
ބ. ތުޅާދޫން ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
ތުޅާދޫ ސިއްހީ މަރުކަޒުން ބުނިގޮތުގައި އެ ރަށުގައި ހޯމް ކަރަންޓީނުގައި ހުރި ދެ މީހަކު ޕޮޒިޓިވްކަން އެނގުނީ، ކޮވިޑްގެ އަލާމާތްތައް ފެނިގެން އިއްޔެ ހެދި ޓެސްޓުން ކަމަށެވެ.
ތުޅާދޫ ސިއްހީ މަރުކަޒުން ބުނީ ޕޮޒިޓިވްވި ދެ މީހުން ކަރަންޓީނުގައި ތިބިއިރު އިތުރު ބަޔަކާ ބައްދަލުވެފައި ނެތުމުގެ ސަބަބުން، އެމީހުންގެ ފަރާތުން އެހެން މީހަކަށް ބަލި ޖެހުމުގެ ފުރުސަތު ކުޑަވާނެ ކަމަށެވެ.
މީގެ ކުރިން ވެސް ތުޅާދޫގައި ހޯމް ކަރަންޓީނުގައި ތިބި ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެފައި ވެ އެވެ. އަދި ބ. އަތޮޅުގައި އެންމެ ފުރަތަމަ ކޮވިޑް-19 އަށް ޕޮޒިޓިވްވީ ވެސް އެރަށުގައި ކަރަންޓީނުގައި ހުރި ދުވަސްވީ މީހެކެވެ. އެ މީހާވަނީ ހާޓްއެޓޭކެއް ޖެހިގެން ނިޔާވެފައެވެ.

