ޒޯން ޗެމްޕިއަންކަން މިފަހަރުވެސް އޭދަފުއްޓަށް

މިނިވަން ޗެންޕިއަންޝިޕްގެ ޒޯން 3 ގެ ޗެންޕިއަން ޓީމް އޭދަފުށި ޗެންޕިއަން ޓްރިފީއާއެކު | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
މިނިވަން ޗެންޕިއަންޝިޕްގެ ޒޯން 3 ގެ ޗެންޕިއަންކަން ހޯދި އޭދަފުށި  ޓީމް ޗެންޕިއަން ޓްރިފީއާއެކު | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

މިނިވަން ފުޓްބޯޅަ މުބާރާތުގެ ޒޯން 3 ގެ ޗެމްޕިއަންކަން ޖެހިޖެހިގެން ދެވަނަ ފަހަރަށް އޭދަފުށި ހޯދައިފި އެވެ. އޭދަފުށި ޒޯން ޗެމްޕިއަންކަން ހޯދީ މިއަދު ހަވީރު ޅ. އަތޮޅު ޗެމްޕިއަން ނައިފަރު 0-4 އިން ބަލިކޮށްގެންނެވެ.

ޒޯން މުބާރާތުގައި ކުޅުނު ދެމެޗުންވެސް ފަސޭހަ ކަމާއެކު މޮޅުވެ އޭދަފުއްޓަށް ޗެމްޕިއަންކަން ލިބުނީ 6 ޕޮއިންޓާއި އެކުއެވެ. މުބާރާތުގެ ދެވަނަ ލިބުނީ އެއް މެޗުން މޮޅުވި އިންނަމާދޫއަށެވެ. ކުޅުނު ދެމެޗުންވެސް ބަލިވި ނައިފަރަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ. ކުޅުނު ދެމެޗުގައި އޭދަފުށިން ވަނީ 8 ގޯލް ޖަހާފައެވެ. ބައިކޮޅަށް ވަނީ އެންމެ ގޯލެކެވެ.

މިއަދުގެ މެޗުގައި އޭދަފުށީ ޓީމުގެ ފުރަތަމަ ގޯލް މެޗުގެ 26 ވަނަ މިނިޓުގައި ޖެހީ އިޝާން އިބްރާހީމް (ސައްޓު) އެވެ. މިއީ މުޙައްމަދު ފާސިރު (ފާއްޓެ) ތަނަވަސް ކޮށްދިން ފުރުސަތެއްގައި ސައްޓު ޖެހި ގޯލެކެވެ. ދެވަނަ ގޯލް މެޗުގެ 38 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ ފުރަތަމަ މެޗުގައި ދެގޯލް ކާމިޔާބު ކުރި ފާއްޓޭ އެވެ. ތިންވަނަ ގޯލް ދެވަނަ ހާފްގައި ޖެހީ އާދަމް ނިޒާމް (ކިތުނާ) އެވެ. އޭދަފުށީގެ ފަހު ގޯލް މެޗް ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު ކުޅުންތެރިޔާ އަބްދުލް މަޖީދު އިބްރާހީމް (މަޖިއްޓޭ) އެވެ.

މިދިޔަ އަހަރު ބޭއްވި މިނިވަން ފަންސާސް ފުޓްބޯޅަ މުބާރާތުގެ ޒޯން ޗެމްޕިއަންކަންވެސް އެއްވެސް މެޗަކުން ބަލިނުވެ ހޯދީ އޭދަފުއްޓެވެ. އަދި އެ މުބާރާތުގެ ފައިނަލް ބުރުގައި އޭދަފުށީ ބަލިވީ ސެމީ ފައިނަލުންނެވެ. މި ކާމިޔާބީއާއެކު އޭދަފުށި ދެން ވާދަކުރާނީ ޒޯންތަކުގެ ޗެމްޕިއަނުންގެ މެދުގައި ކުޅޭ ފައިނަލް ބުރުގައެވެ. އޭދަފުށީ ޓީމުން މި ހޯދި ކާމިޔާބީއަށް “އީޓީ” ގެ ފަރާތުން މަރުހަބާ ކިޔަމެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.