ކެންދޫ ސްކޫލުގެ ޓީޗަރުން ސަލާމް ބުނާތީ ބެލެނިވެރިން ސްކޫލު ބަންދުކޮށްފި

ހިތްހަމަ ނުޖެހުން ފާޅު ކުރުމަށް ބައެއް ބެލެނިވެރިން ސްކޫލް ދޮށުގައި
ހިތްހަމަ ނުޖެހުން ފާޅު ކުރުމަށް ބައެއް ބެލެނިވެރިން ސްކޫލް ދޮށުގައި

ބ. ކެންދޫ ސްކޫލު ޓީޗަރުން ގިނަގިނައިން ސަލާމް ބުނާ ކަމަށް ބުނެ އެ ރަށުގެ ބައެއް ބެލެނިވެރިން ނުކުމެ ސްކޫލުގައި މިއަދު ހެނދުނު ތަޅު އަޅުވައިފި އެވެ.

ބައެއް ބެލެނިވެރިން ނުކުމެ އެ ސްކޫލު ބަންދުކުރީ މިއަދު ހެނދުނުގެ ސެޝަނުގެ ކިޔެވުން ފެށުމުގެ ކުރިން ބައެއް ޓީޗަރުންނާއި ދަރިވަރުން ސްކޫލަށް ގޮސް ތިއްބައެވެ. އަދި ބަންދުކުރުމުގެ ކުރިން ވަނީ ސްކޫލު ދޮށަށް ގޮސް މުޒާހަރާވެސް ކޮށްފަ އެވެ.

މުޒާހަރާ ކުރަމުން ދިޔަ ބައެއް ބެލެނިވެރިން ބުނީ ޓީޗަރުން ގިނަގިނައިން ސަލާމް ބުނާއިރު، ގެއްލޭ މާއްދާތައް އެހެން ޓީޗަރުން ކިޔަވައި ނުދޭ ކަމަށެވެ.

އެތަނުގައި ތިބި އެހެން ބައެއް ބެލެނިވެރިން ޝަކުވާ ކުރިގޮތުގައި ޕްރައިމަރީ ގްރޭޑްތަކުގެ ގިނަ ޓީޗަރުން ސަލާމް ބުނާއިރު، ހުސްވާ އެ ގަޑިތައް ދެން އެހެން ޓީޗަރުންނަށް ނަގައެއް ނުދެވެ އެވެ.

އަދި ސްކޫލަށް ދިމާވާ މި ފަދަ މައްސަލަތަކުގެ ޒިންމާ ޕްރިންސިޕަލް އެންމެ ރަނގަޅަށް ނުނަގާ ކަމުގެ ޝަކުވާ ވެސް ބެލެނިވެރިން ކުރި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލް ޝަން އޮންލައިނަށް ވިދާޅުވީ ކެންދޫ ސްކޫލު މިއަދު ހެނދުނު ބެލެނިވެރިން ނުކުމެ ބަންދު ކުރި ކަމަށާއި ނަަމަވެސް ވާހަކަ ދައްކައިގެން އެކަން ހައްލު ކޮށްފައިވާ ކަމަށެވެ.

ސްކޫލުގެ ޓީޗަރުން މިދުވަސްކޮޅު ފުދޭ ވަރަކަށް ސަލާމް ބުނާ ކަމަށާއި މިނިސްޓްރީން ބެލި ބެލުމުން އެއީ އެ ރަށުގައި މިހާރު އުޅޭ ހުމެއްގެ ސަބަބުން ވާކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

“އެރަށުގައި ހުމެއް އެބަ އުޅޭ. އިއްޔެ ވެސް ގާތްގަނޑަކަށް ތިރީހަކަށް ކުދިން ސްކޫލަށް ނާދެ. ދެން ހަމަ އެގޮތަށް ސްކޫލުގެ ޓީޗަރުން ވެސް ފުދޭވަރަކަށް ސަލާމް ބުނާ ދުވަސްކޮޅެއް މިއީ،” އޮފިޝަލް ވިދާޅުވި އެވެ.

ކެންދޫ ސްކޫލުގައި ގާތްގަނޑަކަށް 200އެއްހާ ދަރިވަރުން ކިޔަވަމުން ގެންދެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.