
ނިމިދިޔަ ހަފްތާ ބަންދުގައި ކުރި ވިއްސާރައިގައި ބ. ކަމަދޫގެ ދޮންކެޔޮ ދަނޑުތައް ވަރަށް ބޮޑަށް ހަލާކުވެއްޖެ އެވެ.
އަރަބިކަނޑުގައި އުފެދުނު ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެ، ބާރުގަދަވިއިރު މިދިޔަ ހުކުރު ދުވަހުން ފެށިގެން ރާއްޖޭގެ އުތުރަށް ވަނީ ވަރަށް ބޮޑަށް ވައިގަދަވެ މޫސުން ގޯސްވެފަ އެވެ. އާދަޔާ ހިލާފަށް ވައިގަދަވެ، އެ ސަރަހައްދުގެ ބައެއް ރަށްރަށަށް ބޮޑެތި ގެއްލުންތަކެއް ލިބުނު އެވެ.
ކަމަދޫ ކައުންސިލުން ބުނިގޮތުގައި، މިދިޔަ ދެތިން ދުވަހު ކުރި މި ވިއްސާރައިގައި އެރަށުން 500 އަށްވުރެ ގިނަ ދޮންކެޔޮ ގަސް ވަނީ ވެއްޓިފަ އެވެ. އޭގެ ތެރެއިން ގިނަ ކެޔޮ ގަސްތަކުގައި ކެޔޮގަނޑު އަޅައި، ކެޔޮގަނޑު ހަރުވެފައި ހުރި ބައެއް ގަސްތައް ވެސް އޮތީ ވެއްޓިފަ އެވެ.
އެ ރަށުގައި ހައްދާ ދޮންކެޔޮ އާންމުކޮށް ވިއްކަނީ އޭދަފުއްޓަށާއި އަތޮލޫގެ އެހެން ބައެއް ރަށްރަށެވެ.
ކަމަދޫ ކައުންސިލުން ބުނީ ވިއްސާރައިގައި ދޮންކެޔޮ ދަނޑުތަކަށް ލިބުނު ގެއްލުން ކަމާބެހޭ ފަރާތްތަކާ ހިއްސާކޮށްފައިވާ ކަމަށެވެ.


