
ބ. އަތޮޅުގެ ފަސް ރަށެއްގައި ފެނާ ނަރުދަމާ އަޅާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން ބީލަމަށް ހުޅުވާލައިފި އެވެ.
އެ މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ ޕްލޭނިން މިނިސްޓްރީގެ އެދުމުގެ މަތިން، ބ. ކުޑަރިކިލާއި، ދޮންފަން އާއި ކިހާދޫގެ އިތުރުން ފުޅަދޫ އާއި ފެހެންދޫ ހިމެނޭގޮތަށް 25 ރަށެއްގައި ފެނާއި ނަރުދަމާ ގާއިމުކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާ ކަމަށެވެ.
މިކަމަށް ހޯދަނީ ޑިޒައިން އެންޑް ބިލްޑް އުސޫލު ނުވަތަ ޑިޒައިންކޮށްގެން ހަދައިދޭނެ ބައެއް ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
މި މަޝްރޫ އަށް ބިޑްކުރެވޭނީ “އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު” ގެ ދަށުން ނެޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގައި ރަޖިސްޓްރީވެފައިވާ ކޮންޓްރެކްޓަރުންނަށް އެކަނި ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
މި މަސައްކަތަށް ޝަރުތު ހަމަވާ މީހުން ހޯދުން ކުރިއަށް ގެންދަނީ އިއުލާނުގައިވާ ގޮތުން އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އައިސީބީ) އުސޫލުގެ މަތިންނެވެ.
މި މަޝްރޫއުތަކުގެ ބީލަން ހުޅުވުން އޮންނާނީ އަންނަ މަހުގެ 23 ވަނަ ދުވަހުގެ ހެނދުނު 10 ޖަހާއިރު އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރިޔާސީ ވައުދަކީ ވެރިކަމުގެ ފަސް އަހަރު ނިމޭއިރު، ހުރިހާ ރަށެއްގައި ސާފު ފެން ލިބި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމެވެ. އެގޮތުން މިއަހަރު އެ ހުރިހާ ޕްރޮޖެކްޓެއް ފެށުމަށް ވަނީ ނިންމާ، ބަޖެޓްކޮށްފަ އެވެ.

