އެސްޓީއޯ އޭދަފުށި ކަޕް: ވެލާ ބަލިކޮށް އެމްވީ ޔުނައިޓެޑް ޗެމްޕިއަންކަން ހޯދައިފި

ޗެމްޕިއަން އެމްވީ ޔުނައިޓެޑް — ފޮޓޯ/އިބްރާހިމް ނަޒީހް (ރަޔާން ފޮޓޯސް)

އޭދަފުށީގައި އިއްޔެ ހަވީރު ނިމުނު އެސްޓީއޯ އޭދަފުށި ކަޕްގެ ޗެމްޕިއަންކަން އެމްވީ ޔުނައިޓެޑް ހޯދައިފި އެވެ. އެމްވީ ޔުނައިޓެޑް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ވެލާ ސްޕޯޓްސް ކްލަބް 3-2 އިން ބަލިކޮށްގެންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ފައިނަލް މެޗުގައި ލީޑު ނެގީ އެމްވީ ޔުނައިޓެޑުންނެވެ. އޭރިޔާ ބޭރުން ގޯލުގެ މަތީ ކަނަށް ބޯޅަ ވައްދާލައިގެން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު ޝުހައިލް އެވެ. މިއީ މުބާރާތުގައި ކާމިޔާބުކުރި އެންމެ ރީތި އެއް ލަނޑެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ވެލާ ސްޕޯޓްސް އަށް ނަތީޖާ ހަމަހަމަކޮށްދިނީ އިބްރާހީމް ޝަރީފް އެވެ. އަމިއްލަ ހުނަރު ފެނިގެން ދިޔަ މި ލަނޑު އިބްރާހީމް ޝަރީފް ޖެހީ އެމްވީ ޔުނައިޓެޑްގެ ޑިފެންޑަރަށް ފުރުސަތެއް ނުދީ ގޯލުގެ ކައިރި ކަނަށް ބޯޅަ ވައްދާލައިގެންނެވެ.

މެޗުގެ ދެ ވަނަ ހާފުގައި އެމްވީ ޔުނައިޓެޑަށް ލީޑު ނަގައިދިން ލަނޑު ޖަހައިދިނީ މުހައްމަދު ފާސިރު އެވެ. މެޗުގައި މޮޅު ކުޅުމެއް ދެއްކި ޝުހައިލް ދިން ބޯޅަ ހޯދުމަށް ފަހު ފާސިރު ގޯލަށް ވައްދާލީ ކީޕަރު މުހައްމަދު ހިޝާން އަބްދުއްރައްޒާގަށް ފުރުސަތެއް ނުދީ އެވެ. އެމްވީ ޔުނައިޓެޑްގެ ތިން ވަނަ ލަނޑު މެޗުގެ ފަހުކޮޅު ކާމިޔާބުކޮށްދިނީ އިބްރާހީމް ސާމީ އެވެ. ހާފު މެދުން ލިބުނު ބޯޅައެއް ކީޕަރު ހިޝާން ކުރިއަށް ނުކުމެގެން ހުރި ވަގުތު ސާމީ ގޯލަށް ވައްދާލީ ކީޕަރު މަތިން ފޮނުވާލައިގެންނެވެ. ސާމީގެ ގޯލަށް ފަހު މެޗުގެ އިތުރު ވަގުތުގައި މުހައްމަދު ތަޝްމީން (ތައްތި) ޖަހައިދިން ގޯލަކުން ވެލާ އިން ވަނީ ފަރަގު ކުޑަކޮށްފަ އެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އެމްވީ ޔުނައިޓެޑްގެ ޝުހައިލް އެވެ. މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމް ވެލާ ސްޕޯޓްސްގެ ކީޕަރު ހިޝާނަށް ލިބުނުއިރު އެންމެ މޮޅު ޑިފެންޑަރުގެ މަގާމް ލިބުނީ އެމްވީ ޔުނައިޓެޑްގެ އަހުމަދު ޝިއާން އަށެވެ. އެންމެ މޮޅު މިޑްފީލްޑަރުގެ މަގާމަށް ހޮވުނީ އެމްވީ ޔުނައިޓެޑްގެ މެދުތެރޭގައި މޮޅު ކުޅުމެއް ދެއްކި ހައްފާފް ސިދުގީ އެވެ. މުބާރާތުގެ 19 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ލިބުނީ ވެލާ ސްޕޯޓްސްގެ ޑިފެންޑަރު މުހައްމަދު ރަފާހް އަށެވެ. މި މަގާމަށް ރަފާހްއާ އެކު ނޮމިނޭޓްވި ޒުވާން ދެކުޅުންތެރިންނަކީ އެމްވީ ޔުނައިޓެޑްގެ ޑިފެންޑަރު ހުސައިން އީވާން އާއި ހުސް ސޮނގުން ޓީމުގެ އިބްރާހީމް ނާއިޝް އެވެ. މުބާރާތުގެ ފެއަރ ޕްލޭ ޓީމުގެ މަގާމް ބީކޭ ފުޓްބޯޅަ ޓީމަށް ލިބުނުއިރު އެންމެ މޮޅު ކޯޗުގެ މަގާމް ލިބުނީ ވެލާ ސްޕޯޓްސްގެ ކޯޗު މޫސާ ސައީދު އަށެވެ. އެންމެ މޮޅު ފޯވާޑުގެ މަގާމާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އެމްވީ ޔުނައިޓެޑްގެ ފާސިރު އެވެ. ފާސިރު ވަނީ މުބާރާތުގައި ނުވަ ލަނޑު ޖަހައިފަ އެވެ.

ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވީ އޭދަފުށީގެ ކުރީގެ ފުޓްބޯޅަ ތަރި އަބްދުލްއަޒީޒް އަހުމަދު އެވެ. އަޒީޒްގެ އިތުރުން ބ. އަތޮޅު ކައުންސިލްގެ ރައީސް މަބްރޫކު ނަސީރު އާއި އޭދަފުށީގެ މުއައްސަސާތަކުގެ އިސް ފަރާތްތައް ފައިނަލް މެޗުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

އިނާމު ދިނުމުގެ ރަސްމިއްޔާތުގައި މުބާރާތުގެ މެއިން ސްޕޮންސަރ އެސްޓީއޯ އަށާއި އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން ތަންތަނުގެ އަގު ވަޒަންކޮށްފައިވެއެވެ. އަދި މުބާރާތުގައި ބޯލްބޯއީންގެ ގޮތުގައި ހަރަކާތްތެރިވި ދަރިވަރުންނަށް މެޑަލް ދީފައިވެއެވެ.

އޭދަފުށީ ކަޕަކީ ރަށު ކައުންސިލުން އިސްނަގައިގެން ކްލަބް އޭދަފުއްޓާ ގުޅިގެން ކުރިއަށްގެންދިޔަ މުބާރާތެކެވެ. މި މުބާރާތުގައި ޖުމްލަ ފަސް ޓީމަކުން ވާދަކުރި އެވެ. ފިރިހެން ފުޓްބޯޅައިގެ އިތުރުން ކައުންސިލުން ވަނީ ވިމެންސް ފުޓްސަލް ކަޕެއް ވެސް ބާއްވައިފަ އެވެ. 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.