އޭދަފުށީގެ މަގު ހެދުމަށް ބޭނުންވާ އިތުރު ސާމާނު ގެނެސްފި

އޭދަފުށި މަގު ހެދުމަށް މިއަދު ގެނައި ޝިޕްމަންޓް | އީޓީ ފޮޓޯ: ރާއިފް ޔޫސުފް
އޭދަފުށި މަގު ހެދުމަށް މިއަދު ގެނައި ޝިޕްމަންޓް | އީޓީ ފޮޓޯ: ރާއިފް ޔޫސުފް

ބ. އޭދަފުށީ މަގު ހެދުމަށް ބޭނުންވާ ބައެއް ސާމާނު މިރަށަށް މިއަދު ގެނެސްފި އެވެ.

މިއަދު ހެނދުނު މިރަށަށް ގެނައި ތަކެތީގެ ތެރޭގައި ހިމެނީ މަސައްކަތް ފަށައިގަންނަން ބޭނުންވާ ބައެއް ސާމާނެވެ. އޭގެ ތެރޭގައި ޕޭމެންޓް ބްލޮކާއި  ޖަންކްޝަންތަކުގެ އިތުރުން  ޖަންކްޝަން މަތިގަނޑުތަކެވެ.

މި މަސައްކަތް ފެށުމަށް ބޭނުންވާ ބައެއް މެޝިނަރީޒް އާއެކު އާއި ފުރަތަމަ ޝިޕްމަންޓް މިރަށަށް ޖަމާކުރީ މިއަހަރުގެ ޖެނުއަރީމަހުގެ ތެރޭގަ އެވެ.

ތާރު އަޅައިގެން އޭދަފުށީގެ ބައެއް މަގުތައް ހެދުމުގެ މަސައްކަތް މޯލްޑިވްސް ރޯޑް ކޯޕަރޭޝަނާ ސަރުކާރުން ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫމަހު އެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލުކޮށްފައިވަނީ މަސައްކަތުގެ އަމަލީ މަސައްކަތް ފަށާތާ 380 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

ތާރުއެޅުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވުމުގެ ގޮތުން މިހާރު ކުރިއަށްދަނީ ސައިޓް ހެދުމުގެ މަސައްކަތެވެ.

އޭދަފުށީ މަގު ހެދުމުގެ މަސައްކަތް އެމްއާރުޑީސީ އާ ހަވާލުކުރިތާ އަހަރަކަށްވުރެ ގިނަދުވަސްވެފައިވާއިރު މަސައްކަތް ފެށުމަށް އެތައް ތާރީޚެއް އެ ކުންފުނިން ވަނީ ކަނޑައަޅައިފައެވެ. ނަމަވެސް އެ މަސައްކަތް ފެށޭނެކަމަށް ކަނޑައެޅި ދުވަސްތައް ފަހަނައަޅައި ދިޔައިރުވެސް މަސައްކަތް ނުފެށިވާކަން ގިނަ ބަޔަކު ފާހަގަ ކުރެއެވެ.

އޭދަފުށި މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަޝްރޫއުގެ ދަށުން 33.2 މިލިޔަން ރުފިޔާގެ ޚަރަދުކޮށްގެން 15 މަގެއް ތަރައްގީ ކުރާނެ ކަމަށެވެ. މި މަސައްކަތް އެއްކޮށް ނިމޭއިރު މަގުތަކުގައި ސްޕީޑް ބްރޭކަރު ހަރުކުރެވި، ފެން ހިންދުމުގެ ނިޒާމު ގާއިމުކޮށް އަދި ޓްރެފިކް ނިޝާންތައްވެސް ހަރުކުރަން ޖެހެއެވެ.

ތާރު އަޅައިގެން އޭދަފުށީގައި ފުރަތަމަ ފިޔަވަހީގެ ދަށުން ހަދާ މަގުތަކުގެ ތެރޭގައި މެރިން ޑްރިވް ހިމެނޭ ގޮތަށް މިރަށުގެ ބޮޑުމަގާއި އެ މަގާ ގުޅޭގޮތަށް އޮންނަ ބައެއް ބޮޑެތި މަގުތަކާއި ސްކޫލް އަދި ހޮސްޕިޓަލް ހިމެނޭ ސަރަހައްދުގެ މަގުތައް ހިމެނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.