މަބްރޫކް ދެވަނަ ދައުރަކަށް އަތޮޅު ކައުންސިލަށް ކުރިމަތިލައްވަނީ

މަބްރޫކް ނަސީރު
މަބްރޫކް ނަސީރު

ބ. އަތޮޅު ކައުންސިލުގެ އޭދަފުށީ ދާއިރާގެ މެމްބަރު މަބްރޫކް ނަސީރު އަންނަ ލޯކަލް ކައުންސިލު އިންތިހާބުގައިވެސް އޭދަފުށީ ދާއިރާއަށް ކުރިމަތިލައްވާނެކަން ހާމަކުރައްވައިފި އެވެ.

އެމްޑީޕީ ޓިކެޓްގައި މިދިޔަ އިންތިހާބުގައި އޭދަފުށީ ދާއިރާއަށް ހޮވިވަޑައިގެންނެވި އަދި މިހާރުގެ ކައުންސިލުގެ ނައިބް ރައީސް މަބްރޫކް ނަސީރު ދެވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އާންމުކުރެއްވީ އޭނާ މިއަދު ކުރެއްވީ ޓްވީޓެއްގަ އެވެ.

ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އޭދަފުށީ ދާއިރާއަށް މަބްރޫކުގެ އިތުރުން މިރަށު ތަރިވިދިގޭ އަބްދުﷲ އަޝްރަފުވެސް ކުރިމަތިލައްވާނެކަން ވަނީ ހާމަކޮށްފަ އެވެ.

އީޓީއަށް އެނގިފައިވާ ގޮތުގައި އަޝްރަފު ކުރިމަތިލައްވަނީ ޕީޕީއެމްގެ ޓިކެޓްގަ އެވެ.

ލޯކަލް ކައުންސިލު އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނީ އަންނަމަހުގެ 26 ގަ އެވެ. އިލެކްޝަންސް ކޮމިޝަނުގެ ކަލަންޑަރުގައިވާ ގޮތުން ކައުންސިލް އިންތިހާބު އޮންނާނީ އަންނަ އަހަރުގެ ޖެނުއަރީ 14 ގަ އެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބޯމަތިވެފައި ވަނިކޮށް މަޖިލީހުން ފާސްކުރި އިސްލާހުގައިވާ ގޮތުން ބ. އަތޮޅު ކައުންސިލްގެ މެމްބަރުން އިންތިހާބު ކުރާއިރު، މި އަތޮޅު ކައުންސިލަކަށް އިންތިހާބުކުރާނީ ކޮންމެ އިންތިހާބީ ދާއިރާއަކުން އެއް ކައުންސިލަރެކެވެ. އެހެންކަމުން މިފަހަރުގެ އިންތިހާބު ވަރަށް ވާދަވެރިވާނެކަމަށް ބެލެވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.