
އެފްއޭއެމް އާއި ދެކުނު ކޮރެއާގެ ސްކައި ވިންޑް ގްލޯބަލް ކުންފުނި ގުޅިގެން ޓާފް ދަނޑުތައް އެޅުމަށް ހަމަޖެހިފައިވާ 16 ރަށުގެ ނަން މިއަދު އިއުލާންކޮށްފި އެވެ.
މިގޮތުން ޓާފް ދަނޑުއަޅައިދޭން ނިންމާފައިވާ ރަށްތަކަކީ، ހއ. ކެލާ، ށ. ކޮމަންޑޫ، ރ. އިނގުރައިދޫ، ބ. ކަމަދޫ، ކ. ހުރާ، އއ. އުކުޅަސް، އއ. މާޅޮސް، އދ. ދަނގެތި، މ. ނާލާފުށި، ފ. ބިލެއްދޫ، ތ. ގުރައިދޫ، ތ. ވަންދޫ، ލ. މާބައިދޫ، ގއ. ގެމަނަފުށި، ގއ. ކޮލަމާފުށި އަދި ގދ. ނަޑެއްލާއެވެ.
މި ރަށްތައް ކަނޑައަޅާފައި ވަނީ، އެފްއޭއެމާއި ޔޫތު ސްޕޯޓްސް މިނިސްޓްރީ ގުޅިގެންނެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ މި ދަނޑުތަކަކީ ފީފާ އެޕްރޫވް ޓާފް ދަނޑުތަކެއް ކަމަށެވެ. އަދި ދަނޑުތަކުގެ މަސައްކަތް ނިމޭއިރު ވަށައިގެން ފެންސް ޖަހައި ރޭގަނޑު ކުޅެވޭ ގޮތަށް ލައިޓް ހަރުކޮށް އިލެކްޓްރޯނިކް ސްކޯ ބޯޑެއް ވެސް ހުންނާނެ ކަމަށް ބައްސާމް ވިދާޅުވި އެވެ.
ބައްސާމް ވިދާޅުވީ، މި ދަނޑުތައް އަޅަނީ 2023-2024 ގެ ދިވެހި ޕްރިމިއާ ލީގް މުޅި ރާއްޖެއަށް ފުޅާ ކުރުމުގެ އަމާޒުގައި ކަމަށެވެ.

