ބ. ކަމަދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މީހަކު، އެރަށު ބަނދަރު ސަރަހައްދުން ހައްޔަރުކޮށް އޭނާގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.
އުމުރުން 27 އަހަރުގެ އެ ފިރިހެން މީހާ ހައްޔަރުކުރީ މިދިޔަ ހޯމަ ދުވަހު މާލެއިން ފުރައިގެން ކަމަދުއަށް ދަތުރުކުރަމުންދިޔަ ދޯންޏަކުން އެރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގަ އެވެ.
އޭނާގެ ހަށިގަނޑު ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއްހުރި ފިލްމް ހުސްކުރި ދަޅެއް ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.
މިއަތޮޅުގެ ބައެއް ރަށްރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ މީހުން ދޭތެރެދޭތެރެއިން ހައްޔަރުކުރެ އެވެ.
މި މައްސަލައިގެ އިތުރުން ފުލުހުން ވަނީ މަސްތުވާ ތަކެއްޗާއެކު ށ. މިލަންދޫ ބަނދަރުމަތިން ވެސް ދެ މީހަކު ހައްޔަރުކޮފަ އެވެ.
މި ދެ މައްސަލަ ވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.