
މިދިޔަ ހަފުތާގައި ރ. އުނގޫފާރުން ކޮވިޑްގެ ފުރަތަމަ ކޭސް ފެނުމާ އެކު، މާޗު މަހުގެ ދެ ވަނަ ދުވަހުން ފެށިގެން ބ. އަތޮޅުގެ އެކި ރަށްރަށުުން އުނގޫފާރަށް ދަތުރުކުރި މީހުންގެ ތެރެއިން މިހާތަނަށް ޓެސްޓްކުރިން އެންމެންގެ ނަތީޖާ ނެގެޓިވް ވެފައިވާ ކަމަށް ބ. އަތޮޅު ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.
އުނގޫފާރުގައި ކޮވިޑްގެ ބަލިމަޑުކަން އޮތުމާ އެކު، މި މަހުގެ ދެ ވަނަ ދުވަހުން ފެށިގެން އެ ރަށަށް ދަތުރުކުރި އެންމެން ކަރަންޓީނުވާން ވަނީ އަންގައިފަ އެވެ.
ބ. އަތޮޅު ހޮސްޕިޓަލުން ބުނީ އުނގީފާރު ކްލަސްޓާއާ ގުޅިގެން ބ. އަތޮޅުން މިހާތަނަށް ޓެސްތްކުރި 400 އަށްވުރެ ގިނަ މީހުންގެ ނަތީޖާ ނެގެޓިވްވެފައިވާ ކަމަށެވެ.
“އުނގޫފާރު ކްލަސްޓާ އާ ގުޅިގެން ބ. އަތޮޅުން މިހާތަނަށް ޓެސްޓްކުރި 400 އަށްވުރެ ގިނަ މީހުންގެ ނަތީޖާ ނެގެޓިވް، މާދަމާ ވެސް އިތުރު ބައެއް ނަތީޖާ ލިބޭނެ،”
މި މަހުގެ ދެ ވަނަ ދުވަހުން ފެށިގެން އުނގޫފާރަށް ދަތުރުކުރި މީހުންގެ ތެރެއިން، މިހާތަނަށް ފަސް މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވި ވެފަ އެވެ. އެއީ ޅ. ނައިފަރުގެ އިތުރުން އެއަތޮޅު ހުޅުދުއްފާރުގެ މީހަކާއި މަޑުއްވަރީގެމީހެއްގެ އިތުރުން ކ. ދިއްފުށީގެ ދެ މީހަކު މިހާތަނަށް ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި އުނގޫފާރުން ހަ މީހަކަށް ވަނީ ބަލި ޖެހިފަ އެވެ.
މިހާރު އަންނަނީ، އެ ރަށްރަށް މޮނިޓަރިންއަށް ލައި، ކޮންޓެކްޓް ޓްރޭސިން ހަދަމުންނެވެ.

