ބ. ފެހެންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ބޮޑު ބައެއް މިހާރު ނިމިފައިވާ ކަމަށް، އެ މަސައްކަތްކުރާ އެމްޓީސީސީން ބުނެފި އެވެ.
އެމްޓީސީސީން ބުނީ ފެހެންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 89 ޕަސެންޓްގެ މަސައްކަތް ނިންމައި ކަނެކްޓިންގ ބްރިޖްގައި ސްލެބް އެޅުމުގެ މަސައްކަތް ފެށިފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން 25،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 18،500 ކިއުބިކް މީޓަރުގެ ހާބަ ބޭސިން ފުންކުރުމާއި، 130 މީޓަރުގެ ސަރަހައްދެއްގައި ބްރޭކްވޯޓަ ލުން ހިމެނެ އެވެ. އަދި 282 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 214 މީޓަރުގެ ސަރަހައްދެއްގައި ކީ ވޯލް ހެދުމާއި، ފާލަން އެޅުމާއި ނެރު ބައްތި ހަރުކުރުމުގެ އިތުރުން 558 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ވެސް ހިމެނެ އެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާ ސްޓްރާކްޗާއިން އެމްޓީސީސީއާ ހަވާލުކޮށްގެން ހިންގާ މި މަޝްރޫއަށް 45.1 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް ލަފާ ކުރެ އެވެ. މި މަޝްރޫއުގެ މަސައްކަތް ފަށާފައިވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގަ އެވެ.
އެމްޓީސީސީން އަންނަނީ ރާއްޖޭގެ އެކި ސަރަހައްދުގައި ތަރައްގީގެ މަޝްރޫއުތައް ހިންގަމުންނެވެ. އެގޮތުން ބިން ހިއްކުމުގެ މަޝްރޫއު އާއި އެއާޕޯޓު ތަރައްގީގެ މަޝްރޫއުތައް ވެސް އަންނަނީ ހިންގަމުންނެވެ.