ވިމެންސް ފުޓްސަލްގެ ޗެމްޕިއަންކަން ގަލްފް ގާލްސް ހޯދައިފި

ޗެމްޕިއަން ޓީމަށް ޓްރޮފީ ހަވާލުކުރަނީ- ފޮޓޯ/އިބްރާހިމް ނަޒީހް (ރަޔާން ފޮޓޯސް)

އޭދަފުށީގައި ރޭ ނިމުނު ވިމެންސް ފުޓްސަލް ކަޕްގެ ޗެމްޕިއަންކަން ގަލްފް ގާލްސް ހޯދައިފި އެވެ. އެޓީމު ޗެމްޕިއަންކަން ހޯދީ އޭދަފުށީ ފުޓްސަލް ދަނޑުގައި ރޭ ކުޅުނު ފައިނަލް މެޗުގައި ދަ ޝޫޓާސް 4-2 އިން ބަލިކޮށްގެންނެވެ.

ޗެމްޕިއަން ގަލްފް ގާލްސް ވަނީ ގްރޫޕް ސްޓޭޖުގައި ޝޫޓާސް ޓީމާ ވާދަކޮށް 3-2 އިން ބަލިވެފަ އެވެ. އެކަމަކު ރޭގެ ފައިނަލުގައި އެޓީމުން ވަނީ މޮޅު ކުޅުމެއް ދައްކައި ޝޫޓާސްގެ މައްޗަށް ކުރި ހޯދާފަ އެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މެޗުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ ކުރީކޮޅު ޖެހީ ޝޫޓާސް ޓީމަށް ކުޅުނު ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ތަރި އާމިނަތު ޝާމިލާ އެވެ. އެޓީމަށް ލިބުނު އެއްލުމެއްގައި ސީދާ ގޯލަށް ޝާމިލާ ފޮނުވާލި ބޯޅަ ވަނީ ގަލްފް ގާލްސްގެ ގޯލްކީޕަރު މަރްޔަމް ލީޝާގެ އަތުގައި ޖެހިފަ އެވެ. މި ގޯލަށް ފަހު ދެން ފެނުނީ ފަހަތުން އަރައި ދެ ލަނޑު ޖަހައި ގަލްފް ގާލްސް އިން މެޗުގެ ނަތީޖާ އަނބުރާލި ތަނެވެ. އެޓީމުގެ ފުރަތަމަ ލަނޑަކީ ޝޫޓާސް ޓީމުގެ ހައިފާ ސިދުގީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ކެޕްޓަން އާއިޝަތު ރަޝީދާގެ އެހީތެރިކަމާ އެކު ގަލްފް ގާލްސްގެ ދެ ވަނަ ލަނޑު ކާމިޔާބުކޮށްދިނީ އާއިޝަތު ދިފްލާ އެވެ. އެކަމަކު މި ހާފު ނިމުމުގެ ކުރިން މާރިޔަތު އަބްދުލްބާރީ އަތުން ބައިކޮޅަށް ވަން ލަނޑާ އެކު ޝޫޓާސް އިން މެޗުގެ ނަތީޖާ 2-2 އަށް ބަދަލުކޮށްލި އެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން- ފޮޓޯ/އިބްރާހިމް ނަޒީހް (ރަޔާން ފޮޓޯސް)
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން- ފޮޓޯ/އިބްރާހިމް ނަޒީހް (ރަޔާން ފޮޓޯސް)

މެޗުގެ ނަތީޖާ ގަލްފް ގާލްސް އިން އެޓީމު ކޮޅަށް އަނބުރާލީ ދެ ވަނަ ހާފުގައި ޖެހި ދެ ލަނޑާއެކު އެވެ. މި ހާފުގައި އެޓީމުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ދިފްލާ އާއި އާމިނަތު ޝިފާ އެވެ. ޝިފާގެ ލަނޑަކީ ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބުކުރި މޮޅު ލަނޑެކެވެ. ދެ ގޯލުގެ ފަހަތުގައި އޮތުމުން ޝޫޓާސް ޓީމުން ވަނީ ކުރިއަށް ޖެހި ނަތީޖާ ހަމަހަމަކުރަން މަސައްކަތްކޮށްފަ އެވެ. އެކަމަކު ޝޫޓާސް ޓީމުގެ ކުޅުންތެރިން ހުއްޓުވުމުގައި ގަލްފް ގާލްސްގެ ކުޅުންތެރިން ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ގަލްފް ގާލްސް އިން ޗެމްޕިއަންކަން ހޯދުމުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި ކެޕްޓަން އާއިޝަތު ރަޝީދާ އެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ޝޫޓާސް ޓީމުގެ ޝާމިލާ އާއި އާއިޝަތު ޝަމްހާގެ އިތުރުން ގަލްފް ގާލްސް ޓީމުގެ އާއިޝަތު ރަޝީދާ އާއި ދިފްލާ އަދި އެންމެ މޮޅު ގޯލްކީޕަރުގެ މަގާމް ހޯދި ގަލްފް ގާލްސް ޓީމުގެ ލީޝާ އެވެ. އެންމެ މޮޅު ކޯޗުގެ މަގާމް ހޯދީ ޗެމްޕިއަން ގަލްފް ގާލްސް ޓީމުގެ މުހައްމަދު ރަޝީދު އެވެ. މުބާރާތުގެ ފެއަރ ޕްލޭ ޓީމުގެ މަގާމް ލިބުނީ ލިލީ ސްޓަރ އަށެވެ.

މުބާރާތުގެ ފައިނަލު މެޗުގެ ތެރެއިން- ފޮޓޯ/އިބްރާހިމް ނަޒީހް (ރަޔާން ފޮޓޯސް)

ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވީ ބ. އަތޮޅު ކައުންސިލްގެ މެމްބަރު އަލްފާޟިލާ ފާތިމަތު ޝިފާނާ އެވެ. އަދި، އޭދަފުށީގެ މުއައްސަސާތަކުގެ އިސްވެރިން ފައިނަލް މެޗަށް ދަނޑަށް ވަޑައިގެންނެވި އެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އެވެ. މުބާރާތަށް އެހީތެރިކަން ފޯރުކޮށްދެއްވި އެހެން ފަރާތްތަކުގެ ތެރޭގައި ހިމެނެނީ، އުރީދޫ މޯލްޑިވްސް، ލޮޓަސް ބައިކް ޝޮޕް، ފަހުމިނެޓް، ރަޔާން ފޮޓޯސް، ޖާޒިއާ، ޖީ ނައިން ޓްރޭޑާސް، ޕިކްސެލް ޕްރޯ، 360+ އޭދަފުށި، ފެމެލީ ގާޑިޔާ، އަޝްރަފީ ބުޓިކް، ވިލެޖް ހަޓް އަދި ތްރީ އެންޑް ބޭކަރީ އެވެ. 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.