިއްހީ މަރުކަޒުން ބުނިގޮތުގައި އެރަށުގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން އެރަށުގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތްތޯ ބެލުމަށް ނެގުނު 28 ރެންޑަމް ސާމްޕަލްވެސް ވަނީ ނެގެޓިވްވެފަ އެވެ.
ކެންދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު އެންމެފަހުން ޕޮޒިޓިވް ވެފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ. އޭގެފަހުން މިދިޔަ ބުރާސްފަތި ދުވަހު އެރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ ހޯމް ކަރަންޓީނުގައި ހުއްޓާ ޕޮޒިޓިވް ވި މީހާ އާއި އެހެން މީހަކު ކޮންޓެކްޓިވިކަން އެނގުމުންނެވެ. ކަރަންޓީނުގައި ހުރި މީހާ ކޮންޓެކްޓުވީ އޭނާ ހުރި ގޭގެ އެހެން ބައެއްގައި އުޅޭ މީހަކާ ކަމަށްވެ އެވެ.
