
މިނިވަން ޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރަތުގެ ޒޯން 3 ގެ ބުރުގައި މިއަދު ހަވީރު ރ.އިންނަމާދޫ އާއި ޅ.ނައިފަރު ކުޅުނު މެޗް 0-2 ގެ ނަތީޖާއަކުން އިންނަމާދޫ ޓީމުން ކާމިޔާބުކޮށްފިއެވެ.
އޭދަފުށި ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗްގައި ދެ ޓީމަށްވެސް ވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފައެވެ. މެޗުން ބަލިވި ނައިފަރު ޓީމުންވެސް ވަނީ ގޯލް ޖަހާނެ ފުރުސަތު ތަކެއް ތަނަވަސްކޮށްފައެވެ. އެހެންނަމަވެސް ލިބުނު ގިނަ ފުރުސަތުތަކުގައި ފޮނުވާލީ ހަމަލާތަށް އިންނަމާދޫގެ ކީޕަރ ހުށިޔާރުކަމާއެކު ވަނީ ދިފާއުކޮށްފައެވެ. މިއަދުގެ މެޗްގެ ފުރަތަމަ ގޯލް ފެނިގެން ދިޔައީ 37 ވަނަ މިނިޓްގައެވެ. މި ލަނޑު އިންނަމާދޫ ޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ހާފިޒްއެވެ. ފުރަތަމަ ހާފްގެ ކުޅުން ނިމިގެން ދިޔައީ 0-1 ގެ ނަތީޖާއަކުންނެވެ.
ދެވަނަ ހާފްގައި އިންނަމާދޫ ޓީމުންވަނީ އެޓީމުގެ ކުޅުން ރަގަނޅުކޮށްފައެވެ. ދެވަނަ ހާފުގައިވެސް ނައިފަރު ޓީމުންވަނީ ގޯލެއް ޖެހޭތޯ ވަރަށް މަސައްކަތްކޮށްފައެވެ. އިންނަމާދޫ ޓީމުން ކާމިޔާބުކުރި 2 ވަނަ ގޯލް މެޗް ނިމެން 1 މިނިޓްއަށްވެފައި ވަނިކޮށް މުހައްމަދު ހާފިޒް ގެ އެހީތެރިކަމާއެކު ކާމިޔާބުކޮށްދިނީ އަލީ އަފްރާހްއެެވެ. މި މެޗް އިންނަމާދޫ ޓީމުން ކުޅުނީ ގާތްގަޑަަކަށް މުހިންމު 5 ކުޅުންތެރިންނާނުލައެެވެ.
މި ނަތީޖާއާއެކު ޒޯން 3 ގެ ޗެންޕިއަންކަމާ ގާތަށް އޭދަފުށި ޓީމް މިވަނީ ޖެހިލާފައެވެ. އެއީ ޒޯން 3 ވަނަ ބުުރުގެ ފަހު މެޗްގައި އޭދަފުއްޓާއި ނަައިފަރު ކުޅޭ މެޗުން އޭދަފުށި އެއްވަރުކޮށްލައިގެންވެސް ޗެންޕިއަންކަން ޔަގީންވަނޭތީއެވެ. ނައިފަރު ޓީމުން ޒޯން 3 ގެ ޗެންޕިއަންކަން ހޯދަން އޭދަފުށި 3 ގޯލްގެ ތަފާތުން ބަލިކުރަންޖެހޭނެއެވެ.
އޭދަފުއްޓާއި ނައިފަރު ބައްދަލުކުރާ ޒޯން 3 ގެ ފަހު މެޗް އޮންނާނީ އަންނަ ހޮނިހިރު ދުވަހު ހަވީރު އޭދަފުށި ފުޓްބޯޅަ ދަނޑުގައެވެ. މި މެޗް ފަށާނީ 15:50 ގައެވެ.
