
ރ. އުނގޫފާރުން މިދިޔަ ހަފުތާގައި ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން، އެ ރަށަށް ދަތުރުކުރި އެންމެން ކަރަންޓީނުވެ، ނެގި ސާމްޕަލަކުން ޅ. ނައިފަރު ހޮސްޕިޓަލުގެ ނަރުހަކު ޕޮޒިޓިވްވެއްޖެ އެވެ.
ނައިފަރު ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ ޑިއުޓީ އަށް ނިކުމެ ގިނަ ބަޔަކާ ބައްދަލުވެފައިވާތީ، އެ ރަށަށް އަރައިފޭބުން މިހާރު މަނާކޮށްފައިވާ ކަމަށެވެ. ކޮންޓެކްޓް ޓްރޭސިން ހަދައި ނިމެންދެން، ހޮސްޕިޓަލުގެ އެއްވެސް މުވައްޒަފަކު އެތަނުން ނުނިކުންނާނެ ކަމަށް އޭނާ ވިދާޅުވިި އެވެ.
ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ނައިފަރު ކައުންސިލުން ބުންޏެވެ.
ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން މިހާތަނަށް 20 މީހަކު ދެނެގަނެވިފައިވާ ކަމަށާއި، އުނގޫފާރަށް ދަތުރުކުރި މީހުންގެ ތެރެއިން 60 ފަރާތެއް މިހާރު ކަރަންޓީނުގައި އެބަތިބި ކަމަށް ވެސް ހޮސްޕިޓަލުން ބުންޏެވެ.

