
ބ. ތުޅާދޫން އިތުރު ހަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ކޮމިއުނިޓީ ސްޕްރެޑެއްގެ ބިރު ބޮޑުވެއްޖެ އެވެ.
ކޮވިޑްގެ އަލާމާތް ހުރެގެން ތުޅާދޫ ފްލޫ ކްލިނިކަށް ދެއްކި ހަތަރު މީހަކު ކޮވިޑަށް ޕޮޒިޓިވްވީ މި މަހުގެ 10 ވަނަ ދުވަހު އެވެ. އެއާ އެކު ރަށަށް އަރައިފޭބުން މަނާކޮށްފައި ވަނިކޮށް، އޭގެ އަނެއް ދުވަހު ފްލޫ ކްލިނިކަށް ދެއްކި އިތުރު ދެ މީހަކު ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ފަހުން ވެސް އިތުރު ބަޔަކު މިދިޔަ ހަފްތާތެރޭ އެ ބައްޔަށް ވަނީ ޕޮޒިޓިވްވެފައެވެ.
ތުޅާދޫން ސިއްހީ މަރުކަޒުން ރޭ އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ރޭގެ ނިޔަލަށް އެރަށުން 20 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އެންމެ ފަހުން ޕޮޒިޓިވްވީ ކުރިން ޕޮޒިޓިވް މީހުންނާއި ބައްދަލުވި ފަސް މީހަކާއި ފްލޫ ކްލިނިކަށް ދެއްކި މީހެކެވެ.
އެ ރަށަށް ބަލި ދިޔައީ ކިހިނެއްކަން ސާފެއް ނުވެ އެވެ. އެކަމަކު މޮނިޓަރިން އަށް ލުމުގެ ކުރިން ވެސް ރަށުގައި އަރިދަފުސް ރޯގާ އުޅޭތާ ދުވަސްކޮޅެއް ވެފައިވާ ކަމަށް އެރަށު ބައެއް މީހުން ބުނެއެވެ. އެފަދަ އަލާމާތްތަކެއް ފެނުނަސް، ރެންޑަމް ސާމްޕަލް ނަގައިފައެއް ނުވެ އެވެ.
ތުޅާދޫން އިއްޔެ ޕޮޒިޓިވްވި މީހުންގެ ތެރޭގައި އެރަށުގައި ގިނަބަޔަކު ބޯކޮށުމުގެ ޚިދުމަތް ހޯދަމުންދާ ތަނެއްގެ މުވައްޒަފެއް ހިމެނެއެވެ. އެހެންވެ އެރަށުގައި ކޮމިއުނިޓީ ސްޕްރެޑެއްގެ ބިރު އިތުރަށް ވަނީ ބޮޑުވެފަ އެވެ.
ތުޅާދުއެކޭ އެއްގޮތަށް އޭދަފުށީގައި ވެސް ހަލުއިކަމާއެކު ދަނީ ކޮވިޑު ފެތުރެމުންނެވެ. އޭދަފުށިން އިއްޔެ ފްލޫ ކްލިނިކަށް ދެއްކި ހަތަރު މީހުންނާއެކު މިހާތަނަށް ޖުމްލަ 222 މީހަކަށް ވަނީ ކޮވިޑް ޖެހިފައެވެ. އޭގެ ތެރެއިން 146 މިހާކު މިހާރު ވަނީ ބަލިން ރަނގަޅުވެފަ އެވެ.



ރަށުގެ ތަންކޮޅެއް މުއްސަނދި 2 އާއިލާގެ ދެކުދިން ކައިވެނި ޕާޓީއެއް ބާއްވާލީން.