
ބ. މާޅޮހުން އިއްޔެ ކޮވިޑް-19 އަށް ދެ ޓޫރިސްޓަކު ޕޮޒިޓިވްވުމާ ގުޅިގެން، އެ ދެ މީހުންނާ ކޮންޓެކްޓްވެގެން ނެގި ސާމްޕަލްތަކުން މާޅޮހުން މީހަކު ޕޮޒިޓިވްވެއްޖެ އެވެ.
މާޅޮހުގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ދެ ޓޫރިސްޓަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން އިއްޔެ ވަނީ އެ ރަށް އަރައިފޭބުން މަނާކޮށް، އެ ދެ މީހުންނާ ކޮންޓެކްޓްވި ހަތް މީހެއްގެ ސާމްޕަލް ނަގައިފަ އެވެ.
އޭގެ ތެރެއިން އެކަކު ރޭ ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އެ މީހާއާއި ކޮންޓެކްޓްވެފައިވާ އެހެން މީހުން ދެނެގަތުމަށް މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ރޭ ވެސް އިތުރު ބައެއްގެ ސާމްޕަލް ވަނީ ނަގައިފަ އެވެ.
ކޮންޓެކްޓްވެގެން ސާމްޕަލް ނެގި އިތުރު ބައެއްގެ ނަތީޖާ އަދި ލިބިފައެއް ނުވެ އެވެ.
މާޅޮހު މަޑިފިނޮޅު ގެސްޓް ހައުސްގައި ޗުއްޓީ ހޭދަކުރަމުންދިޔަ އިންޑިއާގެ ދެ ޓޫރިސްޓަކު ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ ފުރުމުގެ ކުރިން ނެގި ސާމްޕަލުންނެވެ.

