
ބ. ތުޅާދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެ އެވެ.
ކަރަންޓީނުގެ 10 ދުވަސް ހަމަވުމުން ކުރި ޓެސްޓުން ޕޮޒިޓިވްވެފައި ވަނީ އުމުރުން 36 އަހަރުގެ ބިދޭސީ ފިރިހެނެކެވެ.
ތުޅާދޫން މިހާތަނަށް ކޮވިޑް-19 އަށް އަށް މީހަކުވަނީ ޕޮޒިޓިވްވެފަ އެވެ. އެ އެންމެން ވެސް ޕޮޒިޓިވްވެފައިވަނީ ކަރަންޓީނުގެ މުއްދަތު ހަމަވެގެން ދޫކޮށްލަން ހަދާ ޓެސްޓުންނެވެ. އޭގެ ތެރެއިން އެކަކު ފިޔަވައި އެންމެން ވަނީ ބަލިން ރަނގަޅުވެފަ އެވެ.
ބ. އޭދަފުށިން ކޮވިޑް-19 އަށް ގިނަ އަދަދެއްގެ ބަޔަކު ޕޮޒިޓިވް ވުމާއި ގުޅިގެން، އޭޕްރިލް 1 ގެ ފަހުން އޭދަފުށީގައި އުޅުމަށްފަހު ތުޅާދޫއަށް ދަތުރުކޮށްފައިވާ 93 ފަރާތެއް ވަނީ ކަރަންޓީނު ކޮށްފައެވެ.
އޭދަފުށީގެ ކޮވިޑް ކޭސްތަކާ ގުޅިގެން ތުޅާދޫން ސާމްޕަލް ނެގި މީހުންގެ ތެރެއިން، މިހާތަނަށް ނަތީޖާ ލިބުނު ހުރިހާ ސާމްޕަލެއް ވަނީ ނެގެޓިވްވެ ފައެވެ.

