
ބ. ފުޅަދޫގައި އަލަށް ހެދި އިންޖީނުގޭގެ ހުރިހާ މަސައްކަތެއް ނިންމާލައިފި އެވެ
ފެނަކައިން ބުނީ ފުޅަދޫގައި އަލަށް ހެދި އިންޖީނުގޭގެ އިމާރާތުގެ ހުރިހާ މަސައްކަތެއް ނިމިފައިވާ ކަމަށާއި، މިހާރު ކުރިއަށް ދަނީ އެތަން ހުޅުވުމަށް ކުރަން ޖެހޭ ތައްޔާރީގެ މަސައްކަތްތައް ކަމަށެވެ. އަދި އާ ޖަނަރޭޓަރެއް ގެނައުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް ފެނަކައިން ބުންޏެވެ.
ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ މި އާ އިންޖީނުގޭގައި އިންޖީން ރޫމާއި، ޕެނަލް ރޫމްގެ އިތުރުން އޮފީސް ބައެއް ވެސް ހުރެއެވެ.
ފެނަކައިން ބުނީ އާ އިންޖީނުގޭގެ ސަބަބުން މިހާރު ދިމާވާ ގިނަދަތިތަކަށް ހައްލު ލިބިގެންދާނެ ކަމަށެވެ.
ފެނަކައިން ބުނީ ފެހެންދޫ އާ އިންޖީނުގެ ވަރަށް އަވަހަށް ހުޅުވޭނެކަމަށާއި ބައެއް ލަސްތައް ކުރިމަތިވަނީ އެރަށުގެ ބައެއް ސަރަހައްދުތަކުގައި ކަރަންޓު ކޭބަލް ނެޓްވާކް އަލުން އަޅަންޖެހޭތީ ކަމަށެވެ.
ފުޅަދޫގައި މިހާރު ކަރަންޓުގެ ޚިދުމަތް ދިނުމަށް ބޭނުން ކުރަނީ 160، 128 އަދި 80 ކިލޯވޮޓުގެ 3 ޖަނަރޭޓަރެވެ. އައު އިންޖީނުގެ ހުޅުވިގެންދާނީ ކެޕޭސިޓީ އިތުރަށް ފުރިހަމަ ކުރުމަށްފަހު 250 ކިލޯވޮޓުގެ އާ އިންޖީނަކާއެކުކަމަށް ފެނަކައިން ބުންޏެވެ.

