ކާފިއު ވަގުތު އިތުރުކުރަން ނިންމުމުން ރައްޔިތުން ރަތަށް!

އޭދަފުށީ ބަނދަރުމަތީގައި ބަޔަކު ހަރަކާތްތެރިވަނީ –ފޮޓޯ/އައިޝަތު ދިފްލާ

އޭދަފުށީގައި ކޮވިޑް-19 ގެކޭސްތައް އިތުރުވާތީ، އެ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްކަމަށްބުނެ، މާދަމާއިން ފެށިގެން އަނެއްކާވެސް 12 ގަޑިއަރަށް ކާފިއު ހިންގަން ކައުންސިލުން ނިންމުމާ ގުޅިގެން އެތައް ބަޔަކު ރުޅިގަދަވެ، ކައުންސިލަށް ފާޑު ކިޔަން ފަށައިފި އެވެ. 

ކައުންސިލުން އޭދަފުށީގައި ކޮވިޑްގެ ކޭސްތައް އިތުރުވާކަމަށްބުނެ ކާފިއުވަގުތު އިތުރުކުރަން ނިންމިއިރު، އެންމެ ފަހުން ބ. އަތޮޅު ހޮސްޕިޓަލުން އާއްމު ކޮށްފައިވާ އޭދަފުށީގެ ކޮވިޑް-19 ގެ ތަފާސް ހިސާބުތަކަށް ބަލާއިރު އޭދަފުށީގައި މިހާރު އެކްޓިވް ކޭސްގެ ގޮތުގައި ރެކޯޑް ކުރެވިފައި ވަނީ 21 މީހުންނެވެ. އަދި މިދިޔަ ދެތިން ދުވަހު އެއްވެސް މީހަކު ބައްޔަށް ޕޮޒިޓިވްވެފައެއް ނުވެއެވެ. 

އަދަދުތައް މިހެން ހުރުމާއެކު ވެސް، އޭދަފުށީގައި ކޮވިޑަށް ޕޮޒިޓިވްވާ ފަރާތްތައް އިތުރު ވަމުން އަންނަކަމަށް ބުނެ މާދަމާ ހަވީރު 4 އިން ފެށިގެން ފަތިހު 4 އަށް ކާފިއު ގަޑި ބަދަލުކުރުމަށް އޭދަފުށީ ކައުންސިލާއި، އޭދަފުށީ ކޮވިޑް ޓާސްކްފޯސް ކޮމިޓީއާއި ކަމާބެހޭ މުއައްސަސާތަކާއެކު ކުރެވުނު މަޝްވަރާތަކާ އެދުމުގެ މަތިން، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ނިންމާފަ އެވެ.

މި ނިންމުން ނިންމާފައި ވަނީ 15 ޖޫން ގައި ކައުންސިލްގެ ރައީސް މުހައްމަދު ފާތިހު ސޮއިކުރައްވައި ފޮނުވާފައިވާ ސިޓީއާ ހަވާލާދީކަމަށް ޑިރެކްޓަރ އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު، އޭދަފުށީ ކައުންސިލް އިދާރާއަށް މިއަދު ފޮނުވި ސިޓީގައި ވެއެވެ. 

އެކަމާ ގުޅޭ ގޮތުން ކައުންސިލަށް ފާޑުކިޔުން އަމާޒުވެފައިވާއިރު، އާއްމުން ވަނީ މިއީ ކާފިއު ވަގުތު އިތުރުކުރަން ހަމަ ރަނގަޅު ވަގުތެއްތޯ ސުވާލު އުފައްދައިފަ އެވެ. އަދި ކައުންސިލުން މިގޮތަށް ނިންމާފައި މިވަނީ ވަރަށްބޮޑަށް އޮޅުވާލާފައި ކަމަށްވެސް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ. 

“މިކަން ކުރުމުގެ ކުރިން ބަލާލަން ވާނެދޯ ކާފިއު އިއުލާން ކުރަން ހަމަ ރަނގަޅު ވަގުތެއްތޯ މީ. ކުރީ ކައުންސިލް އަށްވުރެއް ގަމާރު ކަމަށް ފެންނަނީ. ވޯޓް ދެވުނީމަ ދެރަވޭ މިހާރު،” އީޓީ އަށް ކޮމެންޓްކުރި މީހަކު ބުންޏެވެ. 

ބައެއް އާންމުން ބުނާ ގޮތުން އޭދަފުށީގައި ބާރަ ގަޑިއިރަށް ކާފިއު އިތުރުކުރުމަކީ ހައްލެއް ނޫން ކަމަށާއި މިއީ ފަހަތަށް އެޅި ފިޔަވަޅެއް ކަމަށާއި ސިކުނޑިން ވިސްނައިގެން ކަންކަން ކުރުމަށް އޭދަފުށީ ކައުންސިލަށް ގޮވާލައިފަ އެވެ. 

ފޭސްބުކްގައި ކޮމެންޓްކުރި އެހެން މީހަކު ބުނީ އޭދަފުށީގައި ކޮވިޑް ކޭސްތައް އިތުރުވާކަމަށްބުނެ ކައުންސިލުން އެޗްޕީއޭ އާ ހިއްސާ ކުރީ ސައްހަ މައުލޫމާތު ނޫން ކަމަށާއި މިފަދަ ކަމެއް ނިންމާއިރު ހުރިހާ މަސައްކަތްތެރިންނާ ދޭތެރޭ ވިސްނާލުން މުހިއްމު ކަމަށެވެ. 

އާއްމުން އަންނަނީ މި އިއުލާން މިހާރުން މިހާރަށް ބާތިލުކުރުމަށް ވެސް ގޮވާލަމުންނެވެ. 

ކައުންސިލުގެ އެ އިއުލާނުގައިވާ ގޮތުން  އޭދަފުށީގައި މާދަމާއިން ފެށިގެން ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން ފަތިހު 4:00 އަށް އެއްގަމު އުޅަނދު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުމެ އުޅުމަކީ މަނާކަމެކެވެ. 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.